ENGLISH
21 ޑިސެމްބަރު 2025
ސްރީލަންކަން އެއާލައިނާއެކު އާ ޓާމިނަލް އިން ހިދުމަތް ދޭން ފެށި އެއާލައިންގެ އަދަދު 33 އަށް
17 ޑިސެމްބަރު 2025
|
ސްރީލަންކަން އެއާލައިންއަށް އާ ޓާމިނަލްއިން ހިދުމަތް ދިނުން ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ:އެމްއޭސީއެލް
ސްރީލަންކަން އެއާލައިނާ އެކު އާ ޓާމިނަލް އިން ހިދުމަތް ދޭން ފެށި އެއާލައިންގެ އަދަދު 33 އަށް އަރާފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް އިން ސްރީލަންކާގެ ގައުމީ އެއާލައިންކަމަށްވާ، ސްރީލަންކަން އެއާލައިންސްއަށް ރަސްމީކޮށް ހިދުމަތް ދޭން ފަށާފައިވަނީ އިއްޔެ އެވެ.
ޓާމިނަލް 1 އިން ސްރީލަންކަން އެއާލައިންސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ސްރީލަންކާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން އެވެ.
މި ރަސްމިއްޔާތުގައި ސްރީލަންކަން އެއާލައިންސްގެ ކަންޓްރީ މެނޭޖަރު ނަޔޯމީ ޓެނަކޫން އާއި އެމްއޭސީއެލްގެ އިސްރަށްވެހިންނާއި އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ސްރީލަންކަން އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެއާލައިނުން ފުރި 115 ފަސިންޖަރުންނަށް ހާއްސަ ހަދިޔާތަކެއް ވަނީ ދީފައެެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ސްރީލަންކާގެ އެއާލައިންސްގެ ފުރަތަމަ ފްލައިޓް، UL101 އިން ރާއްޖެ އައި 277 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ސްރީލަންކަން އެއާލައިންސް އަކީ އާ ޓާމިނަލް އިން ހިދުމަތް ދޭން ފެށި ސްރީލަންކާގެ ދެވަނަ އެއާލައިނެވެ. އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ ސެޕްޓެމްބަރ 1، 1979ގަ އެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.