ENGLISH

16 ޑިސެމްބަރު 2025

Advertisement

އިންސާނީ ކަރާމާތް ނަގަހައްޓައި، އެންމެން ބައިވެރިކޮށް، ޤައުމުތަކުގެ މެދުގައި މަޝްވަރާ އިތުރުކުރަންޖެހޭ: ޑރ. ޚަލީލް

15 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ޔޫ.އެން.އޭ.އޯ.ސީގެ ބައްދަލުވުމުގައި ވަޒީރު ޑރ. ޚަލީލް ވާހަކަދައްކަވަނީ. ފޮޓޯ: ޚާރިޖީ ވުޒާރާ

އިންސާނީ ކަރާމާތް ނެގެހެއްޓޭފަދަ ބީދައަކުން، އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަކަށް، ޤައުމުތަކުގެ މެދުގައި މަޝްވަރާ އިތުރުކުރުމުގެ މަސައްކަތަށް މަގުފަހިކޮށްދިނުމަށް، އ.ދ.ގެ އެލަޔަންސް އޮފް ސިވިލައިޒޭޝަންސް (ޔޫ.އެން.އޭ.އޯ.ސީ) ގެ 11 ވަނަ ގްލޯބަލް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ގޮވާލައްވައިފިއެވެ. 

ބައްދަލުވުމުގައި އިއްޔެ ޚާރިޖީ ވަޒީރު ޑރ. ޚަލީލް ދެއްކެވި ވާހަކަފުޅުގައި، ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަކީ ޘަޤާފީ ތަރިކަ ހިމާޔަތްކޮށް ދިރުވުމަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ދުނިޔޭގައި ބައިބައިވުން އުފެދޭ ކަންކަން ދެނެގަތުމަށް އިތުރު މަސައްކަތްކުރުމަށާއި ޤައުމުތަކުގެ މެދުގައި ހުރި ތަފާތު ތަކަކީ، ބައިބައިވުމުގެ ސަބަބެއްގެ ގޮތުގައި ވިޔަނުދީ، ބާރަކަށް ހެދުމަށް ގޮވާލެއްވިއެވެ.

ދިވެހިރާއްޖެފަދަ ކުޑަ ޤައުމަކަށް ބައިނަލްއަޤްވާމީ މަޝްރަހުގައި ކުރެވޭ މަޝްވަރާތަކަކީ ހަމައެކަނި ޑިޕްލޮމަޓިކް އިޖުރާޢަތެއް ނޫންކަމަށާއި، އެއީ ވިލެންތެރިކަން އިތުރުކޮށް، ޤައުމީ ޝަޚްޞިއްޔަތާއި، ސަލާމަތާއި، ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެއްކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. 

ބައްދަލުވުމުގައި ވަޒީރު ވަނީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައެވެ. އެގޮތުން، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަކީ ޘަޤާފީ ތަރިކައަށާއި، އިޖްތިމާޢީ އެއްބައިވަންތަކަމަށް ބުރޫއަރާނެކަމެއް ކަމުގައި ވަޒީރު ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ. އަދި ޑިޖިޓަލް މަންސަތަކަކީ، ޤައުމުތަކުގެ މެދުގައި ދެބަސްވުން އިތުރުވުމަށް މަގުފަހިވެގެންހިނގައިދާނެ އާ މަންސަތަކަށް މިހާރުވެފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ރުޅިވެރިކަމާއި ދެކޮޅުވެރިކަން އިތުރުވެ، ގިނަ ދުވަހަށް ދެމިގެން ހިނގައިދާނެ އަސަރުތަކެއް ގުޅުންތަކަށް ކުރުމުގެ ބިރުއޮތްކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

ސަޢޫދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދާ މި ބައްދަލުވުމުގައި ދުނިޔޭގެ ތަފާތު ޘަޤާފަތްތަކާއި އެކި މުޖުތަމަޢުތަކުގެ މެދުގައި ބައިބައިވުން އުފެދިފައިވާ މައިގަނޑު ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް، ބައިނަލްއަޤްވާމީ ޢަދުލު އިންޞާފުގެ ނިޒާމުތަކަށް އޮންނަ އިތުބާރު ހަރުދަނާކުރުމަށާއި، މި ނިޒާމުތަކުގެ ބޭނުން އެންމެ ފުރިހަމަކޮށް ހިފާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. 

ޔޫ.އެން.އޭ.އޯ.ސީ އަކީ ތަފާތު ސަގާފަތާއި ހަޟާރަތްތަކާއި ޤައުމުތަކާއި ރައްޔިތުންގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކޮށް ބައިބައިވުމާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް މަސައްކަތްކުރުމަށް 2005 ވަނަ އަހަރު ޤާއިމުކުރެވުނު ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެކެވެ.

އެ ޖަމްޢިއްޔާގައި 161 މެންބަރުން ހިމެނެއެވެ. އެއީ އދ ގެ 131 މެންބަރު ޤައުމާއި 1 ނޮން-މެމްބަރ ސްޓޭޓާއި، 29 ބައިނަލްއަޤްވާމީ ޖަމިއްޔާއެކެވެ. 

ކިޔުންތެރިންގެ ހިޔާލު