ENGLISH

19 ޑިސެމްބަރު 2025

Advertisement

ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ 47 ވިޔަފާރިއަކާއި 54 މަސާޖުޕާލާއެއް ބަންދުކޮށްފި

18 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން އޮޕަރޭޝަނެއް ކުރިއަށްގެންދަނީ. ފޮޓޯ: އިމިގްރޭޝަން

ޤަވާއިދާ ޚިލާފަށް ބިދޭސީން ރާއްޖޭގައި ވިޔަފާރިކުރާ މައްސަލައިގައި މިހާތަނަށް 47 ވިޔަފާރިއެއް ބަންދުކޮށް، އަދި މަސާޖުޕާލާތައް ހިންގާ 54 ތަނެއް އަތުލައިގަނެ އެތަންތަން ބަންދުކޮށްފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. 

ވަޒީރު ވިދާޅުވީ ޤާނޫނުތައް ތަންފީޒުކުރުމާ ގުޅުންހުރި ކަންކަމުގެ ތެރެއިން ޚާއްޞަ އިސްކަމެއްދީގެން، ޖޮއިންޓް ޓާސްކްފޯސް އެކުލަވާލައި ދެ މަސައްކަތެއް ކުރައްވަމުންގެންދަވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ޤަވާއިދާ ޚިލާފާ ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމާއި، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ޤަވާއިދާ ޚިލާފަށް ހިންގާ މަސާޖުޕާލާތައް ހުއްޓުވުމުގެ މަސައްކަތެވެ.  

ވަޒީރު ވިދާޅުވީ، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އެހީއާއެކު ޖޮއިންޓް ޓާސްކްފޯސް ގުޅިގެން ކުރި މަސައްކަތުގައި ބިދޭސީންގެ 47 ވިޔަފާރިއެއް މިހާރު ބަންދުކޮށްފައިވާނެ ކަމަށެވެ. އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓްކުރުމަށް ހުޅުވާލުމުން މިހާތަނަށް 200 އަށް ވުރެ ގިނަ ޝަކުވާ ލިބިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ހުށަހެޅިފައިވާ ޝަކުވާތަކާއެކު، ރޯދައިގެ ކުރިން ބޮޑުބައެއް ނިންމާލުމުގެ މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. 

ބިދޭސީ ވިޔަފާރިވެރިންގެ މައްސަލަތަކުގެ ފަހަތުގައި ތިބެނީ ދިވެހިން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، އެ ވިޔަފާރިތައް ހިންގާ ގޮތް ދިވެހި އޯނަރަށް ވެސް ނޭނގި ބިދޭސީންގެ އެކައުންޓުތަކުގައި ފައިސާ ދައުރުކުރާކަމަށް ވަޒީރު ވިދާޅުވިއެވެ. 

ބިދޭސީން ވިޔަފާރީގެ ތެރޭގައި ޝާމިލުކޮށް ނަހަމަގޮތުގައި ބޭނުންކުރާ މީހުން މައްސަލަތައް ބެލުމަށް ވަނީ ނިންމައިފައެވެ. 

ވަޒީރު އެދިވަޑައިގަތީ ވިޔަފާރި ރަޖިސްޓްރީ ކުރުމަށްފަހު ބިދޭސީންގެ އަތްމައްޗަށް ވިޔަފާރި ދޫކޮށްނުލުމަށެވެ. އަދި، ޤަވާއިދާ ޚިލާފު އެފަދަ ވިޔަފާރިއެއް ކުރާނަމަ ވަގުތުން އެތަނެއް ބަންދުކުރުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ. 

މަސާޖުޕާލާތަން ބަންދުކުރުމުގެ މަސައްކަތް އެ ވުޒާރާއިން ފެށީ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހުގެ މަސައްކަތުން މިހާތަނަށް ވަނީ 54 ތަނެއް ބަންދުކޮށްފައެވެ. 

ވަޒީރު ވިދާޅުވީ މަސާޖުޕާލާތަކުގައި ތިބެނީ އެކި ނަންނަމުގައި ރާއްޖެ އައިސް ތިބޭ މީހުން ކަމަށެވެ. އެތަންތަން ހުއްޓުވައި އެމީހުންގެ މައްސަލަތައް ތަޙްޤީގީ އިދާރާތަކުން އަންނަނީ ބަލަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު