ENGLISH

19 ޑިސެމްބަރު 2025

Advertisement

ތިމާއާއި އަނެކުންގެ ރައްކާތެރިކަމަށް ސަމާލުވެވޭނީ މާތްﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ ބޭނުން ހިފައިގެން: ހުކުރު ޚުޠުބާ

19 ޑިސެމްބަރު 2025

|

މުޙައްމަދު އަދުހަމް

އަހަރެމެންގެ އަމިއްލަ ނަފުސާއި، އެހެންމީހުންގެ ރައްކާތެރިކަމާއި އަމާންކަމަށް ސަމާލުވެވޭނީ، މާތްﷲ އަހަރެމެންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"ތިމާއާއި އަނެކުންގެ ރައްކާތެރިކަމަށް ސަމާލުވާށެވެ!" މި މަޢުޟޫއަށް މުޅި ރާއްޖޭގައި މިއަދު ދިން ހުކުރު ޚުޠުބާގައި ބުނީ، ސިކުނޑިއާއި، ލޮލާއި، ގުނަވަންތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، ގުނައި އަދަދު ނުކުރެވޭހައި ގިނަ ނިޢުމަތްތައް މާތްﷲ އަހަރެމެންނަށް ދެއްވާފައިވާ ކަމަށެވެ.

"މާތް الله ދެއްވައިފައިވާ ހުރިހައި ނިޢުމަތްތަކަށް އިންސާނާ ޝުކުރުވެރިވާން ޖެހޭނެއެވެ. އެކަލާނގެ އަހަރެމެންނަށް ދެއްވި ނިޢުމަތްތަކުގެ ތެރޭގައި އަހަރެމެން ވިސްނައި ފިކުރުކުރުމުގެ ބާރުކަމުގައިވާ ބުއްދި ހިމެނެއެވެ. ހެޔޮ ގޮތުގައި ވިސްނައި ފިކުރުކުރުމަކީ، އެ ނިޢުމަތަށް ޝުކުރުކޮށް ޤަދަރުކުރުމެވެ. ފެނުމުގެ ނިޢުމަތް އެކަލާނގެ އަހަރެމެންނަށް ދެއްވިއެވެ. އެ ނިޢުމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ، ލޮލުގެ ބޭނުން ހިފާންޖެހޭ ކަންކަމުގައި، އެ ގުނަވަނުގެ ބޭނުންހިފުމެވެ." ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، އެއްގަމާއި، ކަނޑާއި، ވައިގެ ދަތުރުތަކުގައި ވިސްނުންތެރިކަމާ އެކު ލޮލުގެ ބޭނުންހިފާން ޖެހޭ ކަމަށާއި، އެއްގަމު އުޅަނދުތައް ދުއްވާ މީހުން ދަތުރުފަތުރާ ގުޅޭ ނިޝާންތަކާއި، އުޅަނދު ދުއްވާންވީ ބާރުމިން އަންގައިދޭ ބޯޑުތަކާއި، ޓުރެފިކް ލައިޓުތަކާއި، ޓުރެފިކް ޕޮލިހުގެ އިރުޝާދަށް ތަބަޢަވާން ޖެހޭނެ ކަމަށެވެ. އަދި، މަގުހިނގާ މީހުންނާއި، މަގުގެ ބޭނުންކުރާ މީހުން، މަގުމަތީގެ އަދަބުތަކާއި، ޙައްޤުތަކަށް ރައްކާތެރިވާންޖެހޭނެ ކަމަށް ވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.

"ކީރިތި ރަސޫލާ صلى الله عليه وسلمގެ ޒަމާނުގައި، އިންޖީނުލީ އުޅަނދެއް ނުހުރެއެވެ. އެހެންވެ، މި ޒަމާނުގައި މިހިރަ ފަދަ ޓުރެފިކް ޤަވާޢިދުތަކެއް އޭރަކު ނެތެވެ. ނަމަވެސް މަގުހިނގާ މީހުންގެ ޙައްޤުތަކާއި، މަގު ބޭނުންކުރާ މީހުން ތަބަޢަވާންޖެހޭ އުޞޫލުތަކާއި، ވާޖިބުތަކެއް އޭރު ވެސް ހުއްޓެވެ. އެ ޙައްޤުތަކާއި ވާޖިބުތަކުގެ ބޭނުމަކީ، ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަމެވެ. އެއްވެސް މީހަކަށް އަނެކާއާ ހުރެ އުނދަގުލެއް ފޯރިއަނުދިނުމެވެ. އެ މޭރުމުން ވިސްނައިލާ އިރު، މި ޒަމާނުގައި ހަދައިފައި ހުރި ޓްރެފިކް ޤަވާޢިދުތަކާއި އުޞޫލުތަކަކީ، އިސްލާމީ ޝަރީޢަތާ ތަޢާރުޟުވާ އެއްޗެއް ނޫނެވެ. އަދި ކިއެއްތަ! އެއާ އެއްގޮތަށް ޢަމަލުކުރުމަކީ ވާޖިބުކަމެކެވެ. އެ ޤަވަޢިދުތަކަކީ ޢާންމު މަޞްލަޙަތާއި، މީހުންގެ މުދަލާއި، ފަރުދުންނާއި، ޖަމާޢަތުގެ ރައްކާތެރިކަމަށް ޓަކައި، ހެދިފައިވާ އެއްޗަކަށްވާތީއެވެ. އިސްލާމް ދީނުގައި، ގެއްލުންދިނުމެއް އަދި ގެއްލުންލިބިގަތުމެއް ވެސް ނެތެވެ." ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، މަގުމަތި، އަމާން ތަނަކަށް ހެދުމަށް ޓަކައި ހުރި އިރުޝާދުތައް ކީރިތި ރަސޫލާ صلى الله عليه وسلمގެ ސުންނަތުން ފެންނާން އެބަހުރި ކަމަށާއި، މަގުމަތީގައި މީހަކަށް އުނދަގުލެއްވާ ގޮތަށް، ހުންނަ ތަކެތި އެއްފަރާތްކޮށްލުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް ކަމަށެވެ. އަދި، ދަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ދަތުރު ދުޢާ ކިއުމަކީ ޝަރުޢުކުރައްވާފައިވާ ކަމެއް ކަމަށް ވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.

ޚުޠުބާ ނިންމަވާލައްވަމުން ވަނީ، މަގުމަތީގައި ނުރައްކާތެރި ހާދިސާތައް އެންމެ ގިނައިން ހިނގަނީ، އުޅަނދުފަހަރު ދުއްވާ މީހުން ޤަވާޢިދާ ޚިލާފުވެގެން ކަމަށާއި، އަނެއްބައި ފަހަރު ފަރިތަކަމާއި، ކުޅަދާނަކަން ދަންކާން އުޅޭންހަދައިގެންކަން ފާހަގަކުރައްވާފައެވެ. އަދި، އަހަރެމެން މި ބިންމަތީގައި ހިނގައިބިނގައި އުޅޭން ޖެހޭނީ، ބޮޑާކަމެއް ނެތި ކަމަށާއި، ކިބުރުވެރިކަމާއި، ބޮޑާކަމާއި، ކަންދެއްކުމަކީ، މާތް الله ރުއްސަވާ ސިފަތަކެއްނޫންކަން ވެސް ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު