ENGLISH

21 ޑިސެމްބަރު 2025

Advertisement

އަދަބީ މުބާރާތްތަކާއި އަތުލިޔުން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

21 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ދިވެހި ބަހުގެ އެކަޑެމީން ކުރިއަށްގެންދިޔަ އަދަބީ މުބާރާތްތަކާއި އަތުލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. 

ރޭ ޞަލާޙުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ. 

ދިވެހި ބަހުގެ އެކަޑެމީން ވަނީ އަދަބީ ހަތަރު މުބާރާތަކާއި އަތުލިޔުމުގެ މުބާރާތެއް ކުރިއަށްގެންގޮސްފައެވެ. 

މުބާރާތްތައް ކުރިއަށްގެންދިޔައީ މުޅި ރާއްޖެއިން ޖުމްލަ 3000 އަށް ވުރެ ގިނަ ބައިވެރިންނާއެކުއެވެ. އެގޮތުން މަޒުމޫނު ލިޔުމުގެ މުބާރާތުގައި 1099 މީހުން ބައިވެރިވިއިރު، ކުރު ވާހަކަ ލިޔުމުގެ މުބާރާތުގައި 1023 މީހުން ބައިވެރިވެފައިވެއެވެ. ޅެން ހެދުމުގެ މުބާރާތުގައި 526 މީހުން ބައިވެރިވިއިރު ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވީ 298 މީހުންނެވެ. 

ޞަލާޙުއްދީން ސްކޫލުގައި ރޭ އޮތް ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފްވެރިކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

މުބާރާތްތައް ކުރިއަށްގެންދިޔައީ ދަށު ސާނަވީ ބަޔާއި ސާނަވީ ބައި އަދި މަތީ ސާނަވީ ބައިގެ އިތުރުން 18 އަހަރުން މަތީގެ މީހުންނަށެވެ. އެގޮތުން އަމިއްލަ މީހުންނާއި، އޮފީސްތަކާއި ކުންފުނިތައް އަދް ކްލަބް ޖަމިއްޔާތަކަށް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލިއެވެ. 

މަޒުމޫނު ލިޔުމުގެ 40 ވަނަ ޤައުމީ މުބާރާތް ޚާއްޞަކުރީ އަލްއުސްތާޛް މުޙައްމަދު ޖަމީލް ދީދީގެ ހަނދާނުގައެވެ. 

އެ މުބާރާތުގެ ދަށު ސާނަވީ ބައިން އެއްވަނަ ހޯދީ ޝައިޚް އިބްރާހީމް ސްކޫލުގެ ދަރިވަރު އީޝާ އަޙްމަދު ޝިޔާމް އެވެ. ސާނަވީ ގިންތިން އެއްވަނަ ހޯދީ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ފާޠިމަތު ރަޢުފާ ރިޔާޒެވެ. މަތީ ސާނަވީ ބައިން އެއްވަނަ ހޯދީ ހުޅުމާލެ ސީއެޗްއެސްސީގެ ދަރިވަރު އީޒާން ޢަލީ އެވެ. 

ކުރު ވާހަކަ ލިޔުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި، ދަށު ސާނަވީ ގިންތިން އެއްވަނަ ހޯދީ ޖަމާލުއްދީން ސްކޫލުގެ ޒަކުވާން އަޙްމަދު އަބޫބަކުރު އެވެ. ސާނަވީ ގިންތިން އެއްވަނަ މަގޫދޫ ސްކޫލުގެ ފާޠިމަތު އަފްނާން މޫސާ ހޯދިއިރު، މަތީ ސާނަވީ ގިންތިން އެއްވަނަ ހޯދީ އިހަވަންދޫ ސްކޫލުގެ ޢާއިޝަތު ޒާނާ އަޙްމަދު ސިނާން އެވެ. 

ކުރު ވާހަކަ ލިޔުމުގެ އަމިއްލަ ފަރާތްތަކުގެ ބައިން 18 އަހަރުން ދަށުން އެއްވަނަ ހޯދީ ށ. ފޯކައިދޫ، މަރާމް، އާޔާ ބިންތު މުޙައްމަދު އެވެ. މި ކެޓަގަރީން 18 އަހަރުން މަތިން އެއްވަނަ ހާސިލްކުރީ ހދ. ކުޅުދުއްފުށި، ރޯޒް ވުޑް، ނުހާ ޙަސަން އެވެ. 

އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ޅެން ހެދުމުގެ 28 ވަނަ ޤައުމީ މުބާރާތުގައި ދަށު ސާނަވީ ގިންތިން އެއްވަނަ ހޯދީ އަމީނިއްޔާ ސްކޫލުގެ ދަރިވަރު ޢާއިޝަތު ރީޝަމް ހުޟާމް އެވެ. ސާނަވީ ގިންގިން އެއްވަނަ ހޯދީ އަމީނިއްޔާ ސްކޫލުގެ ޢާއިޝަތު ދީމާ އާދަމް ނަސީރު އެވެ. މަތީ ސާނަވީ ގިންތިން އެއްވަނަ ހޯދީ އިހަވަންދޫ ސްކޫލުގެ ޖަމީލަތު ޖަންނާ އެވެ. 

އަމިއްލަ ފަރާތްތަކަށް ހުޅުވާލި ޅެން ހެދުމުގެ މުބާރާތުގައި 18 އަހަރުން މަތީގެ އެއްވަނަ ހޯދީ ލ. ގަން، ޝަރުމާ ޢުމަރު އެވެ. 

ވާހަކަ ދެއްކުމުގެ 38 ވަނަ ޤައުމީ މުބާރާތުގައި ދަށު ސާނަވީ ކެޓަގަރީން އެއްވަނަ ހޯދީ މުޙިއްދީން ސްކޫލުގެ ޙައްވާ ހީރާ އެވެ. މި ބައިގައި ސާނަވީ ގިންތިން އެއްވަނަ ޙާސިލްކުރީ ހަމަދު ބިން ޚަލީފާ އަލްސާނީ ސްކޫލުގެ ދަރިވަރު ޢާއިޝަރު ހުސްނު މުޙައްމަދު އެވެ. މަތީ ސާނަވީ ބައިން އެއްވަނަ ހޯދީ މާލެ ސީއެޗްއެސްސީގެ ދަރިވަރު ޢާއިޝަތު ރާނާ ޢަލީ އެވެ. 

އަތު ލިޔުމުގެ މުބާރާތުން އަވަސް ތާނަ ލިޔުމުގެ ބައިން އެއްވަނަ ހޯދީ ކ. ގުޅީ ސްކޫލުގެ އަޙްމަދު ސަޢީދު އެވެ. ރީތި ތާނަ ބައިން އެއްވަނަ ހޯދީ ދ. މީދޫ، އިކްރާމް މޫސާ އެވެ. ފަރުމާ ތާނަ ބައިން އެއްވަނަ ހޯދީ ޖުޑީޝިއަލް ސަރވިސް ކޮމިޝަނުގެ ޝިފާނާ މޫސާ އެވެ. 

ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އާއި އިތުރު ބައެއް ވަޒީޒުން ބައިވެރިވަޑައިގެންނެވިއެވެ. 

ކިޔުންތެރިންގެ ހިޔާލު