ENGLISH
16 ޑިސެމްބަރު 2025
ތަމްރީނު ނުހަދާ ހާހެއްހާ ފުލުހުން ތިބި، މި ސަރުކާރުން މިހާތަނަށް 966 ފުލުހުން ތަމްރީނުކޮށްފި: އިޙްސާން
16 ޑިސެމްބަރު 2025
|
އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް މަރުކަޒުގައި ކުރިއަށްދިޔަ ފުލުހުންގެ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު. ފޮޓޯ: ޕޮލިސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ތަމްރީނު ނުހަދާ ހާހެއްހާ ފުލުހުން ތިބި ކަމަށާއި، އެކަމަށް ޚާއްޞަ އިސްކަމެއްދީގެން ކުރި މަސައްކަތާއެކު މިހާތަނަށް 966 ފުލުހުން ތަމްރީނުކޮށްފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ފުލުހުންގެ 41 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯސް ނިންމި ފުލުހުންނާ ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ހާހެއްހާ ފުލުހުން ތަމްރީނު ފުރިހަމަކޮށްފައި ނުވުމަކީ ކަންބޮޑުވުން އޮތް ކަމެއް ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
"ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކެއް ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް އަޅުގަނޑުމެންނަށް ފުލުހުންގެ މުއައްސަސާއަށް އެންގުނު. އެހިސާބުން ފެށިގެން ޕެރެލަލްކޮށް ދެ ޓްރެއިނިން އިންސްޓިޓިއުޝަނެއްގަ ޓްރެއިނިން ހައްދަވަމުން މިއަދާ ހިސާބަކަށް އައިއިރު 966 ފުލުސް އޮފިސަރުން ވަނީ ތަމްރީނު ހައްދަވާފަ" - ވަޒީރު ޢަލީ އިޙްސާން
ވަޒީރު ވިދާޅުވީ އަންނަ ޖަނަވަރީ މަހު ފެށިގެންދާ ތަމްރީނު ބެޗާއެކު ﷲގެ އިރާދަފުޅާއެކު ކުރިން ތަމްތީނު ދެވިފައި ނެތް ހުރިހާ ފުލުހުންނަށް ތަމްރީނު ދެވިގެންދާނެ ކަމަށެވެ.
އެމަސައްކަތް ކާމިޔާބުވީ ކޮމިޝަނަރ އޮފް ޕޮލިހާއި، ކޮމިޝަނަރުގެ ޓީމާއި ފުލުހުންގެ ޚިދުމަތުގެ އޮފިސަރުން ވަރަށް ފުރިހަމަ މަސައްކަތެއް ކޮށްގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދަސްވެނިވި ފުލުހުންނަށް މުޚާތަބު ކުރައްވައި ދެއްކެވި ވާހަކައިގައި ވަޒީރު ވިދާޅުވީ ފުލުހުންގެ ސަފުން ޖާގަ ލިބިގެންދިއުމަކީ ކޮންމެ ރައްޔިތަކަށް ލިބޭ ޝަރަފެއް އަދި ކޮންމެ އާއިލާއަކަށް ލިބޭ ފަޚުރެއް ކަމަށެވެ. އަދި، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެކަން ޔަޤީންކޮށް ފުލުހުންގެ މުޢައްސަސާ އެގޮތުގެ މަތީގައި ބައްޓަންކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމެއްކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އިސްނެގުމާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިވާކަމަށާއި، މިއަހަރު އަލަށް ބިންގާ އެޅި ފުލުހުންގެ ދެ މަރުކަޒު ވެސް ހުޅުވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، ސަރުކާރު ނިމުމުގެ ކުރިން 140 އަށް ގިނަ މަޝްރޫޢު ނިންމާ ޚިދުމަތަށް ނެރެދެއްވާނެކަމަށް ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
ފުލުހުންގެ ތަމްރީނު ކޯސް ފުރިހަމަކުރި ބައިވެރިން. ފޮޓޯ: ޕޮލިސް
ފުލުހުންގެ 41 ވަނަ ތަމްރީނު ބެޗުުން 185 ފުލުުހުން ވަނީ ކޯސް ފުރިހަމަކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ 107 ފިރިހެން ފުލުހުންނާއި 78 އަންހެން ފުލުހުންނެވެ.
ދަސްވެނިވުމުގައި ހަ އިނާމުވެރިންގެ ތެރޭގައި ފަސް އަންހެން ފުލުހުން ހިމެނިގެންދިއުމާއެކު ވަޒީރު ވަނީ އެކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ އިނާމުވެރިންގެ ތެރޭގައި ފަސް ފުލުހުން ހިމެނުމަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ވަކިން ޚާއްޞަކޮށް ފުލުހުންގެ މުއައްސަސާގެ ތާރީޚީ ކަމެއް ކަމަށެވެ.
އަންހެން ފުލުހުންގެ ކާމިޔާބީން ދައްކުވައިދެނީ، މިންތީގެ ހަމަހަމަކަން ގެންގުޅެމުން އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ލިބިގެން ކުރިއަށް އައުމުގައި މުއައްސަސާއިން ގެންގުޅޭ ހަރުދަނާކަން ކަމަށް ވަޒީރު ވިދާޅުވިއެވެ.