ENGLISH

04 ފެބްރުއަރީ 2026

Advertisement

މި ރައީސް މުޅީން ތަފާތު، ރައްޔިތުންނާއި ބައްދަލުކުރެއްވުމުގައި މިރޭވެސް ހަ ގަޑިއިރަށްވުރެ ގިނަ ވަގުތު

19 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

މިރޭގެ ބައްދަލްވުމުގައި ރައީސް ދޮށީ އުމުރުގެ ރައްޔިތަކާއި ބައްދަލު ކުރައްވަނީ --

މާލެ ސިޓީގެ ރަށްވެހީންނާއި އެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކާއި ޚިޔާލުތައް އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސިލްސިލާ ބައްދަލްވުންތަކެއް ބާއްވަވަން ފައްޓަވާފަ އެވެ. އެ ސިލްސިލާގެ ދަށުން ބައްދަލްވުންތައް ބާއްވަވަމުން ގެންދަވަނީ ރައްޔިތުން އެންމެ އެދޭ ގޮތަށް ކޮންމެ އަވަށަކަށް ވަކީން ބައްދަލްވުމެއްގެ ގޮތުގަ އެވެ.

އެފަދަ ކޮންމެ ބައްދަލްވުމެއް ހަތަރު ގަޑިއެއްހާ އިރަށް ދެމިގެންދެ އެވެ. ތިން ގަޑިއިރެއްހާއިރު ހޭދަ ކުރައްވަނީ ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގަ އެވެ. ބައެއް ރައްޔިތުން އެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޙާލަތު ބަޔާންކޮށް ދެ އެވެ. ދަތިތަކާއި އުނދަގޫވާ ކަންކަން ސީދާ ރައީސަށް ހުށައަޅުއްވަ އެވެ. އަނެއް ބަޔަކު އެ ބައެއްގެ ސިޔާސީ ވިސްނުމުގައި ރައީސަށް ނިސްބަތްކޮށް ވެސް ވާހަކަ ދައްކަ އެވެ. ނަމަވެސް އެ ހުރިހާ ވާހަކަތަކެއް ވަރަށް ޝައުޤުވެރިކަމާއެކު އެމަނިކުފާނު އަޑު އައްސަވަ އެވެ. ނޯޓް ކުރައްވަ އެވެ. 

ވަގުތުން ޙައްލުކޮށްދެވެން އޮތް ކަމެއް ނަމަ އެކަމެއް އެެ ބައްދަލްވުމުގައި އިޢުލާނު ކުރައްވަ އެވެ. އަދި ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކަށް ވަކިވަކީން ޖަވާބު ދެއްވަ އެވެ. އެވަގުތަށް ޖަވާބު ދެވެން ނެތް ކަންކަމުގައި ވަރަށް އަވަހަށް ޖަވާބު ދެއްވާނެ ކަމުގެ ޔަޤީންކަމާއި އުންމީދު ދެއްވަ އެވެ.

ބައްދަލްވުންތަކުގެ ރަސްމީ ބައި ނިމުމާއެކު ބައްދަލްވުން ނިންމަވައެއް ނުލަވަ އެވެ. އެ ބައްދަލްވުމުގެ ބައިވެރީން ވަކިވަކީން ބައްދަލުކުރައްވާން ބޭނުންވާތީ އެކަމަށް ފުރުސަތު ދެއްވަ އެވެ. އެކަމަށް ވެސް އެތައް ވަގުތެއް ހޭދަ ކުރައްވަ އެވެ. އެ ވަގުތުތަކުގައި ރައްޔިތުންގެ ފަރާތުން އަންނަ ސިޓީ ބިޓީތަކާއި ނޯޓްތަކާއި ހަވާލުވެވަޑައިގަންނަވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އެވެ.

ފޭސް ދޭއްގެ ބައްދަލްވުން ހަ ގަޑިއިރަށް ވުރެ ދިގު 

ރައްޔިތު ބައްދަލްވުންތަކުގެ ތެރެއިން މިރޭ ހުޅުމާލެ ފޭސް ދޭއްގައި ބޭއްވި ބައްދަލްވުން އެެހެން ހުރިހާ ބައްދަލްވުންތަކަށް ވުރެ ތަފާތެވެ. މިރޭގެ ބައްދަލްވުމުގެ ފުރަތަމަ ބައިގައި ތިން ގަޑިއިރު ހޭދަކުރެއްވި އެެވެ. ރައްޔިތުންނަށް ވާހަކަ ދައްކަން ފުރުސަތު ދެއްވި އެވެ.

ތިންގަޑިއިރު ރައްޔިތުންގެ ވާހަަކަތައް އަޑުއެއްސެވުމަށް ފަހު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުންތަކަށް ވަގުތުން ހައްލެއް ދެއްވި އެވެ. އެގޮތުން ހަތަރުހާސް ފްލެޓްގެ ކުލި ކުޑަކުރައްވަން ނިންމަވާ އެޑްވާންސް ބޮޑު ތަނުން ކުޑަކުރައްވަން ނިންމެވިކަން އިއުލާނު ކުރެއްވި އެވެ.

ފޭސް ދެއަކީ ދިރިއުޅެން ހިތްގައިމު އަވަށަކަށް ހައްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ. އަދި ރައްޔިތުންނާއި ވަކިވަކީން ވެސް ބައްދަލުކުރައްވާނެ ކަމަށް އިއުލާނު ކުރައްވާ ވަކިވަކީން ބައްދަލު ކުރައްވަން ފެއްޓެވި އެވެ. ރައްޔިތުންނާއި ވަކިވަކީން ބައްދަލުކުރެއްވުމުގައި ވެސް ތިންގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަކުރެއްވި އެވެ. ބައެއް އާންމުން ވަރަށް ދިގުކޮށް ރައީސްއާ ވާހަކަ ދެއްކެވި އެވެ. ބައެއް އާންމުން އައީ ސިޓީތަކާއި ނޯޓްތައް ހިފައިގެންނެވެ. އެ ސިޓީތަކާއި ނޯޓްތަކާއި ހަވާލުވެވަޑައިގެން ޖަވާބު ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ.

ރޭގަނޑު 9:00 ގައި ސޮލާޙުއްދީން ސުކޫލުގައި ފެށި ބައްދަލްވުން މެންދަމު 3:20އާ ހަމައަށް ދެމިގެންދިޔަ އެވެ. ރައީސްއާ ބައްދަލުކުރައްވަން ވަޑައިގެންނެވި ހުރިހާ ރައްޔިތުންނާއި ސަލާމް ކުރައްވާ އެ ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވި އެވެ.

ބައްދަލްވުންތަކުން ފެނަނީ ރައީސަށް އޮތް އިތުބާރު

ރައްޔިތުންގެ މިފަދަ ކޮންމެ ބައްދަލްވުމެއްގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެ އެވެ. ޚާއްސަކޮށް އަވަށްތަކުގެ ކަމުވޮށިގެންވާ ބޭފުޅުންނާއި އެކި ކަންކަމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ރައްޔިތުންނެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމެއްގެ އުންމީދުގައި ތިބި ރައްޔިތުންނާއި ބޭސްފަރުވާގެ ކަންކަމަށް އެދި ތިބި ރައްޔިތުންނާއި ވަޒީފާއާ އެ ނޫން އެކި ކަންކަމުގައި ކަންބޮޑުވުން އޮތް ރައްޔިތުން ހިމެނެ އެވެ.

އެ ބައްދަލްވުންތަކުގައި މިއިން ކޮންމެ ކަންބޮޑުވުމެއް ރައްޔިތުން ހިއްސާ ކުރަނީ އެއްވެސް ފޮރުވުމެއް ނެތި އިތުބާރާ އެކު އެވެ. އަދި ސިޓީ ބިޓީތަކާއި ނޯޓްތައް ރައީސަށް އަރުވަނީ އެ ސިޓީތަކާއި ނޯޓްތައް ވިދާޅުވެ މައްސަލަތަކަށް ކޮންމެ ވެސް ޙައްލެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން އޮތުމުންނެވެ.

ރައީސްއާ ބައްދަލްކުރެއްވުމަށް ބައެއް ރައްޔިތުން ތިން ހަތަރުގަޑިިއިރު އެ ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެހެން ރައީސުންނާއި ތަފާތުކަން ރައްޔިތުން ޤަބޫލުކުރާތީ އެވެ. މައްސަލަތައް ޙައްލުކޮށް ދެއްްވުމަށް އިޚްލާސްތެރިކަމާއެކު ރައީސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އެ ރައްޔިތުންނަށް އޮތުމުންނެވެ. ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައި ދެއްވުމަށް ރައީސް މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަަމަ އިތުބާރުވެސް އޮތުމުންނެވެ. އެހެން ނޫންނަމަ މި ފެންނަ މަންޒަރުތަކެއް ނުފެނުނީހެވެ.

ރައްޔިތުންގެ ޝަކުވާތައް އަޑުއެއްސެވުމަށް ކެބިނެޓްގެ ހުރިހާ ވަޒީރުންނާއެކު ރައީސުލްޖުމްހޫރިއްޔާ މިފަދަ ބައްދަލްވުމެއް ބާއްވަވާ މިއީ ފުރަތަމަ ފަހަރެވެ. އަމުދުން ރައްޔިތުންނާއި ވަކިވަކީން މިފަދައިން ބައްދަލުކުރައްވާ އެ ރައްޔިތުންގެ ވާހަކަތަކަށް މިގޮތަށް ފުރުސަތު ދެއްވި ދެވަނަ ވެރިއަކު މިރާއްޖެ އަދި ނުދެކެ އެވެ.

ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި މި ސިލްސިލާއާއެކު އެމަނިކުފާނު ތާރީޚުން ޖާގަ ހޯއްދެވީ މުޅިން ތަފާތު ރައީސެއްގެ ގޮތުގަ އެވެ. ރައްޔިތުންގެ ހުރިހާ ވާހަކަތަކެއް އަޑުއެއްސެވި އަދި އަޑުއެއްސެވުމަށް ލޯބިކުރައްވާ އެކަމަށް އެންމެ ދީލަތި ކަމާއެކު ވަގުތު ދެއްވި ރައީސްގެ ގޮތުގަ އެވެ. މިކަން ގިނަ ރައްޔިތުން ފާހަގަ ކުރަނީ އުފަލާއި ޝުކުރުވެރިކަމާ އެކުކަން ރައްޔިތުންގެ މޫނުމަތީން ފެންނަ މަންޒަރުތަކުން ޔަޤީން ކުރެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު