ENGLISH
16 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރަން ރާއްޖެ އާއި އިންޑިއާ އިން މަޝްވަރާކޮށްފި
16 ޑިސެމްބަރު 2025
|
މެރިޓައިމް ސެކިއުރިޓީ އާއި މަސްތުވާތަކެތީގެ ވިޔަފާރިތައް ހުއްޓުވުމަށް ރާއްޖެ އާއި އިންޑިއާގެ، ކަނޑުގެ ސިފައިން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ކުރިޔަށް ގެންގޮސްފައިވަނީ އިންޑިއަން ނޭވީގެ ޑެޕިއުޓީ ޗީފް އޮފް ދަ ނޭވަލް ސްޓާފް ވައިސް އެޑްމިރަލް ތަރޫން ސޮބްޓީ އާއި ދިވެހި ސިފައިންގެ ޗީފް އޮފް ސްޓާފް، މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީއާ ދެމެދުއެވެ. ވައިސް އެޑްމިރަލް ތަރުން ސޮބްޓީ ވަނީ ދެ ގައުމުގެ ސިފައިން އާންމުކޮށް ބާއްވަމުން އަންނަ "އެކަތަ" އަސްކަރީ ތަމްރީންތަކުގެ މި އަހަރުގެ އެޑިޝަން ނިންމުމުގެ ރަސްމިއްޔާތަށް އިއްޔެ ރާއްޖެ ވަޑައިގެންފައެވެ.
ދެ ގައުމުގެ މެދުގައި ވަނީ ސަރަހައްދީ މެރިޓައިމް ސެކިއުރިޓީއަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ. އަދި ތަފާތު ތަމްރީނު ހަރަކާތްތައް އިތުރުކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް އެއްބާރުލުން ދިނުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށް ދިވެހި ސިފައިންގެ ޗީފް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
މީގެ ތެރޭގައި ދިފާއީ ކަންކަމާ ގުޅުން ހުރި މަޝްރޫއުތައް ކުރިއަށްދާ ގޮތް ބައްލަވައި މެރިޓައިމް މައުލޫމާތު ދެ ގައުމުގެ މެދުގައި ހިއްސާކޮށް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަން ވެސް ހިމެނިގެންދެއެވެ.
އިންޑިއަން ނޭވީގެ ޑެޕިއުޓީ ޗީފް އޮފް ދަ ނޭވަލް ސްޓާފް ވައިސް އެޑްމިރަލް ތަރޫން ސޮބްޓީ މާދަމާގެ ނިޔަލަށް ރާއްޖޭގައި ހުންނަވާނެ ކަމަށާއި މިއީ އޭނާ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރު ކަމަށް ވެސް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވެއެވެ.
"އެކްސަސައިޒް އެކަތަ" އަކީ މީގެ 8 އަހަރު ކުރީއްސުރެން، އިންޑިއާގެ އަސްކަރިއްޔާއާ ގުޅިގެން ރާއްޖޭގެ ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފްއިން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.
މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި ފަރިތަކޮށްފައި ވަނީ ޓެކްޓިކަލް ޑައިވިން، ފަޔަރިން، ސްލިދަރިން އަދި ބޯޑިންގެ ހުނަރުތަކެވެ.