ENGLISH

24 ޑިސެމްބަރު 2025

Advertisement

ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރަން އިސްރާއީލުން ނިންމުމުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

17 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ފަލަސްޠީނުގެ ސަރަޙައްދެއް އިސްރާއީލުން ސުންނާފަތިކޮށްލާފަ

ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރަން އިސްރާއީލްގެ ކެބިނެޓުން ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. 

ޚާރިޖީ ވުޒާރާއިން ރޭ ނެރުނު ބަޔާނުގައި ބުނީ، ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ 19 ސަރަޙައްދެއްގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް އިސްރާއީލުގެ ކެބިނެޓުން ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ. 

ފަލަސްޠީނުގެ އެކި ސަރަޙައްދުތަކުގައި ބައިނަލްއަޤުވާމީ ޤާނޫނުތަކާ އަދި އދ. ގެ ސެކިއުރިޓީ ކައުންސިލްގެ އެކި މުޢާޙަދާތަކާއި ޚިލާފަށް އިސްރާއީލުން ހިންގަމުންދާ އެކި ލާއިންސާނީ ޢަމަލުތައް ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފައެވެ. 

ސަރުކާރުގެ ބަޔާނުގައި ބުނީ، އިސްރާއީލުގެ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން އިންސާފާއި ހަމަޖެހުން ޤާއިމުކުރުމަށް ހުރަސްއެޅޭ ކަމަށެވެ. އަދި، ޤާނޫނީ ހަމަތަކާއި އިންސާނީ ހަމަތަކުގެ ޒިންމާގައި އިންސާފަށް މަސައްކަތްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ. 

ދިވެހީން ތިބީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށާއި، ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ކުރާ މަސައްކަތުގައި އަބަދުވެސް ސާބިތުކަމާއި އެކުގައި ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. 

ހުޅަނގު އައްސޭރި އަކީ އިޒްރޭލުން 1967 ވަނަ އަހަރުން ފެށިގެން ހިފާފައި އޮންނަ ބިމެކެވެ. އިސްރާއީލް ސިފައިން މިހާރު ނިންމާފައިވަނީ ހުޅަނގު އައްސޭރީގެ ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅޭ ފަލަސްޠީން މީހުންގެ 25 ގެ ތަޅާލުމަށެވެ. އެ ނިންމުމާއެކު ގެދޮރު ގެއްލުމުގެ ބިރު އެ އާއިލާތަކަށް ވަނީ ކުރިމަތިވެފައެވެ.  

ކިޔުންތެރިންގެ ހިޔާލު