ENGLISH

18 ޑިސެމްބަރު 2025

Advertisement

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެ އުޅުނު ލަންކާގެ ދެ މަސްބޯޓު ހިފަހައްޓައިފި

18 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

އެމްއެންޑީއެފް އެއަރ ކޯރ ޑްރޯންގެ އެހީގައި އަތުލައިގަތް ލަންކާގެ މަސްބޯޓު. -- ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ ހިދުމަތުން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ މި ބޯޓުތައް ހިފަހައްޓާފައި ވަނީ، ސަރަހައްދީ ގައުމުތަކުން ހިއްސާކުރި މައުލޫމާތުގެ ޒަރިއްޔާއިން، އެއްކުރި މައުލޫމާތުގެ އަލީގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއަރ ކޯރއިން ހިންގި ސަރވެއިލަންސް އޮޕަރޭޝަނެއްގެ ދަށުން ކަމަށެވެ. އަދި ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އިއްޔެ ހެނދުނު 8:30 ހާއިރު، ހއ. ކެލާގެ އިރުން 51 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަނިކޮށް ކަމަށެވެ.

މި ދެ ބޯޓު މިހާރު ވަނީ ކުޅުދުއްފުށީ ސިޓީ ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކޮށްފައި ކަމަށާއި އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު ދަނީ މިކަމާ ގުޅޭ ތަހުޤީޤު ކުރަމުން ކަމަށްވެސް އެ ހިދުމަތުން ބުންޏެވެ.

އެމްއެންޑީއެފް އިން އަންނަނީ ރާއްޖޭގެ އިގުތިޞާދުގެ ތެރޭގައި، ގާނޫނާއި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވަމުން އަންނަ އުޅަނދުތައް ހޯދުމުގައި އެންމެ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން، ގިނަ ކާމިޔާބުތަކެއް ހޯދަމުންނެވެ.

އެމްއެންޑީއެފް އެއަރ ކޯރގައި ބޭނުންކުރަނީ ތުރުކީވިލާތުގެ ބައިރަކްތާރު ޓީބީ2 މަރުކާގެ ޑްރޯންނެވެ. ބައިރަކްތާރު ޓީބީ2" ޑްރޯނަކީ 18،000 އަދި 25،000 ފޫޓު މަތިން އުދުއްސޭނެ އުޅަނދުތަކެކެވެ. ހަތްދިހަ އާއި 120 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި އުދުހެވޭ މި އުޅަނދުތަކަކީ ނައިޓް ވިޝަން ކޭޕަބިލިޓީ އާ އެކު ރޭގަނޑުވެސް ވަގުތުން ފޮޓޯއާއި ވީޑިއޯ ފޮނުވޭނެ އުޅަނދެކެވެ.

ކިޔުންތެރިންގެ ހިޔާލު