ENGLISH
22 ޑިސެމްބަރު 2025
އާ އަހަރަށް މަރުހަބާ ކިޔަން "ކަލްޗަރ އެންޑް ފުޑް ފެސްޓިވަލެއް" ބާއްވަނީ
22 ޑިސެމްބަރު 2025
|
ދިވެހި ސަގާފަތާއި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއެކު އާ އަހަރަށް މަރުހަބާ ކިޔުމަށް "ކަލްޗަރ އެންޑް ފުޑް ފެސްޓިވަލެއް" ބާއްވަން ތައްޔާރުވެއްޖެއެވެ.
"ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް 2025" ގެ ނަމުގައި ބާއްވާ ހަރަކާތް ރާވާ، އިންތިޒާމްކުރަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ އަދި ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެންނެވެ.
މި ފެސްޓިވަލް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރުގެ 30 ވަނަ ދުވަހުން ފެށިގެން 1 ޖަނަވަރީ 2026 އަށް ކަމަށް ވިޒިޓް މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ވިޒިޓް މޯލްޑިވްސް އިން ވަނީ ހުޅުމާލޭގައި ބާއްވާ ކަލްޗާ އެންޑް ފުޑް ފެސްޓިވަލުގެ ތެރޭގައި ހިމެނޭ ކުޅިވަރުތައް ހިއްސާކޮށްފައެވެ.
އެގޮތުން 2024 ވަނަ އަހަރުގެ އާ އަހަރުގެ މުނާއްސަބަތާ ދިމާކޮށް ކުރިއަށްގެންދިޔަ މަގުބޫލު ހަރަކާތެއް ކަމުގައިވާ ޚާއްސަ ޑްރޯން ޝޯވ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މި ހަރަކާތްތަކުގެ އިތުރުން މިއަހަރުވެސް ތަފާތު ގިނަ ފުޑް ސްޓޯލްތައް ހިންގުމާއެކު، ހަވާ އެރުވުމާއި ސަގާފީ ހަރަކާތްތައް ވެސް ބޭއްވުމަށް ނިންމާފައިވެއެވެ.
މި ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކާއެކު ޕާޓްނާޝިޕް ގާއިމްކޮށް ސްޕޮންސާކުރުމުގެ ފުރުސަތު ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާފައެވެ.
"ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް 2025" ގައި ދިވެހިންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް ބައިވެރިވެވޭނެއެވެ. މި ފެސްޓިވަލަކީ ބައިވެރިވުމަށް ޝައުގުވެރިވާ ހުރިހާ އުމުރުފުރައަކާ ގުޅޭ އުފާވެރި ހަރަކާތަކަށް ވެގެންދާނެއެވެ.