ENGLISH
16 ޑިސެމްބަރު 2025
ފުލުހުންގެ އަސާސީ ތަމްރީނު ކޯސް 185 އޮފިސަރުން ފުރިހަމަކޮށްފި
16 ޑިސެމްބަރު 2025
|
ފުލުހުންގެ 41 ވަނަ އަޞާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދިޔަ 41 ވަނަ އަޞާސީ ތަމްރީނު ކޯސް 185 އޮފިސަރަކު ފުރިހަމަކޮށްފިއެވެ.
ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައި ރޭ ވަނީ ޝަރަފުގެ ހިނގާލުން ބާއްވައިފައެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެވެ. ވަޒީރުގެ އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ބޭރުގެ ބައެއް ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ފުލުހުންގެ 41 ވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށްދިޔައީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް މަރުކަޒުގައެވެ.
ކޯހުގައި 210 އޮފިސަރުން ބައިވެރިވިއިރު ތަމްރީނު ފުރިހަމަކުރީ 185 އޮފިސަރުންނެވެ. އެއީ 107 ފިރިހެން އަދި 78 އަންހެން އޮފިސަރުންނެވެ.
ކޯހުން އެއްވަނަ ހޯދި އިމްޝާ. ފޮޓޯ: ފުލުހުން
އަޞާސީ ތަމްރީނު ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ގއ. ގެމަނަފުށީ، އިމްޝާ ޢަބްދުއްލަޠީފެވެ.
އިމްޝާއަށް އެއްވަނަ ލިބުމުން ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ ވަޒީރު އިޙްސާން އެވެ. އަދި، ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ކޮމިޝަނަރސް އެކްސެލެންސް އެވޯޑު ވެސް އިމްޝާއަށް އަރުވައިފައެވެ.
ކޯހުގެ އިންޑޯ މާއްދާތަކުން އެއްވަނަ ހޯދީ މަރްޔަމް ލުއުލުއާ މުޙައްމަދު އެވެ. އައުޓްޑޯ މާއްދާތަކުން އެއްވަނަ ހޯދީ އަލްޔާ އަޙްމަދުއެވެ.
ރަސްމިއްޔާތުގައި ވަނީ ވަކިވަކި އެހެން ދާއިރާތަކުން ވެސް ވަނަތައް ހޯދި ދަރިވަރުންނަށް އެވޯޑް ޙަވާލުކޮށްފައެވެ.