ENGLISH
18 ޑިސެމްބަރު 2025
ދެ އަހަރުތެރޭ 1.1 ޓަނުގެ މަސްތުވާތަކެތި ހިފަހައްޓައިފި، މަގުމަތީ އަގު 2.2 ބިލިއަން ރުފިޔާއަށް
18 ޑިސެމްބަރު 2025
|
ވަޒީރު ޢަލީ އިޙްސާން ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ
ޑްރަގްގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގައި، މިދިޔަ ދެއަހަރުތެރޭ ގާތްގަނޑަކަށް 1.1 ޓަނުގެ މަސްތުވާތަކެތި ހިފަހައްޓާފައިވާކަމަށާއި، އެތަކެތީގެ މަގުމަތީ އަގު 2.2 ބިލިއަން ރުފިޔާއަށް އަރާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ އެ ވުޒާރާގެ ދަށުން ހިންގަމުން އަންނަ މުހިއްމު މުޢައްސަސާތަކުން ކުރާ މަސައްކަތްތަކުގެ އަދާހަމަ މީޑިއާތަކާ ޙިއްޞާކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އިޙްސާން ވިދާޅުވީ، މިދިޔަ ދެއަހަރު ކުރެވުނު އެންމެ ކާމިޔާބު އެއް މަސައްކަތަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވުނު މަސައްކަތްތައް ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ ތާރީޚުގައި ދެއަހަރު ދުވަހުގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފެހެއްޓުނު ފުރަތަމަ ދެއަހަރު" - ވަޒީރު ޢަލީ އިޙްސާން
ރާއްޖޭން ޑްރަގްގެ މައްސަލަތައް ނައްތާލުމަށް މިދިޔަ ދެއަހަރު ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެ މައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތުގައި ވަޒީރު އިޙްސާން ތަކުރާރުކޮށް ވިދާޅުވެފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ދައުލަތުން ކުރަމުން އަންނަ މަސައްކަތް ހުއްޓާލާނީ އެ ވަބާ މުޅި ރާއްޖޭން ނައްތާލުމަށް ފަހުގައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް މިހާރު ފަށާފައިވާ "އަލިމަގު އޮޕަރޭޝަން" ގެ ދަށުން ޑްރަގް ވިއްކާ ބޮޑުން އަންނަނީ ހައްޔަރުކުރަމުންނެވެ. އެގޮތުން ފުޅާކޮށް ހިންގި ފުރަތަމަ އޮޕަރޭޝަނުގައި 110 މީހަކު ހައްޔަރުކުރިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އިޙްސާން ވިދާޅުވީ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށާއި، ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ކުރަމުންގެންދާ އެންމެ ފަހުގެ މަޢުލޫމާތު ހާމަކޮށްފައެވެ. އަދި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ކޮށްފައިވާ މުހިއްމު މަސައްކަތްތަކާއި ޖޮއިންޓް ޓާސްކްފޯސް އެކުލަވާލައި، މިހާރު ފަށާފައިވާ ސްޕާތައް ބަންދުކުރުމުގެ އޮޕަރޭޝަނާއި ބިދޭސީން ނުގަވައިދުން ވިޔަފާރިކުރާ މައްސަލައިގެ އަދާހަމަ ވެސް ވަޒީރު ވަނީ ޙިއްޞާކުރައްވާފައެވެ.