ENGLISH

16 ޑިސެމްބަރު 2025

Advertisement

ދައުލަތުގެ ކުންފުނިތަކުގެ ހިސާބު ފޮތުން؛ ހެޔޮ ބަދަލަކަށް މިސްރާބުކޮށްފައިވާ ކަމުގެ ހެކި

15 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ޕީސީބީގެ ހިސާބުތަކުން ފެންނަނީ ކުންފުނިތަކުގެ މިސްރާބު ރަނގަޅުކުރެވިފައިވާކަން، ފޮޓޯ: ޕީއެސްއެމް

ދައުލަތުގެ ވިޔަފާރިތަކާއި ސަަރުކާރު ހިއްސާވާ ކުންފުނިތައް ވެފައިވަނީ ދައުލަތަށް އުފުލަންޖެހިފައި އޮތް ބޮޑު މާލީ ތަކުލީފަކަށެވެ. މި ކުންފުނިތަކާއި ވިޔަފާރިތަކަކީ ސަރުކާރަށް އޮތް މާލީ ބުރައެއް އަދި ހިރާހެއް ކަމުގައި ވޯލްޑް ބޭންކާއި އައިއެމްއެފްއިން ފާހަަގަކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެ އިދާރާތަކުގެ ލަފައަކީ މި ކުންފުނިތަކުގެ ހިންގުމުގެ ހަރަދުތައް ކުޑަކޮށް، ދެމެހެއްޓެނެވި މިންގަނޑަކަށް އެ ކުންފުނިތަކުގެ ހާލަތު ގެނައުމެވެ. 

ދައުލަތުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ވިޔަފާރިތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ކޮންމެ ކުއާޓާއެއްގަައި ކުންފުނިތަކުގެ މާލީ ހާލަތާ ގުޅޭ ރިޕޯޓެއް އާއްމުކުރެއެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓު މިހާރު އާއްމުކޮށްފައިވާއިރު އެ ރިޕޯޓަށް ބަލައިލުމުން ދައުލަތުގެ ކުންފުނިތަކާ ގުޅޭ ކަންބޮޑުވުންތައް ހައްލުކޮށް، ރަނގަޅު ދެމެހެއްޓެނެވި މިސްރާބަކަށް ކުންފުނިތަކުގެ ހިންގުން ބަދަލުކުރުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރެވެމުންދާކަން ހިސާބުތަކުން ފެނެއެވެ. 

އާމްދަނީ އިތުރުނުވި ނަމަވެސް ފައިދާ މައްޗަށް 

ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެސްއޯއީތަކަށް އާމްދަނީގެ ގޮތުގައި ފުރަތަމަ ކުއާޓާގައި ލިބުނު 13.29 ބިލިއަން ރުފިޔާއަކީ ނިމުނު އަހަރާ އަޅާބަލާއިރު 9 އިންސައްތައިގެ ދަށްވުމެކެވެ. ނަމަވެސް އެ ކުންފުނިތަކަށް ިމުނު އަހަރު ލިބުނު ސާފު ފައިދާއަށްވުރެ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު ސާފު ފައިދާ 10 އިންސައްތަ އިތުރުވެ 1.76 ބިލިއަން ރުފިޔާއަށްވަނީ އިތުރުވެފައެވެ. 

މި ހިސާބުތަކުން ފެންނަ ގޮތުގައި ކުންފުނިތަކުގެ އާމްދަނީ އިތުރުކުރުމުގެ ބަދަލުގައި ހަރަދުތައް ކުޑަކޮށް، ހިންގުން ރޭޝަނަލައިޒްކޮށްް، ކުންފުނިތަކުގެ ފައިދާ އިތުރުކޮށްފައިވެއެވެ. އެކަމުން ފެންނަނީ މާލީ ހިފަހެއްޓުންތަކުގެ ތެރޭގައި މަސައްކަތްކުރަން ކުންފުނިތަކުން ދަސްކުރަމުންދާ ކަމެވެ. 

ވިޔަފާރި އެސްއޯއީތަކަށް ބޮޑު ކުރިއެރުމެއް 

ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހާސިލުކުރީ ކޮމާޝަލް އެސްއޯއީތައް ނުވަތަ ވިޔަފާރި ކުންފުނިތަކެވެ. އަސާސީ ހިދުމަތް ދޭ ކުންފުނިތަކާ ހިލާފަށް މި ކުންފުނިތަކުގެ މައިގަނޑު މަގުސަދަކީ ވިޔަފާރިއެވެ. އެގޮތުން އެންމެ ބޮޑު ފައިދާއެއް ލިބުނު ކުންފުންޏެއްގެ ގޮތުގައި ފާހަގަވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އެވެ. 

އެމްއޭސީއލްއަށް ސާފު ފައިދާގެ ގޮތުގައި 572 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ އިތުރަށް ނިމުނު އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެމްއޭސީއެލްގެ އެސެޓުތައް 13 އިންސައްތަ އިތުރުވެފައިވެއެވެ. އެއިން ރިވެލިވަނީ އެއާޕޯޓުގެ އޮޕަރޭޝަންތައް ފުޅާކުރެވިފައިވާ ކަމެވެ. 

ހަމައެހެންމެ މި އަހަރުގެ ފުރަތަމަ ކުއާޓާާގައި އެސްޓީއޯއިންވެސްވަނީ ރަނގަޅު ނަތީޖާއެއް ނެރެފައެވެ. އެސްޓީއޯގެ ފައިދާ 25 އިންސައްތަަ އިތުރުވިއިރު އާމްދަނީވަނީ 10 އިންސައްތައިން އިތުރުވެފައެވެ. މުވާސަލާތީ ކުންފުނި ދިރާގުވެސްވަނީ އެކަށީގެންވާ މިންވަރެއްގެ ކާމިޔާބީއެއް ހާސިލުކޮށްފައެވެ. 

މުޅި އެސްއޯއީތަކުގެ ދާއިރާއަށް ލިބުނު ކުރިއެރުމުގެ ބޮޑު ހިއްސާއެއް އޮތީ އަމިއްލަ ފުދުންތެރިކަމުގައި ހިންގާ ކުންފުނިތަކުގެ މާލީ ކުރިއެރުމަށްކަން ފާހަގަކުރަންޖެހެއެވެ. މި ކުންފުނިތަކުގެ މާލީ ހިސާބުތަކުން އެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރެވިފައިވާކަން ފާހަގަކުރެވެއެވެ. 

މާލީ ކުންފުނިތަކުގެ ކުރިއެރުމަށް މަޑުޖެހުމެއް ނެތް 

ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހާސިލުކުރީ މާލީ މުއައްސަސަތާކެވެ. އެގޮތުން ނިމުނު އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު މާލީ ކުންފުނިތަކުގެ ޖުމްލަ އާމްދަނީ 12 އިންސައްތަ އިތުރުވިއިރު، ލިބުނު ފައިދާ ހަ އިންސައްތައިން އިތުރުވެފައިވެއެވެ. އަދި މާލީ ކުންފުނިތަކުގެ އެސެޓުތައްވަނީ 16 އިންސައްތައން އިތުރުވެފައެވެ. 

މާލީ މުއައްސަސާތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހާސިލުކުރީ މޯލްޑިވްސް އިސްލާމިކް ބޭންކުންނެވެ. އެމްއައިބީގެ އާމްދަނީ 42 އިންސައްތަ އިތުރުވިއިރު އެ ބޭންކުގެ ފައިދާވަނީ 55 އިންސައްތަ މައްޗަށް ޖެހިފައެވެ. އެއީ އެ ބޭންކުގެ ހިންގުން ރަނގަޅުވަމުންދާކަމާއި، އިސްލާމީ މާލީ ހިދުމަތްތަކަށް އޮތް ޑިމާންޑު އިތުރުވަމުންދާ ކަމުގެ ހެއްކެކެވެ. 

ޖުމްލަަކޮށް މާލީ އިދާރާތަކުގެ ހިސާބުތަކުން ފެންނަނީ ދާހިލީ މާލީ ނިޒާމުގެ ދުޅަހެޔޮކަން އިތުރުވެ، އާއްމު ބޭންކުތަކުން ދަރަނި ފޯރުކޮށްދީ ރައުސުލްމާލު ފެތުރުމުގައި އަދާކުރަމުންދާ މުހިއްމު ދައުރު ފުޅާކުރަމުންދާ ކަމެވެ. 

ބެލެންސް ޝީޓުތަކުން؛ ދަރަނި އިތުރުވާ މިންވަރަށްވުރެ އެސެޓު އިތުރުވޭ 

މި އަހަރުގެ ފުރަތަމަ ކުއާޓާގައި ދައުލަތުގެ ކުންފުނިތަކުގެ ބެލެންސް ޝީޓުތަކަށް ލިބުނު ކުރިއެރުމަކީ މާލީ ގޮތުން ނޭވާލާނެ ޖާގައެއް ކުރިއަށް އޮތް ތަނުގައި ފަހިކުރެވިދާނެ ކަމުގެ އުންމީދު އިތުރުވާ ކަމެކެވެ. ހާއްސަކޮށް އެސްއޯއީތަކުގެ އެސެޓު އިތުރުވީ މިންވަރާ އަޅާބަލާއިރު ދަރަނި އިތުރުވި މިންވަރު ދަށްވުމަކީ ބޮޑު ހިތްހަމަޖެހުމެކެވެ. 

އެގޮތުން ފުރަތަމަަ ކުއާޓާގައި ދައުލަތުގެ ކުންފުނިތަކުގެ އެސެޓުތައް 205.24 ބިލިއަން ރުފިޔާއަށް އިތުރުވިއެވެ. އެއީ ކުރީ އަހަރާ އަޅާބަލާއިރު 10 އިންސައްތައިގެ އިތުރުވުމެކެވެ. އެ މުއްދަތުގައި އެސްއޯއީތަކުގެ ދަރަނި އިތުރުވީ ހަތް އިންސައްތައިންނެވެ. 

އަމިއްލަ ފުދުންތެރިކަމުގައި ހިންގާ ކުންފުނިތަކުގެ ދަރަންޏާއި އެސެޓުގެ ރޭޝިއޯ ހުރީ އެކަށީގެންވާ މިންވަރެއްގައެވެ. އެހެންކަމުން ބޭނުންޖެހިއްޖެ ހާލަތެއްގަައި ބާޒާރުން ދަރަންޏަށް ފައިސާ ހޯދުމުގެ ގާބިލުކަން އެ ކުންފުނިތަކުގައި ހުންނާނެއެވެ. 

މި ކުއާޓާގައި ބޮޑެތި އެސްއޯއީތަކުން ދަރަންޏަށް ފައިސާ ނަގާ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްފައިވާކަން ރިޕޯޓުން ފާހަގަވެއެވެ. އެޗްޑީސީއާއި، އެސްޓީއޯއާއި އެމްޓީސީސީ އަދި ޕޯސްޓު ފަދަ ކުންފުނިތަކުން ދަރަންޏަށް ފައިސާ ނެގި މިންވަރު ކުރީ ކުއާޓާތަކަށްވުރެ 2025 ގެ ފުރަތަމަ ކުއާޓާގައި ދަށެވެ. މިއީ ދަރަނީގެ ދެމެހެއްޓެނެވިކަން ކަށަވަރުކުރުމުތެ މިސްރާބަށް އެޅުނު ހަރުދަނާ ފިޔަވަޅެކެވެ. 

ލިކުއިޑިޓީއަށް ލިބުނު ކުރިއެރުމާއެކު ނޭވާލާނެ ޖާގަައެއް 

ސަރުކާރު ކުންފުނިތަކާ ގުޅިފައި އޮޔތް އެންމެ ބޮޑު ކަންބޮޑުވުމަކީ ބަޖެޓުން އެހީތެރިވާަ ކުންފުނިތަކުގެ ލިކުއިޑިޓީ ދަށްވުމެވެ. ނަމަވެސް އެއިން ބައެއް ކުންފުނިތަކުގެ ލިކުއިޑިޓީ ނުވަތަ ކުރު މުއްދަތުގެ މާލީ އިލްތިޒާމުތައް އަދާކުރުމުގެ ގާބިލުކަން އިތުރުވެފައިވާކަން އެ ރިޕޯޓުން ފާހަގަވެއެވެ. 

އެގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އާއި ފަންޑް މެނޭޖުމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ފަދަ ކުންފުނިތަކުގެ ލިކުއިޑިޓީ ރޭޝިއޯތަކަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް އައިސްފައިވެއެވެ. މިއިން ބައެއް ހެޔޮ ބަދަލަކީ ސަރުކާރުން ރައުސުލް މާލުގެ ގޮތުގައި ފައިސާަ ދިނުމުގެ ނަތީޖާ ނަމަވެސް މިއީ އެ ކުންފުނިތަކަށް ހެޔޮ ބަދަލުތަކެއް ގެނެސް އިތުރަށް މާލީ ހާލަތު ރަނގަޅުކުރަން ލިބޭ ޖާގައެއް ކަމުގައި ފާހަަގަަކުރަންޖެހެއެވެ. 

މި މާލީ ހިސާބުތަކުން ފެންނަަނީ ކުންފުނިތައް ތަސައްރުފު ފުދި، ފައިދާ އިތުރުކޮށް، ދަރަންޏަށް ފައިސާ ނެގުން މަދުކޮށް، ހިންގުން ހަރުދަނާކުރމަށް މަސައްކަތްކުރާ މަންޒަރެވެ. މާލީ ގޮތުން ސަރުކާރަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެ، ފުދުންތެރި ވިޔަފާރިތަކަކަށް ވުމަށް ކުންފުނިތަކުން ކުރަމުންދާ މަސައްކަތެވެ. އަދި އޮނިގަނޑަށް ގެނެވޭ ނިޒާމީ ބަދަލުތަކަކީ ހިޔާލީ ފޮލަައެއް ނޫންކަމާއި، އެއީ ނަންބަރުން ފެންނަން ހުރި ހަގީގަތްތަކެއްކަން 2025 ގެ ފުރަތަމަ ކުއާޓާގެ މާލީ ހިސާބުތަކުން ބުނެދެއެވެ. 

ކިޔުންތެރިންގެ ހިޔާލު