ENGLISH
16 ޑިސެމްބަރު 2025
އޮސްޓްރޭލިއާގައި ދިން ނިރުބަވެރި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
15 ޑިސެމްބަރު 2025
|
ބޮންޑީ ބީޗުގައި މަރުވި މީހުންގެ ހަނދާނުގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރު މާބޮނޑިއެއް ބާއްވަވަނީ، ފޮޓޯ: ރޮއިޓާސް
އޮސްޓްރޭލިއާގެ ބޮންޑި ބީޗުގައި ހަތިޔާރު އެޅި މީހަކު ދިން ނިރުބަވެރި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
އިއްޔެ ދިން މި ހަމަލާއާ ގުޅިގެން ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގަައި ބުނެފައިވަނީ އޮސްޓްރޭލިއާގެ ބޮންޑި ބީޗުގައި ދިން ޓެރަރިސްޓު ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މައުސޫމު އެތައް ބައެއްގެ ފުރާނަ ގެއްލުވާލާ، އެފަދަ ފިނޑި މުޑުދާރު އަމަލުތަކަކީ އެއްވެސް މުޖުތަމައެއްގަައި އެކަންކަމަށް ޖާގަ އޮންނަންވާނެ ކަންކަން ނޫން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި މި ހަމަލާގައި ޝިކާރައަކަށްވީ މީހުންގެ އާއިލާތަކަަށް ދިވެހިރާއްޖޭގެ ފަރާތުން ތައުޒިޔާ ރައްދުކުރުމާއެކު، އެ ހަމަލާގައި އަނިޔާވި މީހުންނަށް އަވަަސް ޝިފާއަކަށް އެދޭކަމަށްވެސް ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
"މި ދަތި ދަނޑިވަޅުގައި އަޅުގަނޑުމެންގެ ހެޔޮ އެދުމާއި ދުއާތައްވަނީ އޮސްޓްރޭލިއާ ރައްޔިތުންނާއި އެ ގައުމުގެ ސަރުކާރާއެކު،" ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ހިތްދަތި މިވަގުތު ދިވެހި ރައްޔިތުންނާއި ސަރުކާރު ސާބިތުކަމާއެކު ދެމިތިބޭނީ އޮސްޓްރޭލިއާއާއެކުކަން ފާހަގަކޮށް، ދިވެހި ސަރުކާރު ދެމިއޮންނާނީ ޓެރަރިޒަމްގެ ހުރިހާ ވައްތަރުތަކާ ކުރިމަތިލައި ދެކޮޅަށް މަސައްކަތްކުރުންމަތީގައިކަމުގެ ޔަގީންކަން ހާރިޖިއްޔާއިން ދީފައިވެއެވެ.
ބޮންޑީ ބީޗުުގައި ދިން ޓެރަރިސްޓު ހަމަލާގައި އަމާޒުފަތްގަނޑަކީ ޔަހޫދީންތަކެކެވެ. އެ ހަމަލާދިން މީހަކީ އުމުރުން 51 އަހަރުގެ މީހެއްކަމަށް މީޑިޔާތަކަށް އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަަކުން މައުލޫމާތު ދީފައިވެއެވެ. 15 މީހަކު މި ހަމަލާގައި މަރުވިއިރު، އެ ހަމަލާ ހުއްޓުވާފައިވަނީ ހަމަލާދިން މީހާ މަރާލައިގެންނެވެ.