ENGLISH

19 ޑިސެމްބަރު 2025

Advertisement

އޮތެންޓިކް މޯލްޑިވްސްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އަލީބާބާގައި މިހާރު މުދާ ވިއްކޭނެ

19 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

އަލީބާބާގައި މުދާ ވިއްކޭނެ ގޮތުގެ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން

އޮތެންޓިކް މޯލްޑިވްސްގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އަލީބާބާ މެދުވެރިކޮށް މުދާ ވިއްކޭނެ ގޮތް ހަމަޖައްސައިފިއެވެ.

މިކަން ފާހަގަކުރައްވާ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ބިޒިނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ކުރެއްވި ބުރަ މަސައްކަތަށް މަރުހަބާ ދަންނަވައިފި އެވެ.

މި ކާމިޔާބީއާ އެކު ރާއްޖޭގެ 400 އަށް ވުރެ ގިނަ ވެންޑަރުންނަށް ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް އޮންލައިން ޕްލެޓް ފޯމް ކަމަށްވާ އަލީބާބާގައި އެމީހުންގެ އުފެއްދުންތައް ދައްކާލައި އަދި ވިއްކުމުގެ ފުރުސަތު ފަހިވެގެން ގޮސްފައިވާކަމަށް ވަޒީރު ވިދާޅުވި އެވެ.

ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބިގެންދާ ފުރުޞަތުތައް ފުޅާވެ، ވިޔަފާރިވެރިން ބާރުވެރިވެ، ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ އަމިއްލަ އުފެއްދުންތައް ޕްރޮމޯޓްކުރުމަށް ހުޅުވިގެން ދިޔަ މުހިއްމު ދޮރެއްގެ ގޮތުގައި ވަޒީރު މިކަން ސިފަކުރެއްވި އެވެ. އަދި މިކަމަކީ، ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑްގެ ސަބަބުން ރާއްޖޭގެ އިގްތިޞާދަށް ލިބިގެންދިޔަ ކުރިއެރުމުގެ މުހިއްމު މިސާލެއްކަން ވެސް ވަޒީރު ފާހަގަކުރެއްވި އެވެ. 

އަދި މިކަމުގެ ޝުކުރު ހައްގުވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ކަމަށާއި މިކަމުން ދައްކުވައިދެނީ ޑިޖިޓަލް ވިޔަފާރި އާއި އިގްތިޞާދު ކުރިއެރުވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުކަމަށް ވަޒީރު ވިދާޅުވި އެވެ. 

ރާއްޖޭގެެ ވިޔަފާރިތަކަށް އަލީބާބާ މެދުވެރިކޮށް މުދާ ވިއްކޭނެ ގޮތް ހަމަޖެހިފައިވާކަން ރައީސް އިއުލާން ކުރެއްވީ މިމަހުގެ 17 ވަނަ ދުވަހު ރޭ ބޭއްވި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދީ ބޭރުން ފައިސާ ގެނައުމުގައި ހުރި ދަތިތައްވެސް ހައްލުކޮށް ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެެވެ. އެގޮތުން އެ ވިޔަފާރިތަކާ ގުޅުން ހުރި ފަރާތްތަކާ ވަރަށް ގާތުން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިހާރު ޕޭޕަލްއާ އެކު ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަން ވެސް ފާހަގަކުރެއްވި އެެވެ.

ރައީސް ވިދާޅުވީ އުއްމީދަކީ އަންނަ މަހު އެކަމުގެ މަސައްކަތް ނިމި ޚިދުމަތް ފޯރުކޮށް ދެވިގެން ދިއުން ކަމަށެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިޖިޓަލް ވޮލެޓް ސްވައިޕްގެ ޚިދުމަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު