ENGLISH
15 ޑިސެމްބަރު 2025
ރައީސްގެ ވައުދުތައް ފުއްދައި މަސްވެރިންގެ ހުރިހާ ކަންބޮޑުވުމެއް ހައްލުކުރާނަން: މިނިސްޓަރު ޝިޔާމު
15 ޑިސެމްބަރު 2025
|
މަސްވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު
މަސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފަައިވާ ހުރިހާ ވައުދުތަކެއް ސަރުކާރުން ފުއްދައިދީ ބޮޑުކަންނެލި މަސްވެރިންގެ ހުރިހާ ކަންބޮޑުވުމަކަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށާއި، މަސްވެރިންގެ ޝަކުވާތަކާ ގުޅޭ ގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަަތުތައް ހިއްސާކުރެއްވުމަށް މިއަދު ބޮޑުކަންނެލި ނޫސްވެރިންގެ ޔޫނިއަނާއެކު މިނިސްޓަރު ބޭއްވެވި ބައްދަލުވުމަށްފަހު މީޑިޔާއަށް މައުލޫމާތު ދެއްވަމުން ސަރުކާރަށް މަސްވެރިންގެ ކަންބޮޑުވުންތައް ހަައްލުކުރުމުގައި މަސްވެރިންގެ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރަށް ލިބޭނެ ކަމުގެ ޔަގީންކަން އޮންނާނެ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރާނީ މަސްވެރިންނާ ގާތުން ގުޅިގެން މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ. އަދި މަސްވެރިންގެ ކަންބޮޑުވުން ހައްލުކުރުމުގައި ސަރުކާރަށް ލިބޭ އެންމެ ބޮޑު ފަސޭހައަކީ މަސްވެރިންގެ އެހީތެރިކަމާއި އެއްބާރުލުން ލިބުން ކަމަށެވެ.
"މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރުމަށް ފަސޭހަވެގެންދޭ އެއްބާރުލުން ލިބޭތީ. އާޚިރުގައި މީގެ އެންމެ ބޮޑު ނަފާއެއް ލިބޭނީ، މަސްވެރިންނަށް. ހުރިހާ ބޭފުޅުން އެއްކޮށް މަސައްކަތް ކޮށްގެން ކަންކަން ޙާސިލުވާނީ،" ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރުން މަސްވެރިންނަށް އަޅައިލާ، މަސްވެރިންގެ މަސްްލަހަތުތައް ރައްކާތެރިކުރާނެކަމުގެ ޔަގީންކަން ދެއްވަމުން ވަަޒީރު ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިން ސަރުކާރުން އެދޭ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރު ހުށަހެޅުއްވި ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ކަންކަން ކަމަށާއި، އެކަންކަން ސަރުކާރުން ތަންފީޒުކުރާނެ ކަމަށެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ މައިގަނޑު ކަންބޮޑުވުން ކަމުގައިވާ އަމިއްލަ ކުންފުނިތަކަށް މަސް ކިރުވުމަށްފަހު ފައިސާ ލިބުން ލަސްވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ މަސް ގަނެ ޕްރޮސެސްކުރާ ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އަދި ހެޔޮ އަގުގައި ތެޔޮ ނުލިބޭ މައްސަލަ ހައްލުކުރުމަށްޓަކައި މިހާރު ސަރުކާރުގެ ސިޔާސަތުގެ ދަށުން ހުރިހާ އަތޮޅެއްގައި އެސްޓީއޯއިން ތެޔޮ ވިއްކުމުގެ އިންތިޒާމު ހަމަޖެއްސުމަށް ފަށާފައިވާ މަސައްކަތް އަންނަ މާޗު މަހުގެ ނިޔަލަށް ނިންމުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ.
މަސްވެރިންގެ ދުވަހު މަސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި ރައީސްވަނީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެ ކަންބޮޑުވުންތަކަަށް ކުރިއަށް އޮތް ތަނުގައި ސަރުކާރުން ހައްލުތަކެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.