ENGLISH

18 ޖޫން 2026

Advertisement

މުހިންމީ މި މެޗުން ފިލާވަޅު ލިބިގަނެ، ކަންކަން ރަނގަޅުކޮށް ކުރިއަށްދިޔުން: މާޓިނޭޒް

18 ޖޫން 2026

|

މުޙައްމަދު އަދުހަމް

ޕޯޗުގަލްގެ ކޯޗު މާޓިނޭޒް --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ކޭ ގައި ކޮންގޯއާ ދެކޮޅަށް ކުޅެ އެއްވަރުވުމުން ޓީމާ މެދު ކަންބޮޑުވުމެއް ނެތް ކަމަށާއި، ސްޕެއިން އަދި އާޖެންޓީނާ ފަދަ ވަރުގަދަ ޓީމުތަކުން ވެސް މީގެ ކުރިން ވޯލްޑް ކަޕްގެ ފުރަތަމަ މެޗުތަކުގައި ގޮންޖެހުންތަކާ ކުރިމަތިލާފައިވާކަން ފާހަގަކުރަމުން ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ، މުހިންމީ މި މެޗުން ފިލާވަޅު ލިބިގަނެ، ކަންކަން ރަނގަޅުކޮށް ކުރިއަށް ދިއުން ކަމަށެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާޓިނޭޒް ބުނީ، އޭނާގެ ޓީމުގެ ކުޅުންތެރިން އަޒުމް ވަރުގަދަކޮށް ފެނުނު ނަމަވެސް، އަދިވެސް ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"އަހަރެމެން ކުރިއަށްވުރެ ކަންކަން ރަނގަޅުކުރާން ޖެހޭ. އަމިއްލަ ކުޅުމާމެދު ފާޑުކިޔައި، ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަންނަން ޖެހޭ،" މާޓިނޭޒް ބުންޏެވެ.

މާޓިނޭޒް ބުނީ، އެމީހުންގެ ޒިންމާއަކީ މި މެޗު ވަޒަންކޮށް، އަމިއްލައަށް ކަންކަން އިސްލާހުކުރުން ކަމަށެވެ. އަދި، ވޯލްޑް ކަޕް ފަދަ މުބާރާތެއްގައި ކުރަމުންދާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްގެންދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ކޮންގޯއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

މީގެއިތުރުން، މާޓިނޭޒް ވަނީ، ކުޅުންތެރިން ދެއްކި ހިތްވަރާއި އަޒުމަކީ ވަރަށް ފާހަގަކޮށްލެވޭ ކަމެއް ކަމަށާއި، ޓީމުގެ ފެންވަރާ މެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ބުނެފައެވެ.

މެޗުގެ ކުރީކޮޅު ޕޯޗުގަލްއިން ލަނޑެއް ޖަހައި ލީޑުނެގި ނަމަވެސް، އެކަމުގެ ސަބަބުން ޓީމަށް ނޭދެވޭ އަސަރެއް ކުރި ކަމަށް އޭނާ ބުންޏެވެ. މެޗު ކާމިޔާބު ކުރުމަށްވުރެ ބޮޑަށް، ބޯޅަ ހިފަހައްޓައިގެން ކުޅެ، މެޗުން ބަލިވެދާނެ ކަމުގެ ބިރު ކުޅުންތެރިންގެ ކިބައިން ފެނުނު ކަމަށް މާޓިނޭޒް ފާހަގަކުރިއެވެ.

މާޓިނޭޒް ބުނީ، އާންމު ގޮތެއްގައި ޓީމެއް ލަނޑެއް ޖެހުމުން ލިބޭ ހިތްވަރާއެކު ދެވަނަ ލަނޑެއް ޖެހުމަށް މަސައްކަތްކުރާ ކަމަށެވެ. އެހެންނަމަވެސް، އޭނާގެ ޓީމުގެ ކިބައިން ކޮންގޯއާ ދެކޮޅަށް ފެނިގެންދިޔައީ އޭގެ ދިމާ އިދިކޮޅަށް ކަންކުރިތަން ކަމަށް މާޓިނޭޒް ބުންޏެވެ.

"އަހަރެމެން ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތް ކުރި ނަމަވެސް، އިދިކޮޅު ޓީމުގެ އޭރިއާ ތެރެއަށް ވަދެވޭ ގޮތެއް ނުވި. މީގެ ނަތީޖާއަކަށްވީ ކޮންގޯއިން އެމީހުންގެ ކުޅުން ތަރުތީބުކޮށް، ކައުންޓަރ އެޓޭކްތައް އުފެއްދުމަށް ފުރުސަތު ލިބިގެންދިއުން." މާޓިނޭޒް ބުންޏެވެ.

ކޮންގޯ ލަނޑުޖެހުމުން ޕޯޗުގަލްގެ ކެޕްޓަން، ރޮނާލްޑޯ މާޔޫސްވެފައި --- ފޮޓޯ: އޭޕީ

މުޅި މެޗުގައި ކޮންގޯ ފެނުނީ ވަރުގަދަކޮށް ކަމަށާއި، އެމީހުންގެ ފަރާތުން ދެއްކި ކުޅުމުން ފެނިގެންދިޔައީ ރަނގަޅު ގޭމްޕްލޭންއަކާއެކު ފައިނަލެއްގައި ކުޅޭ ފަދަ ޖޯޝާއި ފޯރީގައި އާދަޔާހިލާފު ހިތްވަރެއްގައި ކުޅުނު މަންޒަރު ކަމަށް މާޓިނޭޒް ބުންޏެވެ.

މެޗަށް ނިކުތުމުގެ ކުރީން ވެސް ކޮންގޯ އިން ޕޯޗުގަލްއާ ދެކޮޅަށް ދެއްކިފަދަ މޮޅު ކުޅުމެއް ދައްކަފާނެކަން އެނގޭ ކަމަށާއި، އެއީ ހައިރާންވާންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް މާޓިނޭޒް ބުންޏެވެ.

މި މުބާރާތުގައި ޕޯޗުގަލް ދެން ކުޅޭ މެޗުގައި ނިކުންނާނީ ވޯލްޑް ކަޕުގައި އަލަށް ވާދަކުރާ އުޒްބެކިސްތާނާ ދެކޮޅަށެވެ. 

ކިޔުންތެރިންގެ ހިޔާލު