ENGLISH
17 ޑިސެމްބަރު 2025
އުފާވެރި ހަބަރެއް؛ ދާއިމީ ބަލިތަަކަށް ފަރުވާކުރާ މީހުންނަށް ޕެންޝަން ފައިސާ އެއްކޮށް ނެގޭ ގޮތް ހަމަޖައްސައިދެނީ
17 ޑިސެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގަލޮޅު ރައްޔިތުންނާ ބައްދަލުކުރެއްވުން
ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ޕެންޝަން ފައިސާ އެކީ ނެގޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ކުރިއަށްގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރޭ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރެއްވި ބައްދަލުވުމުގައި މިހާރު ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތްތަކަށްވުރެ އިތުރު ގޮތްގޮތަށް ޕެންޝަން ފައިސާ ބޭނުންކުރާނެ ފުރުސަތު ފަހިކޮށްދެއްވާނެކަން އިއުލާނުކުރެއްވިއެވެ.
ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތްގޮތް އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން މިހާރު ގެދޮރުވެރިކަމާ ގުޅޭ ކަންކަމުގައި ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާދެއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތްތަކަށް އިތުރު ބަދަލުތަކެއް ގެނައުމަށްޓަކައި ޕެންޝަނާ ބެހޭ ގާނޫނަށް މުހިއްމު އިސްލާހުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ވަރަަށް އަވަހަށް ހުށަހަޅުއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން ގެދޮރުވެރިކަމާ ގުޅޭ ކަންކަމުގައި ޕެންޝަން ފައިސާ ބޭނުންކުރުމަށް ދީފައި އޮތް ފުރުސަތު އިތުރަށް ފުޅާކުރުމާއި، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ބޭނުންވެއްޖެ ހާލަތެއްގައި ޕެންޝަން ފައިސާ އެކީގައި ނެގޭނެ ގޮތް ހަމަޖެއްސުންފަދަ ބައެއް ކަންކަން އެ ބިލުގައި ހިމެނޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"ޓާމިނަލް އިލްނެސް އެއްގައި އުޅޭ ފަރާތަކަށް ވިއްޔާ އެ ބޭފުޅެއްގެ ޕެންޝަން އެއްކޮށް ނެގޭ ކަހަލަ ގޮތަކަށް ހެދުމާއި މިކަހަލަ ބައެއް ކަންކަން އަދި ހައުސިންގައި ދެވޭ ފުރުސަތުގެ އިތުރަށް ހައުސިން އާއި ގުޅޭ އިތުރު ކަންކަން ހިމެނޭހެން މިކަހަލަ އެތައް ކަމެއް އިތުރު ފުރުސަތު ހިމެނޭހެން ޕެންޝަން ގާނޫނު އިސްލާހު ކުރަން ދާދި އަވަހަށް އެބަ ފޮނުވަން މަޖިލީހަށް،" ރައީސް ވިދާޅުވިއެވެ.
ރައީސްވަނީ ޕެންޝަނުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާ އިސްލާހުތައް ފާސްކުރެވި އަމަލުކުރަން ފެށުމުން ޕެންޝަން ފައިސާ ބޭނުންކޮށްގެން ކަންކަން ކުރުމަށް މިހާރަށްވުރެ ގިނަ ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.