ENGLISH
17 ޑިސެމްބަރު 2025
ވިމެންސް ކާވާ ކަޕް މި މަހު 19 ގަ ފަށަނީ
16 ޑިސެމްބަރު 2025
|
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމު. ފޮޓޯ: ވީއޭއެމް
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ވިމެންސް ކާވާ ކަޕް މި މަހުގެ 19 ވާ ހުކުރު ދުވަހު ފަށަން ހަމަޖެހިއްޖެއެވެ.
މުޅިއެކު ފަސް ޓީމު ވާދަކުރާ މިއަހަރުގެ މުބާރާތް ކުރިއަށްދާނީ މި ޑިސެންބަރު މަހުގެ 19 އިން 25 ގެ ނިޔަލަށެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައެވެ.
މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ، އަފްޣާނިސްތާން، ބަންގްލަދޭޝް އާއި ކިރްގިސްތާން އަދި ތުރުކުމެނިސްތާނެވެ.
މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހުގެ ރޭ 9:30 ގައި ބައްދަލުކުރާނީ ބަންގްލަދޭޝްއާ އެވެ. އޭގެކުރީން، މުބާރާތް ހުޅުވާ މެޗުގައި އެ ދުވަހުގެ ހަވީރު އަފްޣާނިސްތާން ނިކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ.
މި މުބާރާތް ރޭވިފައިވާ ގޮތުން، ލީގު އުސޫލުން ކުޅުމަށް ހަމަޖެހިފައިވާ ބުރުގެ ހުރިހާ މެޗެއްގެ ކުޅުން ނިމުމުން އެންމެ ކުރިހޯދާ ދެ ޓީމުގެ މެދުގައި ރަން މެޑަލް ހޯދާ ޓީމެއް ކަނޑައެޅުމަށް ފައިނަލް މެޗު ކުޅެވިގެންދާއިރު، ތިންވަނަ އާއި ހަތަރުވަނަ މަގާމު ހޯދާ ޓީމުތަކުގެ މެދުގައި ލޯ މެޑަލް ކަނޑައެޅުމަށް މެޗެއް ކުޅެވޭނެ އެވެ.
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމަށް އިރުޝާދު ދޭނީ މުޙައްމަދު ނަދީމް އެވެ. އަންހެން ވޮލީބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުންގެ ގޮތުގައި ފެނިގެންދާނީ ފަތުހުﷲ ވަހީދު އާއި އައިމިނަތު ޒީނާ އެވެ. މި މުބާރާތުގެ ކުރީން، އަންހެން ވޮލީބޯޅަ ޓީމު ވަނީ ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ޓްރެއިނިންގ ކޭމްޕެއް ކުރިއަށްގެންގޮސްފައެވެ.