ENGLISH
04 ފެބްރުއަރީ 2026
އެއް މަހުން ރަސްމީ ރިޒާވްއަށް 20.2 މިލިއަން ޑޮލަރުގެ އިތުރުވުމެއް، ބޭނުންކުރެވޭ ރިޒާވް 197 މިލިއަން ޑޮލަރަށް
15 ޑިސެމްބަރު 2025
|
މަރުކަޒީ ހިސާބުތަކަށް ބަލާއިރު 197 މިލިއަން ޑޮލަރު ބޭނުންކުރެވޭ ގޮތަށް އެބަހުރި، ފޮޓޯ: މިހާރު
އެންމެ މަޤްބޫލު
ނޮވެންބަރު މަހު ދައުލަތުގެ ރަސްމީ ރިޒާވްއަށް އޮކްޓޯބަރު މަހާ އަޅާބަލާއިރު 20.2 މިލިއަން ޑޮލަރު އިތުރުވެ، ބޭނުންކުރެވޭ ރިޒާވް 197 މިލިއަން ޑޮލަރަށް އަރާފައިވާކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކަައިފިއެވެ.
މަހަކު އެއްފަހަރު އެމްއެމްއޭއިން އާއްމުކުރާ މާލީ ހިސާބުތަކަށް ބަލާއިރު އޮކްޓޯބަރު މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 866.3 މިލިއަން ޑޮލަރެވެ. ޑިސެންބަރު މަހުގައި އެ އަދަދުވަނީ 886.5 މިލިއަން ޑޮލަރަށްް އިތުރުވެފައެވެ. އެއީ 20.2 މިލިއަން ޑޮލަރު ނުވަތަ %2.3 ގެ އިތުރުވުމެކެވެ.
ރަސްމީ ރިޒާވް މަހުން މަހަށް އިތުރުވީއިރު، ބޭނުންކުރެވޭ ރިޒާވްއަށްވެސް ކުރިއެރުން ލިބިފައިވެއެވެ. އެގޮތުން ރަސްމީ ރިޒާވްއާއި ރިޒާވް އެސެޓުގެ ގޮތުގައި ބޭނުންކުރެވޭނެހެން ރާއްޖޭގެ ބޭންކުތަކުގައި މަރުކަޒީ ބޭންކުން އިންވެސްޓުކޮށްފަައި ހުރި އެސެޓުތަކުގެ ޖުމްލައިން ކުރު މުއްދަތުގެ މާލީ އިލްތިޒާމުތައް އުނިކުރުމުން ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި 197.1 މިލިއަން ޑޮލަރު ހުރިކަމަށް ހިސާބުތަކުން ދައްކައެވެ.
ސަރުކާރުން އަންދާޒާކުރާ ގޮތުގައި މި އަހަރުގެ ނޮޔަލަށް ދައުލަތުގެ ރަސްމީ ރިޒާވްގައި 848.6 މިލިއަން އެމެރިކާ ޑޮލަރު ހުންނާނެއެވެ. ނިމުނު އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރި 673.9 މިލިއަން ޑޮލަރާ އަޅާބަލާއިރު އެއީ 25.9 އިންސައްތަ އިތުރު އަދަދެކެވެ.
ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްގެ ހާލަތު ރަނގަޅުވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާގެ ގާނޫނެއް އެކުލަވައިލާ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީގެ ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރުން ލާޒިމުކޮށް، ބޭންކުތައް މެދުވެރިކޮށް މަރުކަޒީ ބޭންކަށް ބޭރު ފައިސާ ލިބޭނެ ނިޒާމެއް ގާއިމުކުރުމާއި، އިންޑިޔާގެ ރިޒާވް ބޭންކާއި އެމްއެމްއޭގެ މެދުގައި ގާއިމުކުރި އެއްބަސްވުމުގެ ދަށުން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހެދުމެވެ.
ދައުލަތުގެ ރަސްމީ ރިޒާވް ހީނަރުވުމަކީ ރާއްޖެއިން އަދާކުރަންޖެހޭ ބޭރުގެ ދަރަނި އަދާކުރުމުގައި ހުރަސްތަކާއި ހިރާސްތައް ކުރިމަތިވާނެ ކަމުގައި އަންދާޒާކޮށް ރާއްޖޭގެ ކްރެޑިޓް ރޭޓިން މޫޑީސް އަދި ފިޗްއިން ދަށްކުރި އެއް ސަބަބެވެ. ނަމަވެސް ރިޒާވްގެ ހާލަތު ރަނގަޅުވުމުގެ ސަބަބުން ރާއްޖޭގެ މާލީ މުސްތަގުބަލު އިތުރަށް ހީނަރުނުވާނެ ކަމުގައި ބަލައި މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގެ އައުޓްލުކް ސްޓޭބަލްްއަށް ބަދަލުކޮށްފައިވެއެވެ.
ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު ރާއްޖޭގެ ރިޒާވްގެ ހާލަތު ރަނގަޅުވެ، އަންނަ އަހަރު ރާއްޖެއިން ދައްކަންޖެހޭ 600 މިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި އަދާކުރެވޭނެ ކަމުގެ ޔަގީންކަން ބޮޑުވެފައިވާއިރު، ރިޒާވްގެ އިތުރަށް ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި 126 މިލިއަން ޑޮލަރު ރައްކާކޮށްފައި އެބަހުއްޓެވެ. އެ ފައިސާއަކީ ބޭރުގެ ދަރަނި އަދާކުރުމަށް ބޭނުންކުރެވޭނެ ފައިސާއެވެ.
ރިޒާވްއާއި އެސްޑީއެފްެގެ ހާލަތު ރަނގަޅުވުމުގެ ސަބަބުން އަންނަ އަހަރު ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމާއެކު ދަރަނި އަދާކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.