ENGLISH
20 ޑިސެމްބަރު 2025
މަނާކުރި ފަހުން 73،000 އަށް ވުރެ ގިނަ ވޭޕްގެ ސާމާނު ހިފަހައްޓައިފި: ކަސްޓަމްސް
20 ޑިސެމްބަރު 2025
|
ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް ފާޠިމަތު ދިޔާނާ ނޫސްވެރިންގެ ބައްދަލުވުމުގައި. ފޮޓޯ: ކަސްޓަމްސް
ދުންފަތާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ވޭޕް ވިއްކުމާއި، ބޭނުންކުރުމުގެ އިތުރަށް ވޭޕްއާއި، އެއާ ގުޅުންހުރި ސާމާނު ރާއްޖެއަށް އެތެރެކުރުން މަނާކުރި ފަހުން، މިހާތަނަށް 73،000 އަށް ވުރެ ގިނާ ވޭޕްގެ ސާމާނު ހިފަހައްޓާފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް ފާޠިމަތު ދިޔާނާ ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރު މިފަދައިން ވިދާޅުވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ހިންގަމުންދާ ތަންފީޒީ އިދާރާތަކުގެ މަސައްކަތްތަކުގެ އަދާހަމަ ހާމަކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ޤާނޫނަށް އިޞްލާޙު ގެނެސް، ވޭޕް ވިއްކުމާއި، ބޭނުންކުރުމާއި ވޭޕްއާ ގުޅުންހުރި ތަކެތި މަނާކުރީ 2024 ނޮވެމްބަރު 15 އިން ފެށިގެންނެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިޔާނާ ވިދާޅުވީ، މަނާކުރި ފަހުން 185 މައްސަލައެއްގައި 73،000 ވޭޕްގެ ސާމާނު ހިފަހައްޓާފައިވާ ކަމަށެވެ. އަދި، ހަމަ މި މުއްދަތުގައި ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 24 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސިނގިރޭޓު ސްޓިކް އަތުލައިގެންފައިވާ ކަމަށް ދިޔާނާ ވިދާޅުވިއެވެ.
ރާއްޖެ އެތެރެކުރާ ވޭޕްގެ ބޮޑެތި ޝިޕްމަންޓުތައް ކަސްޓަމްސްއިން ވަނީ މިދިޔަ ދުވަސްތަކުގައި އަތުލައިގެންފައެވެ. އެގޮތުން ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއްގައި ޤާނޫނާއި ޤަވާއިދާ ޚިލާފު ތަކެތި ހުރެދާނެ ކަމަށް ކަސްޓަމްސް އަށް ފާހަގަކުރެވިގެން، ޑިސެމްބަރު ހަތަރު ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނުގައި ވަނީ ވޭޕްގެ ބޮޑު ޝިޕްމަންޓެއް އަތުލައިގެންފައެވެ.
އެ އޮޕަރޭޝަންގައި މުދާ ޝިޕްމަންޓް ބަލައިފާސްކުރިއިރު، 10800 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާއިރު އެތަކެތީގެ އަގު 2.7 މިލިއަން ރުފިޔާއަށް އަރައެވެ. އެއީ ޤާނޫނަށް ބަދަލު ގެނައި ފަހުން އަތުލައިގަތް އެންމެ ބޮޑު ޝިޕްމަންޓެވެ.