ENGLISH
18 ޑިސެމްބަރު 2025
އެއް މަސް ތެރޭ 500 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި
18 ޑިސެމްބަރު 2025
|
މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 500 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ފިންގަރ ޕްރިންޓް ނުދީ ތިބި 509 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާފައި ކަމަށާއި މި އަދަދާއެކު މިހާތަނަށް ރާއްޖެއިން 9،697 ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިރު ބިދޭސީންގެ މައްސަލަ އޮތީ އަޑި ނޭނގޭހާ ގޯސްކޮށްކަން ފާހަގަކުރައްވާ ވަޒީރު ވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހު ފެށި އޮޕަރޭޝަންގެ ދަށުން މިއަދާ ހަމައަށް ދެ ލައްކަ ދެހާސް ބިދޭސީންގެ މައުލޫމާތު ނަގާފައިވާ ކަމަށެވެ.
އޮޕަރޭޝަން ކުރަނގި ކުރިއަށްގެންދަނީ ތިން ފޭހަކަށް ބަހާލައިގެން ކަމަށާއި މި މަސައްކަތުގެ ދެވަނަ ފޭސްގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 2 ވަނަ ދުވަހާ ހިސާބަށް ގާތްގަނޑަކަށް ތިން މަސް ދުވަހުގެ މުއްދަތަކަށް އަޅުގަނޑުމެން މި ހުޅުވާލަނީ ފިންގަރޕްރިންޓް ނެގިފަ ތިބި މީހުންގެ ތެރެއިން ޤަވާއިދާ ޚިލާފަށް ތިބި މީހުން ޤަވާއިދުގެ ތެރެއަށް ގެނައުމުގެ ބޮޑު މަސައްކަތެއް. މިގޮތުން އޮޕަރޭޝަން ކުރީގައި އެކިއެކި އެމްޕްލޮޔަރުންނާއި ޖެހިފަ ހުރި މައްސަލަތަކުގަ އެމްޕްލޮޔަރުންނާ ވަކިވެ މަގުމަތީގައި އެއްވެސް ރަސްމީ ވަކި އެމްޕްލޮޔަރަކަށް ނިސްބަތްނުވާ ގޮތަށް އުޅޭ މީހުންނާއި ފިލައިގެން އުޅޭ މީހުންނަށް ޤާނޫނީ އިމުގެ ތެރެއިން ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް މި ތިން މަސް ދުވަހުގެ ފުރުސަތެއް މިދެނީ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ތިން މަސް ދުވަހުގެ ތެރޭގައި ސިސްޓަމުގެ ތެރެއިން ކުރިން ނުލިބޭ ލުއިތަކެއް އެމްޕްލޮޔަރުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި މި އޮޕަރޭޝަންގެ ފަހު ފޭސްގެ މަސައްކަތް 2 އޭޕްރީލް 2026 ފެށިގެން 2027 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އެހިސާބުން ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ބިދޭސީއަކަށް ނޫޅެވޭނެކަން ވަޒީރުގެ ފާހަގަކުރެއްވިއެވެ.
މީގެ ނަތީޖާއަކަށް ވެގެންދާނީ ރާއްޖޭގައި އުޅޭ ކޮންމެ ބިދޭސީއެއްގެ ސައްހަ މައުލޫމާތު އެނގި އަދި ބިދޭސީ މީހާއަށް ޒިންމާވާނެ އެމްޕްލޮޔަރެއް ހުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.