ENGLISH

14 ޑިސެމްބަރު 2025

Advertisement

އޭސީސީ އުފެދުނު ފަހުން ކޮމިޝަނުން ބެލި މައްސަލަތަކުން ދައުލަތަށް 1.6 ބިލިއަން ލިބެން ޖެހޭ

14 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

އޭސީސީގެ ރައީސް ވާހަކަދައްކަވަނީ --

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އުފެދުނު ފަހުން މިހާތަނަށް ކޮމިޝަނުން ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 1.6 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެއް ގައި ވާހަކަދައްކަވަމުންނެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވި ގޮތުގައި 2009 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ މިހާތަނަށް، އޭސީސީގެ ތަޙުޤީޤުތަކުން ދައުލަތުން ގެއްލިފައިވާ ފައިސާގެ ގޮތުގައި، އެކި އިދާރާތަކަށް 1,607,657,428.66 ރުފިޔާއަށްވުރެ ގިނައިން އަނބުރާ ހޯދަންޖެހޭ ކަމަށް އަންގާފައިވާ ކަމަށެވެ. އަދި ކޮމިޝަނުން ނިންމި މައްސަލަތަކުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 17 އަހަރަށް ބަހާލާނަމަ، އަހަރަކަށް 94,568,084.04 ރުފިޔާ އަދި މަހަކަށް 7,880,673.67 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކޮމިޝަނުން އަންގާފައިވާ ކަން ކޮމިޝަނުގެ ރައީސް ވިދާޅުވި އެވެ.

މި ތަފާސްހިސާބުން، ފާއިތުވެދިޔަ 17 އަހަރު ދައުލަތުގެ ބަޖެޓުން އޭސީސީގެ ހިންގުމަށް ޚަރަދުކޮށްފައިވާ ކޮންމެ 1 ރުފިޔާއަކަށް، މަދުވެގެން 2.85 ރުފިޔާ (ދެ ރުފިޔާ އަށްޑިހަ ފަސްލާރި) ދައުލަތަށް އަނބުރާ ހޯދުމަށް ކަމާގުޅޭ މުއައްސަސާތަކަށް ކޮމިޝަނުން އަންގާފައިވާކަން އޭނާ ފާހަގަކުރެެއްވި އެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު ތަސްދީޤު ކުރެވި، މިނިވަން މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި އިންތިޤާލީ އެންޓި-ކޮރަޕްޝަން ކޮމިޝަން 16 އޮކްޓޯބަރ 2008 ގައި އުފެދިގެންދިޔަ އެވެ. އަދި 2009 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް އޭސީސީގެ ބަޖެޓުގެ ގޮތުގައި، ސަރުކާރުގެ ބަޖެޓުން 564,111,207.76 ރުފިޔާ ހަމަޖައްސަވައިދީފައިވެ އެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ މިއީ 17 އަހަރަށް ބަހާލުމުން އަހަރަކަށް 33,183,012.22 ރުފިޔާ އަދި މަހަކަށް 2,765,251.02 ރުފިޔާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު