ENGLISH

17 ޑިސެމްބަރު 2025

Advertisement

ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުން އައި 38 ވިޔަފާރިއެއް ބަންދުކޮށްފި

17 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ނުގަވާއިދުން ބިދޭސޒީން ހިންގާ ވިޔަފާރިތައް ދެނެގަނެ ހުއްޓުވުމަށް ހިންގަމުންދާ އޮޕަރޭޝަނުގެ ތެރެއިން

ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ އެ ވިޔަފާރިތަކާމެދު ގާނޫނުގައި ބަޔާންކުރާ ފިޔަވަޅުއެޅުމަށް ސަރުކާރުގެ އިސްނެގުމަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން އެފަދަ 38 ވިޔަފާރިއެއް ދެނެގަނެ ބަންދުކޮށްފިއެވެ. 

ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކާމެދު ފިޔަވަޅުއެޅުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، އެ މަސައްކަތުގެ އަދާހަމަ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަަދު މުޢިއްޒުވަނީ ރޭ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެ އަވަށުގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. 

ރައީސް ވިދާޅުވީ ނުގަވާއިދުން ރާއްޖޭގައި އުޅުމުގެ ފުރުސަތު ބިދޭސީންނަށް މި ސަރުކާރުން ނުދޭނެކަމަށާއި، ބައޯމެޓްރިކް ޑާޓާ ފޯރުކޮށްދީފައިނުވާ ބިދޭސީއަކު އިދާރާތަކުގެ ބެލުމުގެ ދަށަށް ގެނެވިއްޖެނަމަ އެމީހަކު ވަގުތުން ރާއްޖެއިން ޑީޕޯޓުކުރަމުންދާނެ ކަމަށެވެ. އަދި ލިޔެކިޔުން ނެތް ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

އިތުރަށް ރައީސް ފާހަގަކުރެއްވީ އިމެއް މިނެއް ނެތި ބިދޭސީން ރާއްޖެއަށް އެތެރެކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، މިހާރު ބިދޭސީން ރާއްޖެއަށް ގެނެވޭނީ ކުންފުންޏަކުން ހިންގާ މަޝްރޫއަކަށް ބަލައިގެން އެ މަޝްރޫއަކަށް ބޭނުންވާ މިންވަރަށް ކަމަށެވެ. އަދި އިިތުރަށްވެސް ބިދޭސީން ގެނައުން ހިފަހެއްޓޭނެ ގޮތްތައް ސަރުކާރުން ބަލަމުންދާކަމަށް ވިދާޅުވިއެވެ. 

ނުގަވާއިދުން އުޅޭ ބިދޭސީން ހިންގަމުންދާ ނުރަނގަޅު ކަންކަން ހުއްޓުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރުން ހުއްޓުވުމަށް ފާއިތުވި ދެ ހަފުތާއެއްހަައި ދުވަހު ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. 

އެގޮތުން ސަރުކާރުގެ އެކި އިދާރާތައް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ނުގަވާއިދުން ބިދޭސީން ހިންގަމުންދިޔަ 38 ވިޔަފާރިއެއް ދެނެގަނެވި ހުއްޓުވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެ މަސައްކަތްތަައް ކާމިޔާބުކުރުމުގައި އާއްމު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު