ENGLISH
04 ފެބްރުއަރީ 2026
ޕޯލްގެ ނަތީޖާއަކީ ރައީސްގެ ލީޑަރޝިޕަށް އޮތް އިތުބާރު ބޮޑުވަމުންދާކަމުގެ އިޝާރާތެއް: ވަޒީރު ސަޢީދު
18 ޑިސެމްބަރު 2025
|
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވެފައި. --ފޮޓޯ: މިނިސްޓްރީ
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ ތާއީދު އޮތް ގޮތް ހޯދުމަށް "ބާނި ސެންޓަރ ފޯ އިންޓަރނޭޝަނަލް ޕޮލިސީ" އިން ކުރިއަށްގެންދިޔަ ސާރވޭގެ ނަތީޖާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕާއި ސަރުކާރު ކުރިއަށްދާ ގޮތާމެދު ރައްޔިތުންގެ އިތުބާރު ބޮޑުވަމުންދާކަމުގެ ހެޔޮ އިޝާރާތެއް ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ވޯޓުލާ އާބާދީއަށް އަމާޒުކޮށް ހިންގި މި ސާރވޭގެ ނަތީޖާއިން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތާމެދު 62 އިންސައްތަ މީހުން ހިތްހަމަޖެހޭކަމަށް ދެއްކުމަކީ މުޅި ޤައުމުގައި ވެސް ރައީސުލްޖުމްޖޫރިއްޔާއަށް އޮތް ވަރުގަދަ ތާއީދާއި ތަރުހީބު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
ސަރުކާރުގެ ދައުރު ދެބައިވާން ގާތްވެފައިވަނިކޮށް ހާސިލުކުރެއްވީ މުހިއްމު ކާމިޔާބެއް ކަމަށް ފާހަގަކުރައްވައި ވަޒީރު ސަޢީދު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވެފައެވެ. ޕީއެންސީ އާއި މުޅި ދިވެހިރާއްޖެ ލީޑުކުރުމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އިތުރު ކާމިޔާބަށް އެދި ވަޑައިގަންނަވާ ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްފުޅާއެކު މިޤައުމަށް ފުރިހަމަ ކުރިއެރުމާއި ހަމަޖެހުން ލިބި، ރައްޔިތުންގެ އިތުބާރާއެކު 2028 ގައި ރައީސް ޑރ. މުޢީއްޒުއަށް ދެވަނަ ދައުރެއް ލިބިގެންދިޔުމަށް އެދި ދުޢާކުރައްވަމުންނެވެ.