ENGLISH
21 ޑިސެމްބަރު 2025
ދިވެހި ފޮތް ލިޔާ ފަރާތްތަކަށް، ފޮތް ޗާޕުކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިދެނީ
21 ޑިސެމްބަރު 2025
|
ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް އަންނަ އަހަރުން ފެށިގެން ސަރުކާރުން ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ރޭ ޞަލާހުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަދަބީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޞަލާޙުއްދީން ސްކޫލަށް ވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް
ދިވެހީން ދިވެހީންނަށް ވަނީ ދިވެހި ބަހުގެ ސަބަބުން ކަމަށާއި ދިވެހިބަސް އެއްޖީލުން އަނެއް ޖީލަށް ރައްކާތެރިކަމާއެކު ފޯރުކޮށްދޭން އޮތް ފުރުސަތަށް ބަލާއިރު، ކުޑަކުދީން ކިޔާނެ ދިވެހި ފޮތްތައް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކުޑަކުދިން ކިޔާނެ ފޮތްތައް ލިޔުއްވަން ބޭނުންވާ ފަރާތްތަކާއި މިހާރުވެސް ފޮތްތައް ލިޔުއްވަމުންދާ ފަރާތްތައް ތިއްބެވިކަން ފާހަގަކުރައްވާ، އެފަދަ ފޮތްތައް ޗާޕްކުރުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތައް ހުރިކަމުގެ ކަންބޮޑުވުން އެތައް ފަރާތްތަކަކުން ފާޅުކުރައްވަމުން ދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަކީ ޤައުމީ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ އެކަމާ އަޅާނުލައްވާ ދޫކޮށް ނުލައްވާނެ ކަމަށެވެ.
"މިއީ ޤައުމީ މައްސަލައެއް. މިއީ އަޅުގަނޑު އަޅާނުލައި ދޫކޮށްލާނެކަމެއް ނޫން. އަޅުގަނޑުމެންގެ ޅަދަރީންނަށާއި ޒުވާނުންނަށް އަޅުގަނޑުމެންގެ ދިވެހި މާދަރީ ބަސް ފޯރާނެ މަގުތައް ތަނަވަސްވެފައި އޮންނަން ޖެހޭނެ" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
އަދަބިއްޔާތަކީ ޤައުމެއްގެ ތަރިކައިގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބަހާއެއް ކަމަށާއި ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމަކީ ޤައުމެއް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާނެ އަސާސީ ދެ ހުނަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިދާއިރާ ކުރިއަރުވަން ސަރުކާރުން ދެއްވާ ސަމާލުކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ޢިލްމީ އަދަބީ އަޚްލާޤީ އަދި ސަގާފީ އިންޤިލާބީ ބަދަލެއް ގެނައުމަށް އެމަނިކުފާނު ބޭނުންފުޅުވާކަމަށެވެ.
ރޭގެ ރަސްމިއްޔާތުގައި ވަނީ އަދަބީ ހަތަރު މުބާރާތަކާއި އަތުލިޔުމުގެ މުބާރާތުގެ ވަނަތަކަށް އައި ފަރާތްތަކަށް އިނާމުދީފަ އެވެ.