ENGLISH
21 ޑިސެމްބަރު 2025
ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް: ލ. އަތޮޅުގެ ޗެމްޕިއަންކަން ގަމުން ހޯދައިފި
21 ޑިސެމްބަރު 2025
|
އެފްއޭއެމް އެޓޯލް ފުޓްބޯލް ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު ކުޅުނު ލ. އަތޮޅުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ކުނަހަންދޫ ބަލިކޮށް، ގަމުން ޗެމްޕިއަންކަން ހޯދައިފިއެވެ.
ގަމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-3 އިން ކުނަހަންދޫ ބަލިކޮށްގެންނެވެ.
މި މެޗުގައި ދެ ޓީމުން ޖެހި ހުރިހާ ގޯލެއްވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ގަމުން ލީޑުނެގީ އަލީ އަރުޝަދު ވައްދާލި ލަނޑުންނެވެ. މެޗުގެ 54 ވަނަ މިނެޓުގައި މިއީ އެ ޓީމުގެ ކެޕްޓަން، ހުސައިން ނާޝިދު ދިން ބޯޅައެއްގެ އެހީގައި އަރުޝަދު ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މެޗުނިމެން ދެ މިނެޓަށްވެފައިވަނިކޮށް ކުނަހަންދޫ އަށް އެއްވަރުކޮށްދިނީ ހާފުގެ މެދާ ހިސާބުން ފޮނުވާލި ހިލޭޖެހުމަކުން އިބްރާހިމް ސުހައިލް އެވެ.
މި ނަތީޖާއާއެކު، މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވެގެން ނިމުމުން ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ކުނަހަންދޫން ފޮނުވާލި ފަސް ޕެނަލްޓީގެތެރެއިން ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީ އެވެ. ކުނަހަންދޫ އަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އިބްރާހިމް ސުހައިލް އާއި މުޙައްމަދު މާއިޝްގެ އިތުރުން އަހުމަދު އާޒިމް އެވެ. އެ ޓީމުގެ އަހުމަދު އަފްސާން ފޮނުވާލި ޕެނަލްޓީ ގޯލްގެ ހުރަސްދަނޑީގައި ޖެހިފަ ބޭރަށް ދިޔައިރު، މުޙައްމަދު އަނިލް ފޮނުވާލި ޕެނަލްޓީ ގަމުގެ ކީޕަރު، މުޙައްމަދު ރަޝީދު ވަނީ މަތަކޮށްފައެވެ.
ގަމުން ފޮނުވާލި ފަސް ޕެނަލްޓީގެތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެ ޓީމަށް ނާކާމިޔާބުވީ އިބްރާހިމް ޝަރީފް ފޮނުވާލި ޕެނަލްޓީ އެކަންޏެވެ. އެ ބޯޅަ ފޮނުވާލުމުން ކުނަހަންދޫގެ ކީޕަރު، އަހުމަދު ނާސިފް މަތަކުރިއެވެ. ގަމުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ޢަބްދުﷲ ޝުއާއު، ތާއިއު ޢަބްދުލް ހަކީމް އާއި އަލީ އަރުޝަދުގެ އިތުރުން ހުސައިން ނާޝިދު އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގަމުގެ ގޯލްކީޕަރު، މުޙައްމަދު ރަޝީދު އެވެ.
މި ފަހަރުގެ އެޓޯލް ޗެމްޕިއަންޝިޕްގެ ލ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ގަމާއި، ރަނަރަޕް މަގާމު ހޯދި ކުނަހަންދޫ ވަނީ ރީޖަނަލް ލީގުގެ ކޮލިފައިންގ ބުރަށް ދަތުރުކޮށްފައެވެ.
އެފްއޭއެމުން އެކުލަވާލި އާ ފޯމެޓާއެކު ފެށި މި ފަހަރުގެ އަތޮޅު މުބާރާތުގައި 49 ޓީމަކުން ވަނީ ބައިވެރިވެފައެވެ.