ENGLISH

18 ޑިސެމްބަރު 2025

Advertisement

އިދާރާތަކުގެ މަސައްކަތް ގުޅުވައިދޭ ޑޭޓާ އެކްސްޗޭންޖް ލޭޔަރއެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި

18 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ވަޒީރު ޢަލީ އިޙްސާން. އެ ވުޒާރާއިން ކުރާ މަސައްކަތްތަކުގެ އަދާހަމަ ހާމަކުރުމަށް މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި.

ދައުލަތުގެ އިދާރާތަކުން ވަކިވަކިން ކުރަމުން އަންނަ މަސައްކަތް ހުއްޓާލައި، އެއް ވިއުގައަކުން ހުރިހާ އިދާރާތަކެއް ގުޅުވާލަދޭނެ "ޑޭޓާ އެކްސްޗޭންޖް ލޭޔަރ" އެ ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. 

ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް މޯލްޑިވްސް 2.0 ގެ ދަށުން ކުރަމުން އަންނަ އެ މުހިއްމު މަސައްކަތުގެ މަޢުލޫމާތު ވަޒީރު ޢަލީ އިޙްސާން ހާމަކުރެއްވީ މިއަދު އެ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. 

"މި މަސައްކަތަކީ ދައުލަތުގެ އިދާރާތައް ވަކިވަކިން ސިސްޓަމްތައް ހަދައިގެން އޮޕަރޭޓް ކުރަމުންދާ ދިއުން ހުއްޓުވުމަކަށް ގެނެސް މި ހުރިހާ އިދާރާއެއް ވެސް އެއް ވިއުގައެއްގެ ތެރެއިން ގުޅިފައިވާ ގޮތަކަށް ޚިދުމަތްތައް ބައްޓަންކުރުން" - ވަޒީރު ޢަލީ އިޙްސާން

ވަޒީރު ވިދާޅުވީ މި މަސައްކަތް ކުރެވުމުން، އެއް އިދާރާއިން އަނެއް އިދާރާއަކަށް ދޭ މަޢުލޫމާތު އެއް ވިއުގައަކުން ލިބެން ހުންނާނެ ކަމަށެވެ. މިސާލެއްގެ ގޮތުގައި ވަޒީރު ވިދާޅުވީ، އެކި އިދާރާތަކުން ދީފަ ހުންނަ ބިޒްނަސް ރެޖިސްޓްރީތަކުގެ ކޮޕީ ދިނުމާއި ލައިސަންސް ފަދަ ތަކެތި އަބަދު އިދާރާތަކަށް ފޯރުކޮށްދިނުން އާ ވިއުގައާއެކު ހުއްޓޭނެ ކަމަށެވެ. 

އާ ޚިދުމަތުގެ ދަށުން ރައްޔިތު މީހާ ކަމަކަށް އެދުމުން، އެޕްލައި ކުރާ އިދާރާތަކަށް އެ މަޢުލޫމާތުތައް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާރު ސިސްޓަމް އޮންނަ ގޮތުން އެއް އިދާރާއަކުން ލިބެންޖެހޭ މަޢުލޫމާތު ލިބުމުގައި ލަސްތަކެއް އައުމާއި، ބައެއް ފަހަރު ބައެއް ލިޔެކިޔުންތައް އިދާރާތަކުން ބަލައިނުގަންނަ މައްސަލަ ވަރަށް ބޮޑުކަމަށް ވަޒީރު ވިދާޅުވިއެވެ. 

މިކަމަށް ޙައްލުގެނައުމުގެ ގޮތުން، ޑޭޓާ އެކްސްޗޭންޖް ލޭޔަރގެ މަސައްކަތަކީ މޯލްޑިވްސް 2.0 ގެ ތެރެއިން ކުރެވޭ އެންމެ ބޮޑު މަސައްކަތް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. 

މޯލްޑިވްސް 2.0 ގެ ދަށުން 2028 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މަގުޗާޓެއް އެކުލަވާލައި މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. ވަޒީރު ވިދާޅުވީ އޭގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރުގެ މަސައްކަތްތަކުގެ ތެރޭގައި ކަރުދާސް ބޭނުންކުރުން ހުއްޓުވުން ކަމަށެވެ. އަންނަ އަހަރުގެ ފެބްރުވަރީ މަސް ފެށޭއިރު އޮފީސްތަކުގައި ކަރުދާސް ބޭނުންނުކުރެވޭ ވަރަށް ޑިޖިޓަލް ނިޒާމް ހަރުދަނާކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. 

އާއްމު ޚިދުމަތްތައް ހޯދުމުގައި އައިޑީ ކާޑު ޑިޖިޓަލައިޒްކޮށް ސްމާޓް އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، ރާއްޖޭގައި މިހާރު ވެސް އުމުރުން 10 އަހަރަށް ވުރެ ދޮށީ އުމުރުގެ 272،000 ދިވެހީން ޑިޖިޓަލް ނިޒާމުގެ ތެރެއަށް ގެނެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ އައިޑީ ކާޑު ގެންގުޅޭ ނިސްބަތުގެ 80 އިންސައްތައެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާ ދިމާކޮށް ވެސް ޑިޖިޓަލް އައިޑީ ކާޑު ހައްދާ މިންވަރު އިތުރުވެފައިވާކަން ވަޒީރު ފާހަގަކުރެެއްވިއެވެ. އަދި، ވަން ގަވްގައި މީގެކުރިން ހިމެނިފައިނުވާ 17 އިދާރާއެއް މިހާރު ވަންގަވްގައި ހިމެނޭކަން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޢަލީ އިޙްސާން އިޢުލާނުކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު