ENGLISH
18 ޑިސެމްބަރު 2025
ރައީސް ޑރ. މުޢިއްޒު ދެވަނަ ދައުރަކަށް ހޮވޭނެކަމުގެ އުންމީދު ބޮޑު: ވަޒީރު އާދަމް ޝަރީފު
18 ޑިސެމްބަރު 2025
|
މިނިސްޓަރު އާދަމް ޝަރީފު، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް ރައްޔިތުން ހޮވާނެކަމުގެ އުންމީދު ބޮޑުކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރާއްޖޭގެ މިނިވަން ޖަމިއްޔާއެއްކަމަށްވާ "ބާނި ސެންޓާ ފޯ އިންޓަނޭޝަނަލް ޕޮލިސީ" އިން ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް އޮތް ތާއީދު ބެލުމަށްޓަކައި ކުރި ސާވޭއެއްގެ ނަތީޖާ އެކްސްގައި ހިއްސާކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ. ނޮވެމްބަރު މަހުގެ 23 އިން ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ ސާވޭގެ ބައިވެރިންގެ ތެރެއިން 62 އިންސައްތަ މީހުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުއަށް ތާއީދުކުރާކަމަށް ބުނެފައެވެ.
މި ނަތީޖާ ހިއްސާކުރައްވާ ވަޒީރު ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރު ރައީސް ގެންގުޅުއްވި ސިޔާސަތާއި ގައުމަށް ގެންނަވާފައިވާ ހެޔޮ ބަދަލަށް ރިއާޔަތްކުރާއިރު ދެވަނަ ދައުރަކަށް ރައްޔިތުން އެމަނިކުފާނު ހޮވާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ. މި ބަދަލުތަކަކީ ރާއްޖޭގެ ކުރިމަގަށް ވެސް އުންމީދެއް ކަމުގައި ވަޒީރު ސިފަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒުއަށް ދިވެހިންގެ ތާއީދު އޮތް މިންވަރު ބެލުމަށް ކުރިއަށްގެންދިޔަ ސާވޭގައި 9,921 މީހަކަށް ގުޅާފައިވާއިރު މީގެތެރެއިން 62 އިންސައްތަ މީހުން ވަނީ ރައީސް ޑރ. މުޢިއްޒުއަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. އަދި 21 އިންސައްތަ މީހުން ވަނީ އެމަނިކުފާނުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއީދުކުރާކަމަށް ބުނެފައެވެ. އެމަނިކުފާނަށް ތާއީދުނުކުރާކަމަށް ބުނެފައިވަނީ 38 އިންސައްތަ މީހުންނެވެ.