ENGLISH

04 ފެބްރުއަރީ 2026

Advertisement

އެންމެ ޚާއްޞަ އެއް މަސައްކަތަކީ ލެބޯޓްރީ ނެތް 76 ރަށުގައި ޚިދުމަތް ޤާއިމުކުރުން: ވަޒީރު

21 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް. ފޮޓޯ: ޞިއްޙި ވުޒާރާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު، ލެބޯޓްރީގެ ޚިދުމަތް ނުލިބޭ 76 ރަށެއް ރާއްޖޭގައި އޮތް ކަމަށާއި، އެރަށްތަކުގައި ލެބޯޓްރީ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތަކީ ޞިއްޙީ ވުޒާރާގެ އެންމެ ޚާއްޞަ އެއް މަސައްކަތް ކަމަށް ޞިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

"އެމްއެމްޓީވީ" ގެ "ނިއުޅެމުންދާ ޚަބަރު" ގެ ސެގްމަންޓަކަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ، އެ ވުޒާރާއިން މިހާރު އަމާޒުކުރާ އެންމެ ބޮޑު ކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޞިއްޙީ ދާއިރާއިން ކަނޑައަޅުއްވާފައިވާ ޓާގެޓްތައް ޙާޞިލްކުރުމުގެ މަސައްކަތް ކަމަށެވެ.

މިހާރު ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު، މިއަހަރު ތެރޭގައި ބައެއް ރަށްރަށުގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމުކުރުމާއި، އަންނަ އަހަރު ނިމެންވާއިރަށް ބާކީ ރަށްތަކުގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމުކުރުމަކީ އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ލެބޯޓްރީތަކުގައި ޚިދުމަތް ޤާއިމުކުރާނީ ޓެކްނީޝަނުންނާއި މެޝިނަރީޒްއާ އެކު ކަމަށް ވަޒީރު ވިދާޅުވިއެވެ.  

"ރައީސް ވެރިކަމަށް ވަޑައިގެންނެވިއިރު ދިވެހިރާއްޖޭގަ އޮތް 76 ރަށެއް ލެބޯޓްރީގެ ޚިދުމަތް ނުދެވޭ. އެހެންނަމަވެސް ރައީސްގެ ވަޢުދުފުޅުގެ ތެރެއިން ޕޮއިންޓް އޮފް ކެއަރގެ އުޞޫލުން އަޅުގަނޑުމެން ވަނީ އެ ޚިދުމަތް މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ފަށާފައި" - ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް

ނާޒިމް ވިދާޅުވީ 76 ރަށުގައި ވެސް ފުލް ލެބޯޓްރީ ޤާއިމުކުރާނީ އެރަށެއްގެ އާބާދީއާ އެކަށޭނެ ވަރަށް ކަމަށެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެެވެ. އެ އަމާޒަށް ވާސިލްވުމަށް ގިނަ ރަށްތަކެއްގައި އެއްފަހަރާ އަންނަނީ އެ މަޝްރޫޢު ހިންގަމުންނެވެ. 

"ރައްޔިތުން ބޭނުންވަނީ އެއަށްވުރެ ވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް އެ ޚިދުމަތް ލިބެން. ރައީސް އަތޮޅު ތެރެއަށް ދަތުރުކުރެއްވީމަ ރައްޔިތުން ރައީސް އަރިހުން އެދިވަޑައިގަތީ މިކަންތައްތައް ކޮށްދެއްވުމަށް" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ޞިއްޙީ ދާއިރާއަކީ ރައްޔިތުންނާ ވަރަށް ގާތުން ޚިދުމަތް ދޭންޖެހޭ ދާއިރާއެއް ކަމަށެވެ. އެގޮތުން މެދުނުކެނޑި އެ ޚިދުމަތް މުޅި ރާއްޖޭގައި ދެމުންދޭތޯ ކޮންމެ ދުވަހަކު ކަށަވަރުކުރުމަކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.

ކޮންމެ ދުވަހަކު ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ކުރިއަށްދާގޮތް ބެއްލެވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގައި ހިމެނޭ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާ ގޮތް ބެއްލެވުމަކީ ވެސް މުހިއްމު ކަމެއްކަމުގައި ވަޒީރު ވިދާޅުވިއެވެ. އަދި، އެ ލަނޑުދަނޑިތައް އަންނަ އަހަރު ޙާޞިލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަން ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު