ENGLISH

18 ޑިސެމްބަރު 2025

Advertisement

ޑްރަގުގެ 181 އޮޕަރޭޝަން މިއަހަރު ހިންގައި 951 މީހަކު ވަނީ ހައްޔަރުކޮށްފައި: ސީޕީ ނަވީން

18 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ކޮމިޝަނަރ އޮފް ޕޮލިސް ނަވީން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަނީ. ފޮޓޯ: ޕޮލިސް މީޑިއާ

ޑްރަގު އެންފޯސްމަންޓުން މިއަހަރު 181 އޮޕަރޭޝަން ހިންގައި 951 މީހަކު ޑްރަގު މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ. 

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ނަވީން ހާމަކުރެއްވީ 2025 ޖަނަވަރީ 1 އިން ފެށިގެން ޑިސެމްބަރު 15 ވަނަ ދުވަހުގެ ނިިޔަލަށް ލިބިފައިވާ ތަފާސްހިސާބެވެ. 

ސީޕީ ނަވީން ވިދާޅުވީ، އެ މުއްދަތުގައި މުޅި ރާއްޖޭގައި 14،950 މީހެއްގެ ބޮޑީޗެކު ފުލުހުން ހެދި ކަމަށެވެ. އަދި، ޑްރަގު މައްސަލަތަކުގައި 951 މީހުން ހައްޔަރުކުރިއިރު، އޭގެތެރޭގައި 121 ބިދޭސީން ހިމެނެއެވެ. ޑްރަގުގެ ވަބާގައި ޖެހިގެން އުޅޭ 291 މީހަކު ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) ގެ ރިހެބިލިޓޭޝަން ޕްރޮގްރާމަށް ފޮނުވާފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ. 

ޑްރަގުގެ މައްސަލަތަކުގައި އަތުލައިގަތް ތަކެތީގެ އަގު 865 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ސީޕީ ނަވީން ވިދާޅުވިއެވެ. 

މިއަހަރު ފުލުހުން ބެލި ޑްރަގުގެ މައްސަލަތަކުގެ ތެރެއިން 656 ކޭސް ތަޙުޤީގުކޮށް 263 މައްސަލަ މިހާރު ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ. 

ޑްރަގުގެ މައްސަލަތަކުގެ އިތުރުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހުއްޓުވުމަށް މޯލްޑިވްސް އިިމިގްރޭޝަނާއެކު ވެސް ފުލުހުން އަންނަނީ އޮޕަރޭޝަން ހިންގަމުންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް، ޤަވާއިދާ ޚިލާފުވެގެން 830 މީހުން އިމިގްރޭޝަނާ ޙަވާކުކޮށްފައިވާއިރު، އިމިގްރޭޝަންގެ ޤާނޫނާ ޚިލާފުވެގެން 278 މީހަކު  ފުލުހުން ވަނީ އިމިގްރޭޝަނާ ޙަވާލުކޮށްފައެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ނަވީން ވަނީ ރާއްޖޭގައި ހިންގަމުން އަންނަ ބޮޑެތި މައްސަލަތަކުގެ ކަންބޮޑުވުން ވެސް ޙިއްޞާކުރައްވައިފައެވެ. އެގޮތުން ސިނގިރޭޓުގެ ވިޔަފާރި ކުރުމުގައި ބިދޭސީންގެ ބައިވެރިވުން އިތުރުވުމާއި، ކުށްކުރުމުގައި ކުޑަކުދިން ބައިވެރިވާ މިންވަރު އިތުރުކަމަށް ވިދާޅުވިއެވެ. 

ނަވީން ވިދާޅުވީ ޤަވާއިދާ ޚިލާފަށް ގެންނަ ސިނގިރޭޓާއި ޑްރަގު ވެސް ތަންތަނަށް ގެންދިއުމުގައި ހަރަކާތްތެރިވަނީ ބިދޭސީން ކަމަށެވެ. އެގޮތުން ރީޓެއިލް ފިހާރަތަކަށް ޑެލިވަރީ ކުރަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ނުވަތަ ކޮންމެވެސް ކުންފުންޏެއްގެ ދަށުން ޤަވާއިދާ އެއްގޮތަށް އުޅޭ ބިދޭސީން ކަމަށް ސީޕީ ނަވީން ވިދާޅުވިއެވެ. 

"ރޭގަނޑުގެ ވަގުތުތަކުގައި އެމީހުންގެ (ބިދޭސީން) މަސައްކަތުން ބޭރުގެ ވަގުތުތަކުގައި ވެސް އެމީހުން އެބަ ސިނގިރޭޓު އެއްޗިހި ޑެލިވަރ ކުރޭ މާލޭގެ ސަރަޙައްދުތަކަށާއި އަދި އަތޮޅުތެރެއަށް ދާ ދޯނިތަކަށް ވެސް އެ ޑެލިވަރީ ކުރުމުގެ މަސައްކަތް އެމީހުން ކުރަމުންގެންދޭ. އެމީހުންނަށް އެނގޭ އޭގެ ފަހަތުގައިވާ ފަރާތްތަކަށް އެނގޭ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ބޭނުންހިފީމަ އެމީހުންނަށް ނިވަލުގައި ތިބެވޭކަން،" ސީޕީ ނަވީން ވިދާޅުވިއެވެ. 

ބިދޭސީން ޑީޕޯޓްކުރުމުން، ޤަވާއިދާ ޚިލާފަށް އުޅޭ އިތުރު ބިދޭސީން ހޯދައި ސިނގިރޭޓާއި އެހެނިހެން ތަކެތި ޑެލިވަރ ކުރުމުގެ މަސައްކަތް ފަށާ ކަމަށް ސީޕީ ނަވީން ވިދާޅުވިއެވެ. 

ފުލުހުން މަގުމަތި ޕެޓްރޯލްކުރާއިރު، މައްސަަތަކުގައި އާ މޫނުތައް ފެންނަ ކަމަށާއި، އޭގެތެރޭގައި ކުޑަކުދިން ގިނަކަން ސީޕީ ނަވީން ފާހަގަކުރެއްވިއެވެ. އެކުދިންގެ ތެރޭގައި 17 އަހަރުގެ ކުދިން ވެސް ފެންނަކަން ސީޕީ ފާހަގަކުރެއްވިއެވެ. 

ކުރިއަށް އޮތް ތަނުގައި އެކުދިން ކުށުގެ ތެރެއަށް ވަނުމުގެ ބިރު އޮތުމާއެކު، ބެލެނިވެރިންނަށް ސީޕީ ނަވީން އިލްތިމާސްކުރެއްވީ ކުދިންގެ ކަންކަން ގާތުން މޮނިޓަރ ކުރުމަށެވެ. 

ކިޔުންތެރިންގެ ހިޔާލު