ENGLISH
18 ޑިސެމްބަރު 2025
މިހާތަނަށް 202،000 ބިދޭސީންގެ މަޢުލޫމާތު ނަގައި އަޕްޑޭޓްކޮށްފިން: ވަޒީރު
18 ޑިސެމްބަރު 2025
|
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރަނީ. ބިދޭސީންގެ މަޢުލޫމާތު އަދާހަމަ ކުރުމުގައި ބޮޑު ކުރިއެރުމެއް ވަނީ ހޯދާފައި. ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި ބިދޭސީންގެ މައްސަލަ އޮތީ އަޑިނޭނގޭހާ ގޯސްކޮށް ކަމަށާއި، ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ފެށި މަސައްކަތުގައި މިހާތަނަށް 202،000 ބިދޭސީންގެ މަޢުލޫމާތު ނަގައި ސިސްޓަމްގައި އަޕްޑޭޓްކޮށްފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ޙަވާލުވީއިރު، ބިދޭސީންގެ މަޢުލޫމާތުތައް ޞައްޙަ ގޮތުގައި ބެލެހެއްޓިފައި ނެތް ކަމަށާއި، އެވަގުތު އިޝޫކޮށްފައިވާ ވޯކް ޕާމިޓުގައި ބިދޭސީން ކުރަމުންގެންދާ މަސައްކަތްތައް ބެލިފައިނުވާއިރު، އެމީހުން އުޅޭ ތަނެއް ވެސް ނޭނގޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމާއެކު "އޮޕަރޭޝަން ކުރަނގި" 2024 މެއި 2 ވަނަ ދުވަހު ފެށީ، ތިން އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލައަށް ޙައްލު ގެނައުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ އެކި ފޭސްތަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ މަސައްކަތުގެ އަދާހަމަ ޙިއްޞާކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ ފޭސް އެކެއްގައި މާލެ ސަރަޙައްދު ބެލިއިރު ފޭސް ދޭއްގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކާއި އިންޑަސްޓްރިއަލް ރަށްތަކުގެ އިތުރުން ރިސޯޓުތައް ހިމެނޭހެން އޮޕަރޭޝަން ފުޅާކުރެއްވި ކަމަށެވެ.
ބިދޭސީންގެ މަޢުލޫމާތު ނެގުމަށް ފެށި މަސައްކަތުގައި މިހާތަނަށް 202،000 ބިދޭސީންގެ މަޢުލޫމާތު ސިސްޓަމަށް އަޕްޑޭޓްކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެކަމަށް ކުރެވުނު ގިނަ މަސައްކަތްތަކާ އެކު އަންދާޒާކޮށްފައިވާ ތިން އަހަރުގެ މުއްދަތަށް ވުރެ އަވަހަށް ބިދޭސީންގެ މަޢުލޫމާތު އެއްކޮށް ނިމޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ބިދޭސީންގެ މައްސަލައިގައި ތިންވަނަ ފޭސްގެ މަސައްކަތް 2026 ޖަނަވަރީ 1 ވަނަ ދުވަހު ފައްޓަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ތިން މަސް ދުވަހުގެ މުއްދަތަށް ކުރާ އެ މަސައްކަތުގައި، މިވަގުތު ފިންގަރ ޕްރިންޓް ނަގާފައިވާ މީހުންގެ ތެރެއިން ޤަވާއިދާ ޚިލާފަށް ތިބި މީހުން ދެނެގަނެ، ޤަވާއިދަށް ފެއްތުމުގެ މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ފިންގަރ ޕްރިންޓް ނަގާފައިވާ މީހުންގެ ތެރޭގައި ރާއްޖޭގައި ސްޕޮންސަރެއް ނެތް މީހުންނާއި، ފިލައިގެން އުޅޭ މީހުން ވެސް ހިމެނޭ ކަމަށެވެ. އެމީހުންގެ ޙާލަތު ބަލައި ޞައްޙަ ވޯކް ޕާމިޓެއް އަރުވަން ދޭނީ ތިން މަސްދުވަހުގެ މުއްދަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، އެކަމަށް މަސައްކަތް ފެށުމަށް ބިދޭސީންނާ ޙަވާލުވެފައިވާ ފަރާތްތަކަށް ވަޒީރު ޢިލްތިމާސްކުރެއްވިއެވެ.
ފޭސް ހަތަރެއްގެ މަސައްކަތް 2026 އޭޕްރީލް 2 ވަނަ ދުވަހު ފަށައި، އެދުވަހާއި ހަމައަށް ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން ޑީޕޯޓްކުރަން ފައްޓަވާނެކަމަށް ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
2025 ނޮވެމްބަރު 15 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ފިންގަރ ޕްރިންޓް ނުދީ އުޅުނު ބިދޭސީންގެ ތެރެއިން 509 ބިދޭސީން ރާއްޖޭން ފުރުވާލާފައިވާއިރު، މިދިޔަ ދެއަހަރުތެރޭ 9697 ބިދޭސީން ޑީޕޯޓްކޮށްފައިވާނެކަމަށް ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.