ENGLISH

16 ޑިސެމްބަރު 2025

Advertisement

ފުލުހުންނަށް ސީޕީ ނަވީން؛ "ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން އަބަދުވެސް ހަނދާނުގައި ބަހައްޓަވާ"

16 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ކޯހުގެ އެއްވަނަ ހޯދި އިމްޝާއަށް ކޮމިޝަނަރސް އެކްސެލެންސް އެވޯޑު ޙަވާލުކުރުން. ފޮޓޯ: ފުލުހުން

ފުލުހުންގެ ނޫ ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ރަމްޒެއް ކަމަށާއި، އެ ވިސްނުމުގައި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ދިވެހި ފުލުހުންނަށް އިލްތިމާސްކުރައްވައިފިއެވެ. 

ފުލުހުންގެ 41 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯސް ނިންމި ފުލުހުންނާ ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ނަވީން ވިދާޅުވީ، ފުލުހުންގެ ޔުނީފޯމަކީ އެ މުއައްސަސާގެ އަމާނާތެއް ކަމަށާއި އެއީ ޢަދުލުވެރިކަމުގެ ރަމްޒެއް ކަމަށެވެ. އެހެންކަމުން ފުލުުހުންގެ ޔުނީފޯމަށް ގަދަރުކުޑަވާނެކަމުގެ އެއްވެސް ކަމެއް ނުކުރުމަށް ހުރިހާ ފުލުހުންނަށް ސީޕީ ނަވީން ވަނީ އިލްތިމާސްކުރައްވައިފައެވެ. 

ރޭ އޮތް ރަސްމިއްޔާތުގައި 185 ފުލުހުން ވަނީ ދަސްވެނިވެފައެވެ. އެއީ 107 ފިރިހެން އަދި 78 އަންހެން އޮފިސަރުންނެވެ.

"ތިޔަ ފުލުހުން މި ޚިދުމަތަށް ގުޅުނު މަޤްޞަދުކަމުގައިވާ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން, އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް އިލްތިމާސްކުރަން. މިކަންކަމަށް ސަމާލުކަންދީފި ނަމަ އެއްވެސް ޖެހިލުމެއް ނެތި ރައްޔިތުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއެކު ޚިދުމަތްކުރާ ބަޔަކަށް ތިޔަ ފުލުހުން ވެގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބައޮތް  " - ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން

ފުލުހުންގެ ދަސްވެނިވުމަކީ، ޤައުމުގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަށް ތައްޔާރުވެތިބި ޒުވާން ޖީލަކަށް މަރުޙަބާ ކިޔާ ރެޔެއްކަން ސީޕީ ނަވީން ފާހަގަކުރެއްވިއެވެ. 

އަޞާސީ ތަމްރީނު ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ގއ. ގެމަނަފުށީ، އިމްޝާ ޢަބްދުއްލަޠީފް އެވެ. ސީޕީ ނަވީން ވިދާޅުވީ މިއީ ފުލުހުންގެ ތާރީޚުގައި އަންހެން ފުލުހަކަށް ކޯހުގެ އެއްވަނަ ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ. އަދި، ކޯހުގެ ވަނަތަކުގެ ތެރޭގައި ފަސް އަންހެން ފުލުހުން ހިމެނުމާއެކު އަންހެން ފުލުހުންނަށް ސީޕީ ނަވީން ވަނީ މަރުޙަބާ ވިދާޅުވެފައެވެ. 

ދަސްވެނިވުމާ ހަމައަށް ހިތްވަރާ އަޒުމާއެކު ފުލުހުން ކުރި މަސައްކަތް ސީޕީ ނަވީން ފާހަގަކުރެއްވިއެވެ. އާ ފުލުހުން އިޚްތިޔާރުކުރީ ފަސޭހަ މަގެއް ނޫންކަމަށާއި، އެއީ ވަރަށް ބޮޑު ޤުރުބާނީތަކެއް ހިމެނޭ ކަމެއްކަން ސީޕީ ނަވީން ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު