ENGLISH

21 ޑިސެމްބަރު 2025

Advertisement

ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެކަން ރައީސް އިޢުލާންކުރައްވައިފި

21 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

އަދަބީ މުބާރާތްތަކާއި އަތުލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.

ކުޑަކުދިންނަށް ޚާއްޞަ ފިލްމުތައް އުފެއްދުމަށް ހުޅުވާލައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވީ އަދަބީ ހަތަރު މުބާރާތަކާއި އަތުލިޔުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ތާރީޚު ކުދީންނަށް އުނގަންނައި ދިނުމުގައި ޒަމާނީ ގޮތްތައް ލިބިގަތުމަކީ މުހިއްމު ކަމެއް ކަމަށެވެ. 

ދުނިޔޭގެ އެހެނިހެން ބަސްތައް ދަސްކޮށްދޭން ވެސް ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ގޮތްތައް އުފައްދަމުން ދާކަމަށާއި ރާއްޖޭގައި ކުޑަކުދީން ބަލާނެ ކާޓޫނު ފިލްމު، ޤައުމީ އެކި ހާދިސާތަކުގެ ފިލްމު ނެތުމުން އެކަން ބައެއް ބޭފުޅުން ފާހަގަކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. 

"ވަކިން ޚާއްޞަކޮށް ރާއްޖޭން ބޭރުގައި އުޅުއްވާ ދިވެހި އާއިލާތަކާއި ރާއްޖޭގައި ވެސް ބެލެނިވެރީން އޮފީހުގައި ގިނަ ވަގުތު ހޭދަކުރައްވަން ޖެހިވަޑައިގަންނަވާ ހާލަތްތަކުގައި ކުޑަކުދިންނަށް ފައިދާހުރި ވަގުތުތަކަށް އެ ވަގުތުތައް ބަދަލުކޮށްލައްވަން ބެލެނިވެރީން ބޭނުންފުޅުވޭ" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އެކަމަށް ޙައްލު ގެނެސްދެއްވުމުގެ ގޮތުން، އަންނަ އަހަރު ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދީންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ބޮޑެތި އިނާމުތަކާއެކު ހުޅުވާލައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާނުކުރައްވާފައެވެ. 

ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެކަން އިޢުލާނުކުރެއްވުމުގެ އިތުރުން، ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހި ފޮތް ލިޔާ ފަރާތްތަކަށް ފޮތް ޗާޕުކުރުމުގައި ޚާއްޞަ ގޮތްތަކެއް އަންނަ އަހަރުން ފެށިގެން ސަރުކާރުން ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. 

ވަނަ ހޯދި ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިނާމު ޙަވާލުކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

އަދަބީ ހަރަކާތްތަކާއި އަތުލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ރޭ އޮތީ ހުޅުމާލެ ދެވަނަ ފިޔަވަހީފައި ހުންނަ ޞަލާޙުއްދީން ސްކޫލުގައެވެ. 

މުބާރާތްތައް ކުރިއަށްގެންދިޔައީ ދަށު ސާނަވީ ބަޔާއި ސާނަވީ ބައި އަދި މަތީ ސާނަވީ ބައިގެ އިތުރުން 18 އަހަރުން މަތީގެ މީހުންނަށެވެ. އެގޮތުން އަމިއްލަ މީހުންނާއި، އޮފީސްތަކާއި ކުންފުނިތައް އަދި ކްލަބް ޖަމިއްޔާތަކަށް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލިއެވެ. 

މުބާރާތްތައް ކުރިއަށްގެންދިޔައީ މުޅި ރާއްޖެއިން ޖުމްލަ 3000 އަށް ވުރެ ގިނަ ބައިވެރިންނާއެކުއެވެ. އެގޮތުން މަޒުމޫނު ލިޔުމުގެ މުބާރާތުގައި 1099 މީހުން ބައިވެރިވިއިރު، ކުރު ވާހަކަ ލިޔުމުގެ މުބާރާތުގައި 1023 މީހުން ބައިވެރިވެފައިވެއެވެ. ޅެން ހެދުމުގެ މުބާރާތުގައި 526 މީހުން ބައިވެރިވިއިރު ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވީ 298 މީހުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން ސަރުކާރުގެ ވަޒީރުން ވެސް ވަނީ ރޭގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަންނަވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު