ENGLISH
17 ޑިސެމްބަރު 2025
ދަންވަރު މަގުމަތީ އުޅޭ ބިދޭސީންނާ ފުލުހުން ސުވާލުކޮށް، އަޅަންޖެހޭ ފިޔަވަޅު އަޅަން ރައީސް އަންގަވައިފި
17 ޑިސެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީންނާ ފުލުހުން ސުވާލުކޮށް، އެމީހުން ކުރާ ކަންކަން ބަލައި ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ކަންކަމުގައި ފިޔަވަޅުއަޅާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގައި މާލޭގައި ދަންވަރު ބިދޭސީން އުޅޭ ގޮތްގަޮތުގެ ސަބަބުން އެކިކަހަލަ އުދަގޫތައް ކުރިމަތިވާކަމަށް ބައެއް މީހުން ފާހަގަކޮށްފަައިވެއެވެ. އެގޮތުން ބިދޭސީން މަގުމަތީ އަޑުގަދަކުރުމާއި ގުރޫޕު ހަދައިގެން އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތަކެއް ހިންގަމުންދާ ކަމުގައި ބައެއް މީހުން ފާހަގަކުރިއެވެ.
އެކަންކަމާ ގުޅިގެން އެކްސްގައި މިއަދު ޝާއިއުކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް މީހުން ރޭގަނޑު ދަންވަރު ވަގުތުތަކުގައި ރަށު ތެރޭގައި އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކޮށް، އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް އުޅެމުންދާ ކަމަށެވެ.
އަދި އެ މައްސަލަ ހައްލުކުރުމުގެ ގޮތުން މެންދަމު 12:00 އިން ފެށިގެން ހެނދުނު 06:00 އާ ހަމައަށް އާއްމު ތަންތަނާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކޮށް، ފާހަގަކުރެވޭ ގާނޫނީ ގޮތުން ފިޔަވަޅުއަޅަންޖެހޭ ކަންކަމާ ގުޅިގެން ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުންނާ އެހެނިހެން އިދާރާތަަކަަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ މަސައްކަތް ފުލުހުންގެ ހިދުމަތާއި އެހެނިހެން އިދާރާތަކުން ފެށުމަށް އެމަނިކުފާނު އެންގެވީ މިރެއިން ފެށިގެންނެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބައޯމެޓްރިކް ޑޭޓާ ނެގުމާއި، ގާނޫނާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑީޕޯޓުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ އިންތިޒާމީ ގޮތެއްގަައި ކުރަމުންނެވެ.