ENGLISH

04 ފެބްރުއަރީ 2026

Advertisement

ޝައިހްޚު މުހައްމަދު އިބްރާހީމްގެ ބޭސްފަރުވާއަށް ބޭނުންވާ ހަތަރު ލައްކަ ރުފިޔާ 13 ގަޑިއިރުތެރޭ ހަމަވެއްޖެ

16 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ރާއްޖޭގެ ދީނީ އިލްމުވެރިޔާ ޝައިޚު މުހައްމަދު އިބްރާހީމް (ނައިފަރީ) ގެ ބޭސްފަރުވާއަށް ބޭނުންވާ ހަތަރު ލައްކަ ރުފިޔާ އެންމެ 13 ގަޑިއިރުގެ ތެރޭގައި ހަމަޖެހިއްޖެއެވެ.

ޅ. އަތޮޅު ނައިފަރަށް ނިސްބަތްވެ ވަޑައިގަންނަވާ ޝައިހް މުހައްމަދު އިބްރާހިމްގެ ސިއްހީ ހާލަތު ގޯސްވުމާއެކު، ފަރުވާއަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް "އެހީ" ޖަމިއްޔާއިން ޚާއްސަ މަސައްކަތެއް ވަނީ ފަށައިފަވެ. މި ޖަމިއްޔާއިން ވަނީ "އެދިހަ" ނަމުގައި  ފައިސާ ލިބޭ މިންވަރު ވަގުތުން ބަލާލެވޭ ޕޯޓަލެއް ތައްޔާރުކޮށްފައެވެ.

މި ޕޯޓަލް މެދުވެރިކޮށް ލިބިފައިވާ ފައިސާގެ އެހީތެރިކަމުގެ އަދާހަމައަށް ބަލައިލާއިރު، އާންމުންގެ އެހީތެރިކަމަށް އެދުނުތާ 24 ގަޑިއިރު ނުވަނީސް ބޭސްފަރުވާއަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފައެވެ.

އެގޮތުން 1399 މީހުން ވަނި ޝެއިޚުގެ ބޭސް ފަރުވާ އަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ފަރުވާއަށް މިވަގުތު ބޭނުންވާ އަދަދަށް ވުރެ އިތުރަށް ފައިސާ ލިބިފައިވެ އެވެ. އެހީއަށް ހުޅުވާލިތާ 13 ގަޑިއިރުތެރޭ ވަނީ 407،949 ރުފިޔާ ލިބިފައެވެ.

ޝެއިހަށް ކުރިމަތިވެފައިވާ ލޮލުގެ މައްސަލައިގެ ފަރުވާއަށް ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން އެހީ ޖަމްއިއްޔާގެ ރައީސް އަހްމަދު އިގްބާލް ވިދާޅުވީ، ބޭސްފަރުވާއަށް ފުދޭވަރެއްގެ ބޮޑު ޚަރަދެއްދާނެ ކަމަށެވެ. އަދި ޑިސެމްބަރު މަހުގެ ފަހުކޮޅު ދަތުރަށް ތައްޔާރުވުމަށް މަޝްވަރާ ކުރެވޭކަމަށް ވިދާޅުވެ، ޓެސްޓުތަކާއި ކަންކަމުގެ ފުރަތަމަ ދަތުރަށް މަދުވެގެން 20،000 ޑޮލަރު (308،400 ރުފިޔާ) ޚަރަދުވާނެކަމަށް ލަފާ ކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ދަތުރުގައި ބައިވެރިވާނެ އެހީތެރިންނާ، ކެއުމާއި ހުރުމުގެ ހަރަދާ އެކު ހިނގާނެ ޖުމްލަ ހަރަދެވެ.

ލޮލުގެ ފަރުވާއަށް ފައިސާ ލިބިއްޖެނަމަ ލޮލުގެ ފެނުން އަލުން ލިބޭނެ ކަމުގެ އުންމީދު އޮތްކަން ވެސް އޭނާ ހާމަކުރެއްވިއެވެ.

ޝެއިޚް މުހައްމަދު އިބްރާހިމަށް ސިއްހީ މައްސަލަތައް ދިމާވާން ފެށީ މީގެ ހަތް އަހަރުވަރު ކުރިންނެވެ.ލ

ފުރަތަމަ ވެސް ލޮލުގެ ފެނުން ދަށްވެ، ނުސާފުވާން ފެށީއެވެ. އެއަށްފަހު މަޑުމަޑުން ލޮލުގެ ފެނުން ދަށްވަމުން ގޮސް، މަދު އަހަރުތަކެއްގެ ތެރޭގައި އެއްކޮށް ލޯ އަނދިރިވީއެވެ. ޑޮކަޓްރުންގެ ލަފަޔާއެކު 2019 ވަނަ އަހަރާއި 2023 ވަނަ އަހަރު ލޮލުގެ ފެނުން ރަނގަޅުވާނެކަމުގެ އުންމީދުގައި އޮޕަރޭޝަނެއް ކޮށްފައިވެއެވެ. އެހެންނަމަވެސް، މި އޮޕަރޭޝަން ނާކާމިޔާބުވެ، ދެ ލޮލުގެ ފެނުން އެއްކޮށް ގެއްލުނީއެވެ.

ޝެއިޚަށް ވަނީ ސިއްހީ އެހެން ބައެއް މައްސަލަތައް ވެސް ކުރިމަތިވެފައެވެ. ސިކުނޑީގައި އުފެދިފައިވާ ޓިއުމަރަކާ ހެދި ފުރާނައަށް ނުރައްކާވާ ފަދަ އޮޕަރޭޝަނަށް ވެސް ކޮށްފައިވެއެވެ.

ޝެއިޚް މުހައްމަދު އިބްރާހިމް އަކީ ނައިފަރުގެ މަދްރަސަތުލް އިފްތިތާހްގެ އިސްލާމް މުދައްރިސެއްގެ ވަޒީފާ އަދާކުރައްވަމުން، ދީނީ އެކިއެކި މައުޟޫތަކަށް ފޮތް ލިޔުއްވައި، ދަރުސްތައް ދެއްވައި، އެއްވެސް ވަރުބަލިކަމެއް ނެތި، ދީނީ އެކިއެކި ކަންކަމާއި ގުޅިގެން އާއްމުންނަށް އޮޅުން ނުފިލައި ހުރި ކަންކަން ފިލުވައިދޭ، އެފަރާތްތަކުގެ ސުވާލުތަކަށް ޖަވާބުދެއްވުމުގައި ރެއާއި ދުވާލު ހޭދަކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އެހެންނަމަވެސް ލޮލުގެ ފެނުން ގެއްލި، ދިމާވި ސިއްހީ މައްސަލަތަކާހުރެ، ގާތްގަނޑަކަށް 17 އަހަރުވަންދެން ޝެއިހް އަދާކުރައްވަމުންދިޔަ ވަޒީފާ ގެއްލި، އާމްދަނީ ލިބެމުންދިޔަ އެ މަގު ބަންދުވިއެވެ.

ޝެއިހަށް މިހާރު ލިބިލައްވަނީ އެންސްޕާއިން، ނުކުޅެދޭ މީހުންނަށްދޭ އެލަވަންސް އެކަންޏެވެ. ޝެއިހް ހަރަދު ކުރައްވަންޖެހޭ ދަރިއެއް ހުރިއިރު ބޭސްފަރުވާއަށް ހަރަދު ކުރައްވަމުން ގިނަ ދަތިތަކަކާ ދަނީ ކުރިމަތިލައްވަމުންނެވެ.  މިޙާލަތުގައި ޝެއިހަށް އެހީތެރިވަމުންދަނީ އާއިލާގެ ފަރާތުންނާއި ހެޔޮއެދޭ ބައެއް ފަރާތްތަކުންނެވެ.

ދީނީ ގޮތުން ދިވެހިން ހޭލުންތެރިކުރުމަށްޓަކައި ޝެއިހް ދެއްވާފައިވާ ދަރުސްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލަންޖެހެނީ ތައުހީދާ ގުޅިގެން ދެއްވާފައިވާ ދަރުސްތަކެވެ. އެ މަޢުޟޫއަށް އެތަކެއް ދަރުސްތަކެއް ދެއްވާފައިވާއިރު އެ ދަރުސްތަކުން އެތައް ބަޔަކަށް ވަނީ ފައިދާކޮށްފައެވެ. ޝެއިހް ވަނީ ދިވެހިބަހުން އެތަކެއް ފޮތްތަކެއް ލިޔުއްވައި އަރަބި ފޮތްތައް ތަރުޖަމާ ކުރައްވައިފައެވެ. އެގޮތުން ފާހަގަކޮށްލެވޭ ފޮތްތަކުގެ ތެރޭގައި ޙިސްނުލް މުސްލިމް، ކިތާބުއް ޞިޔާމު، ނަބީބޭކަލުންގެ ތަރިކަ، ތައުޙީދުގެ ޚުލަސާ، ކިތާބުއް ޞަލާތު ފަދަ މުހިންމު އެތަކެއް ފޮތެއް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު