ENGLISH

16 ޑިސެމްބަރު 2025

Advertisement

ޑިސްކަވާ އެއާލައިނާއެކު ވީއައިއޭގެ އައު ޓާމިނަލުން ހިދުމަތްދޭ އެއާލައިންތަކުގެ އަދަދު 31 އަށް

15 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ވީއައިއޭގެ އައު ޓާމިނަލުން ޑިސްކަވާ އެއާލައިނަށް ހިދުމަތް ދޭން ފެށުން، ފޮޓޯ: އެމްއޭސީއެލް

ޔޫރަޕުގެ އެންމެ ބޮޑު އެއް އެއާލައިން ކަމުގައިވާ ލުފްތަންސާ ގްރޫޕުގެ ދަށުން ހިންގާަ ޑިސްކަވާ އެއާލައންސްގެ މަތިންދާބޯޓުތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުން ހިދުމަތްދޭން ފަށައި 31 އެއާލައިނަކަަށް އައު ޓާމިނަލުން ހިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ. 

ޑިސްކަވާ އެއާލައިންސްއަށް ވީއައިއޭގެ ޓާމިނަލް އެކަކުން ހިދުމަތް ދޭން ފެށުމާ ގުޅިގެން އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިއަދު ނެރުނު ބަޔާނެއްގަައި ބުނެފައިވަނީ އައު ޓާމިނަލުން ޑިސްކަވާ އެއާލައިންސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށެވެ. 

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ. އަދި ޑިސްކަވާ އެއާލައިންސްގެ ސްޓޭޝަން މެނޭޖަރ ރޮބަޓް ހާވީއާއި އެމްއޭސީއެލްގެ އިސްވެރިންނާއި މަސްއޫލުވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ. 

ރަސްމީކޮށް ޑިސްކަވާ އެއާލައިންސްއަށް ޓާމިނަލް އެކަކުން ހިދުމަތް ދިނުމުގެ ގޮތުން އެ އެއާލައިންގެ ކައުންޓަރުތައް މިއަދު ހުޅުވާފައިވެއެވެ. އަދި މިއަދު އެ އެއާލައިނުގެ މަތިންދާބޯޓުގައި ވީއައިއޭއިން ފުރި 114 ފަސިންޖަރުންނަށް ހަދިޔާވެސް ދީފައިވެއެވެ. 

އަދި ޓާމިނަލް އެކަކަށް ކައިރިކުރި ޑިސްކަވާ އެއާލައިންސްގެ ފުރަތަމަ މަތިންދާބޯޓު ކަމުގައިވާ 4Y154 ގައި ރާއްޖެއަށް 301 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. 

ޖަރުމަންވިލާތުގެ އެންމެ ބޮޑު އެއާލައިން ގުރޫޕު އަދި ޔޫރަޕުގެ އެންމެ ވަރުގަދަ އެއް އެއާލައިން ކަމުގައިވާ ލުފްތަންސާ ގުރޫޕުގެ އެއާލައިނެއް ކަމުގައިވާ ޑިސްކަވާ އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ފެށީ އޭޕްރީލް 24، 2022 ގައެވެ. މި އެއާލައިނަކީ އައު ޓާމިނަލުން ހިދުމަތް ދޭ ޖަރުމަނުގެ ދެވަނަ އެއާލައިނެވެ. 

އެމްއޭސީއެލްއިން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެެއާލައިނަކަށް އެންމެ ފުރިހަމ އަދި މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމެވެ. އެގޮތުން މިހާތަނަށް 31 އެއާލައިނަކަށް އައު ޓާމިނަލުން ހިދުމަތް ދޭން ފަށާފައިވާކަމަށް އެ ކުންފުނިން ބުންޏެވެ. 

ކިޔުންތެރިންގެ ހިޔާލު