ENGLISH

18 ޑިސެމްބަރު 2025

Advertisement

ރާއްޖެ އިސްތިހާރުކުރުމާއި ޑިޖިޓަލް އިކޯސިސްޓަމް ހަރުދަނާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

18 ޑިސެމްބަރު 2025

|

މުޙައްމަދު ސަދާދު

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޔޫނިއަންޕޭ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްފަހު - ފޮޓޯ: ބީއެމްއެލް

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކުރުމަށާއި، ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓް ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޔޫނިއަންޕޭ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޔޫނިއަންޕޭ ކާޑު މެންބަރުންގެ މެދުގައި ރާއްޖެއަކީ އެންމެ މަޤްބޫލު ފަތުރުވެރި މަންޒިލުގެ ގޮތުގައި ޕްރޮމޯޓުކުރުމަށްޓަކައި މި އެއްބަސްވުމުގެ ދަށުން ބީއެމްއެލް، ޔޫނިއަންޕޭ، އަދި ވިޒިޓް މޯލްޑިވްސް ގުޅިގެން މަސައްކަތް ކުރާނެއެވެ. އެގޮތުން ރާއްޖޭން ފަތުރުވެރިންނަށް ލިބިދޭ ޚާއްސަ ކަންކަމާއި މިމަންޒިލުގެ ލާސާނީ ރީތިކަން ފާހަގަކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރު ކުރުމަށް މަސައްކަތް ކުރެވިގެންދާނެއެވެ.

މީގެ އިތުރުން، ޔޫނިއަންޕޭ ކާޑުތަކުން ރާއްޖޭގައި ކުރާ މުއާމަލާތްތަކުގެ ސެޓްލްމެންޓް އެޖެންޓް ބޭންކުގެ ގޮތުގައި ބީއެމްއެލް ހަމަޖެއްސުމަށް ވެސް ޔޫނިއަންޕޭ އިންވަނީ ނިންމާފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ޔޫނިއަންޕޭ އަދި ވިޒިޓް މޯލްޑިވްސްއާއެކު މިފަދަ މުހިންމު މަޝްރޫޢެއްގައި ބައިވެރިވުމަކީ ލިބިލައްވާ އުފަލެއް ކަމަށާއި، މިއާއެކު ޑިޖިޓަލް ޕޭމަންޓް އިކޯސިސްޓަމް އިތުރަށް ވަރުގަދަވެ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތައް ވެސް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

"ޔޫނިއަންޕޭ ކާޑުތަކުން ކުރާ މުއާމަލާތްތަކުގެ ސެޓްލްމެންޓް އެޖެންޓް ބޭޏްކެއްގެ ގޮތުގައި ބީއެމްއެލް ހަމަޖެހިގެން ދިއުމަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ރައްކާތެރި އަދި ލުއިފަސޭހަ ޕޭމަންޓް ސޮލިއުޝަންތަކެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމުގެ ރަމްޒެއް،" ޝަރީފް ވިދާޅުވިއެވެ.   

ބީއެމްއެލްގެ ކާޑު މެޝިންތަކުންނާއި މަރޝަންޓް ޕޯޓަލްގައި ޔޫނިއަންޕޭ ކާޑުތައް މިހާރުވެސް ބަލައިގަނެއެވެ. ހަމައެހެންމެ، އެމެރިކަން އެކްސްޕްރެސް، ވީސާ، މާސްޓަރކާޑް، އަދި ޔޫނިއަންޕޭ ފަދަ މައިގަނޑު ހުރިހާ ކްރެޑިޓް އަދި ޑެބިޓް ކާޑު ނެޓްވޯކްތަކުގެ އިތުރުން، ބީއެމްއެލް ޕޭ، ވޭސިންގ ޕޭ، އަލިޕޭ، އެޕަލް ޕޭ، އަދި ގޫގުލް ޕޭ ފަދަ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ވޮލެޓްތަކުން ކުރާ މުއާމަލާތްތައް ވެސް ބީއެމްއެލް އިން ޕްރޮސެސް ކުރެއެވެ.

ބީއެމްއެލް އިން ދަނީ މަރޝަންޓް ޕޯޓަލް އަދި އެމްޕީއޯއެސް އެޕް ބޭނުންކޮށްގެން، މަރޝަންޓުންނަށް ފުރިހަމަ މާލީ ހައްލުތަކެއް އޮންލައިންކޮށް ފޯރުކޮށްދެމުންނެވެ. އަދި ރިއަލް-ޓައިމް ޕޭމަންޓް ރިކުއެސްޓްތައް ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމާއެކު، މުޢާމަލާތްތައް މޮނިޓަރ ކުރުމާއި، އޮންލައިން ސްޓޯރުގެ އޮޕަރޭޝަންތައް ހުއްޓުމެއްނެތި މެނޭޖްކުރުމުގައި ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭ ކަމުގައި ވެސް ބީއެމްއެލް އިން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު