ENGLISH
16 ޑިސެމްބަރު 2025
މުޖުތަމަޢުއަށް އަމާޒުކޮށްގެން ޓޫރިޒަމް މިނިސްޓްރީން ސާރވޭއެއް ކުރިޔަށްގެންދަނީ
15 ޑިސެމްބަރު 2025
|
މުޖުތަމަޢުއަށް އަމާޒުކޮށްގެން ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަށްޓަކައި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއިން އިސްނަގައިގެން މި މަހު ސާރވޭއެއް ކުރިޔަށް ގެންދަން ފަށައިފިއެވެ.
މި ސާރވޭ ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 4 އަކުން ފެށިގެން ޑިސެމްބަރު 27 އާ ހަމައަށް ކަމަށް އެކްސްގައި އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.
މި ސާރވޭ އަކީ "ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް" ގެ ނަމުގައި މުހިންމު ތަފާސްހިސާބުތައް އެއްކުރުމުގެ ގޮތުން ރާވާފައިވާ ސާރވޭއެކެވެ. މި ސާރވޭގެ އެހީގައި ޤާއިމްކޮށްފައިވާ ގަވާއިދުތަކާއި އުސޫލުތައް ވަރުގަދަވެގެންދާނެއެވެ. މީގެއިތުރުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކުގެ ފެންވަރު މަތިވެ، ރާއްޖޭގައި މުޖުތަމަޢަށް އަމާޒކޮށްގެން ފަތުރުވެރިކަމުގެ ދާއިރާގައި ރައްޔިތުންނަށް ކޮށްދެވޭ ކަންކަން ރަނގަޅުވެގެންދާނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
އަދި މި ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމަށް މުހިންމު މައުލޫމާތުތަކެއް އެއްކުރެވޭނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ.
މި ސާރވޭގެ ދަށުން ސުވާލުތައް ކުރުމަށް ބޮޑު އިސްކަމަށް ދޭނީ ގެސްޓްހައުސް އޮޕަރޭޓް ކުރާ ފަރާތްތަކާ، ދިވެހި ރައްޔިތުންނާއި ރަށްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށެވެ.
ތަފާސްހިސާބުތައް އެއްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ، ކ.ދިއްފުށި، ކ.މާފުށި، އ.އ.ތޮއްޑޫ، އ.ދ.ދިގުރަށް، ވ.ކެޔޮދޫ، ބ.ފުޅަދޫ އަދި ބ.ފެހެންދޫގައެވެ.
މިހާތަނަށް ހުޅުމާލެ، މާފުށި އަދި ދިއްފުށީގެ މައުލޫމާތު ވަނީ އެއްކުރެވިފައެވެ.