ENGLISH

18 ޖޫން 2026

Advertisement

ކޮލަމްބިއާ އަތުން ބަލިވިޔަސް، އުޒްބެކިސްތާނުގެ ކުޅުމާ މެދު ކޯޗު ކަނަވާރޯ ފަޚުރުވެރިވޭ

18 ޖޫން 2026

|

މުޙައްމަދު އަދުހަމް

އުޒްބެކިސްތާނުގެ ކޯޗު ކަނަވާރޯ --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ތާރީޚުގައި ކުޅުނު ފުރަތަމަ މެޗުގައި ކޮލަމްބިއާ އަތުން 3-1 އިން ބަލިވި ނަމަވެސް، އުޒްބެކިސްތާނުގެ ކުޅުމާ މެދު ފަޚުރުވެރިވާ ކަމަށް އެ ޓީމުގެ ކޯޗު ފަބިއޯ ކަނަވާރޯ ބުނެފިއެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެކްސިކޯ ސިޓީ ސްޓޭޑިއަމްގެ އުނދަގޫ މާހައުލުގައި ކޮލަމްބިއާއާ ދެކޮޅަށް އުޒްބެކިސްތާނުގެ ކުޅުންތެރިން ދެއްކި ހިތްވަރަށް އޭނާ ވަނީ ތައުރީފުކޮށްފައެވެ.

"އަހަރެން، ކުޅުންތެރިން ގާތު ބުނިން މި މެޗުގައި އެމީހުން ދެއްކި ކުޅުމާ މެދު ވަރަށް ފަޚުރުވެރިވާ ކަމަށް. ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކަންތައްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ވެސް ބުނިން،" ކަނަވާރޯ ބުންޏެވެ.

ކަނަވާރޯ ބުނީ، އޭނާގެ ޓީމުން މެޗު ކުޅުނީ މެކްސިކޯގައި ކަމަށްވީނަމަވެސް، ދަނޑަށް ކުޅިބަލަން ވަދެ ތިބި ކޮލަމްބިއާގެ ސަޕޯޓަރުންގެ އަދަދު ގިނަ ކަމުން ހީވީ އެ ގައުމުގައި ކުޅުނު މެޗެއްހެން ކަމަށެވެ.

ވޯލްޑް ކަޕުގެ ތާރީހާ ގުޅުންހުރި ހާއްސަ ދަނޑެއްގައި މެޗެއް ކުޅުމުގެ ތަޖުރިބާއަކީ ކުޅުންތެރިންގެ ހަނދާނުގައި އަބަދަށް ހުންނާނެ ކަމެއް ކަމަށް ވެސް ކަނަވާރޯ ފާހަގަކުރިއެވެ.

"އަހަރެމެން ކަހަލަ ކުޑަ ޓީމަކުން މިއަދު މި ދެއްކި ފަދަ ބުރަ މަސައްކަތެއް ކުރާއިރު، 3-1 އިން ބަލިވުމަކީ ނަތީޖާ މާ ބޮޑުތަނުން ގޯސްވުން،" ކަނަވާރޯ ބުންޏެވެ.

މުބާރާތުގައި ކުރިއަށްހުރި މެޗުތަކާ ކުރިމަތިލާއިރު، އޭނާގެ ޓީމުން ގިނަ ކަންކަން ރަނގަޅުކޮށް، މިހާރަށްވުރެ ރަނގަޅަށް މެޗުތެރޭގައި ކަންކަމަށް ސަމާލުކަން ދޭން ޖެހޭކަން ވެސް ކަނަވާރޯ ފާހަގަކުރިއެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި އުޒްބެކިސްތާނުގެ ކުޅުން ރަނގަޅުކުރިކަން ފާހަގަކޮށް ކަނަވާރޯ ބުނީ، މި ލެވެލްގެ ފުޓްބޯޅައިގައި ގޯސްތަކެއް ހެދިއްޖެނަމަ އޭގެ ހިތި ލިބޭނެ ކަމަށެވެ.

މި މުބާރާތުގައި އުޒްބެކިސްތާނު ދެން ކުޅޭ މެޗުގައި މި މަހުގެ 23 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 10 ޖަހާއިރު ނިކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު