ENGLISH

17 ޑިސެމްބަރު 2025

Advertisement

ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތަކުގެ އަދާހަަމަ: 2 ހަފްތާ ތެރޭ 252 ޝަކުވާ!

17 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތަކާ ގުޅިގެން ގާތްގަނޑަކަށް ދެ ހަފްތާ ތެރޭގައި ޖުމްލަ 252 ޝަކުވާ ލިބިފައިވާ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އިޤުތިޞާދީ ވުޒާރާއިން ވަނީ 29 ނޮވެމްބަރުން ފެށިގެން 15 ޑިސެމްބަރުއާ ހަމައަށް، ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ބަލައިފާސްކުރުމުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކޮށްފައެވެ. 

މި މުއްދަތުގެ ތެރޭގައި 98 ވިޔަފާރިއެއް ވަނީ ބަލައިފާސްކޮށްފައެވެ. އަދި 37 ވިޔަފާރިއެއް ބަންދުކޮށްފައިވެއެވެ.

މީގެއިތުރުން ބަންދުކުރި ވިޔަފާރިތަކުގެ ތެރެއިން އިޤުތިޞާދީ ވުޒާރާއާ ގުޅޭ ޤާނޫނުތަކާ ޚިލާފުވެގެން ބަންދުކުރި 25 ވިޔަފާރިއެއް ހިމެނޭ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ. އަދި އެހެނިހެން ޤާނޫނުތަކާ ޚިލާފުވެގެން ބަންދު ކުރި 12 ވިޔަފާރިއެއް ހިމެނެއެވެ.

ބަންދުކުރި ވިޔަފާރިތަކުގެ އިތުރުނ އަލުން ހުޅުވުމުގެ ހުއްދަ 8 ވިޔަފާރިއަކަށް ވަނީ ދީފައެވެ. 

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުން އަންނަ ވިޔަފާރިތައް ރިޕޯޓުކުރުމަށް، މިދިޔަ މަހުގެ 27 ވަނަ ދުވަހު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. 

މިފަދަ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި އެ ވުޒާރާއިން ޤައުމީ ފެންވަރުގައި އެކުލަވާލާފައިވާ ނޭޝަނަލް ޓާސްކްފޯސްއިން އަންނަނީ ވިޔަފާރިތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ވިޔަފާރިތައް ބަންދުކުރަން ނޯޓިސްތައް ދީފައިވާ ސަބަބުތަކުގެ ތެރޭގައި ވިޔަފާރި ކުރުމުގެ ހުއްދަ ނެތުމާއި އަދި ދުންފަތުގެ ބާވަތް ވިއްކުމުގެ ހުއްދަ ނެތުން ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި ދިވެހިން ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ދެނެގަތުމަށް ތަހުގީގީ އިދާރާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެވުޒާރާއިން ބުންޏެވެ.

ވުޒާރާއިން އިލްތިމާސްކޮށްފައި ވަނީ، މިކަމާ ގުޅޭގޮތުން ރިޕޯޓްކުރާ ފަރާތްތަކުން ރިޕޯޓްކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ތަފްސީލް އަދި ސައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށެވެ. އަދި ޤާނޫނާ ޚިލާފު ހަރާކާތްތައް ހުއްޓުމަށާއި އިންސާފުވެރި، ވާދަވެރި މާހައުލެއް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު