ENGLISH

15 ޑިސެމްބަރު 2025

Advertisement

ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ 10 ތަނެއް ބަލައި ފާސްކޮށް، 3 ތަނެއް ބަންދުކޮށްފި

15 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރަމުންދާ 10 ތަނެއް ބަލައި ފާސްކޮށް، 3 ވިޔަފާރިއެއް ބަންދުކޮށްފިއެވެ.

އެގޮތުން ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރާ ތަންތަން ބަލައި ފާސްކުރުމަށް އިމިގްރޭޝަންގެ ޓާސްކްފޯސްއިން މާލޭގައި ރޭ ކުރިޔަށްގެންދިޔަ އޮޕަރޭޝަނުގެ ދަށުން ބަލައި ފާސްކުރި ސްޕާ/ސެލޫން ފަދަ 10 ތަނެއްގެ ތެރެއިން 3 ތަނެއްގެ ވިޔަފާރި ވަގުތުން ހުއްޓުވާލާފައިވާކަމަށް އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މިއީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމުގެ ގޮތުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިޔަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި މަސައްކަތް ކުރިޔަށްގެންދިއުމަށް "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ނަމުގައި ޚާއްސަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ.

ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުން އަންނަ ވިޔަފާރިތައް ރިޕޯޓުކުރުމަށް، މިދިޔަ މަހުގެ 27 ވަނަ ދުވަހު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. މިހާތަނަށް އެފަދަ ގިނަ ރިޕޯޓެއް ލިބިފައިވާ ކަމަށް އެ ވުޒާާރާއިން ބުންޏެވެ.

މިފަދަ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި އެ ވުޒާރާއިން ޤައުމީ ފެންވަރުގައި އެކުލަވާލާފައިވާ ނޭޝަނަލް ޓާސްކްފޯސްއިން އަންނަނީ ވިޔަފާރިތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ވިޔަފާރިތައް ބަންދުކުރަން ނޯޓިސްތައް ދީފައިވާ ސަބަބުތަކުގެ ތެރޭގައި ވިޔަފާރި ކުރުމުގެ ހުއްދަ ނެތުމާއި އަދި ދުންފަތުގެ ބާވަތް ވިއްކުމުގެ ހުއްދަ ނެތުން ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި ދިވެހިން ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ދެނެގަތުމަށް ތަހުގީގީ އިދާރާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެވުޒާރާއިން ބުންޏެވެ.

ބިދޭސީން ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ރޭގަނޑު 8 އާއި ދެމެދު މިނިސްޓްރީގެ ހޮޓްލައިން 3333199 އަށް ގުޅައިގެން ނުވަތަ މިނިސްޓްރީގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ރިޕޯޓު ކުރުމަށް ވުޒާރާއިން އެދިފައިވެއެވެ.

ވުޒާރާއިން އިލްތިމާސްކޮށްފައި ވަނީ، ރިޕޯޓްކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ތަފްސީލް އަދި ސައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށެވެ. އަދި އާންމުންގެ ފާރަތުން ލިބެމުން ދިޔަ އެހީތެރިކަމަށް ވަނީ ޝުކުރުއަދާކޮށްފައެވެ.

ގަވާއިދުތަކަށް އަމަލުކުރާކަން ކަށަވަރުކޮށް، ޤާނޫނާ ޚިލާފު ހަރާކާތްތައް ހުއްޓުމަށާއި އިންސާފުވެރި އަދި ވާދަވެރި މާހައުލެއް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާ ކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު