ENGLISH
14 ޑިސެމްބަރު 2025
ދުވާފަރަށް ތަރައްގީގެ އީދެއް، އެރަށަށް ރައީސް ދެއްވީ ދެމެހެއްޓެނިވި ތަރައްޤީގެ ޔަޤީންކަން
14 ޑިސެމްބަރު 2025
|
ދުވާފަރު ޞިއްޙީ މަރުކަޒުގެ އާ އިމާރާތް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވަނީ: ހޮސްޕިޓަލަކަށް ބަދަލުކުރަން އާ އިމާރާތުގެ މަސައްކަތް ވެސް ވަނީ ފަށާފައި. ފޮޓޯ: ރައީސް އޮފީސް
މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރ. ދުވާފަރަށް ވަޑައިގެންނެވުމުން އެރަށުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ކީ ހޫނު މަރުޙަބާއެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އެއްދުވަހުގެ ދަތުރުފުޅުގައި ފެނިގެންދިޔައީ ތަރައްޤީގެ ނާރެހުގައި ދުވާފަރަކީ ކިހާ މުހިއްމު ރަށެއްކަމެވެ. އެއްރަށަކުން މީގެކުރިން ނުފެންނަ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް އެރަށުގައި އިއްޔެ ފެށިގެންދިޔައެވެ. މަސްވެރިންގެ ދުވަހުގެ ޤައުމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ދެމެހެއްޓެނިވި ތަރައްޤީގައި މުހިއްމު އެރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަމެވެ.
ދުވާފަރުގައި އަލަށް ފެށި މަޝްރޫޢެއްގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަނީ. އެރަށުގައި އިއްޔެ ވަނީ 15 މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންގޮސްފަ. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެރަށުގައި އިއްޔެ ވަނީ ތަފާތު 15 މަޝްރޫޢެއްގެ މަސައްކަތް ފަށައިފައެވެ. ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރިއިރު ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމާއެކު، އިތުރު ބައެއް މަޝްރޫޢުތައް ހިންގުމަށް އިއްޔެ ވަނީ ޙަވާލުކޮށްފައެވެ.
ދުވާފަރުގައި އިއްޔެ ނިމުން ފާހަގަކުރި ކަންކަމަށް ބަލާއިރު އެންމެ ފާހަގަކުރެވެނީ އެރަށުގެ ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވުމެވެ. އިތުރު ޚިދުމަތްތަކާއެކު ހުޅުވި އެ އިމާރާތާއެކު ޞިއްޙީ ގޮތުން އެރަށަށް ވަނީ ކުރިއެރުން ލިބިފައެވެ. އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށް ފުރަތަމަ ފިއުލް ސްޓޭޝަންގެ މަސައްކަތް ނިންމައި އިއްޔެ ހުޅުވުމަކީ ވެސް މަސްވެރިންނާއި އާއްމު ރައްޔިތުންނަށް ލިބިގެންދިޔަ ލުއިފަސޭހައެކެވެ. ދުވާފަރުގައި އާރުޓީއެލް ބަހުގެ ޚިދުމަތް ފެށުމާއި، އެރަށުގައި އިސްލާމިކް ބޭންކުގެ އޭޓީއެމްގެ ޚިދުމަތް ވެސް އިއްޔެ ވަނީ ފަށައިފައެވެ.
"މި ހުރިހާ ކަމެއް ހިމެނޭހެން ތަފާތު 15 މަޝްރޫޢަކާ ގުޅޭ އެކި ކަހަލަ މަސައްކަތްތައް މިއަދު މިރަށުގަ މި ކުރެވިގެން ހިނގައްޖެ. މިއީ އެއްރަށެއްގަ އެއްދުވަހެއްގަ އަޅުގަނޑު ހިތުން ކުރެވިގެންދިޔަ އެންމެ ގިނަ ކަންކަން" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުވާފަރު ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމާއި، ކުރިން ހިއްކާފައި އޮތް ބިމުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމަށް އިއްޔެ ވަނީ ޙަވާލުކޮށްފައެވެ. އަދި އެރަށުގެ ފަޅުން އިތުރަށް ބިންހިއްކުމުގެ މަޝްރޫޢު ފަށައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަޝްރޫޢު ނިމޭއިރު އެރަށުން 30 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ.
ދުވާފަރުގައި ބޯހިޔާވަހިކަން ފަހިކުރުމަށް 50 ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާ ޙަވާލުކޮށް، އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ވެސް ވަނީ ޙަވާލުކޮށްފައެވެ. ދުވާފަރުގެ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރެވޭ ފެންވަރަށް ތިއެޓަރ ކޮމްޕްލެކްސްއެއް ޤާއިމުކުރުމުގެ މަސައްކަތާއި، ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ވެސް ދުވާފަރުގައި އިއްޔެ ވަނީ ފަށައިފައެވެ. ދުވާފަރަކީ އިޔާދަކުރަނިވި ހަކަތައިގެ ރަށަކަށް ހެދުމަށްޓަކައި "އިރުން ހަކަތަ" މަޝްރޫޢު އިފްތިތާޙުކޮށް މިހާރު ވަނީ ސޯލާ ޕެނަލް ހަރުކުރުމުގެ ފުރުޞަތު ގޭބިސީތަކަށް ހުޅުވާލައިފައެވެ.
ކުޅިވަރުގެ ދާއިރާއިން ދުވާފަރުގައި ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް ވެސް އިއްޔެ ވަނީ ޙަވާލުކޮށްފައެވެ. އަދި، އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތުގެ ޢަމަލީ މަސައްކަތް ވަނީ ފަށައިފައެވެ. ކުނީގެ މައްސަލައަށް ޙައްލެއް ހޯދުމަށް ދުވާފަރުގައި ޤާއިމުކުރާ ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.
އަތޮޅުތެރޭގައި ޤާއިމުކުރި އެސްޓީއޯގެ ފުރަތަމަ ފިއުލް ސްޓޭޝަން ދުވާފަރުގައި ހުޅުވުން. ފޮޓޯ: ރައީސް އޮފީސް
ތަޢުލީމީ ދާއިރާގެ މަޝްރޫޢުތަކަށް ބަލާއިރު، ދުވާފަރުގައި ދަނާލާއި ޓްރެއިނިން އޭރިޔާ އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ވަނީ ފަށައިފައެވެ. ރިޔާސީ ކެމްޕޭނުގައި ވަޢުދުވެވަޑައިގެންނެވި ގޮތަށް ރ. ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއި ފާނަ ޕްރޮސެސްކުރެވޭ ގޮތަށް މަސް ކިރޭނެ ބަނދަރެއް ތަރައްޤީ ކުރުމުގެ މަޝްރޫޢު ވެސް އިއްޔެ ވަނީ ޙަވާލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ ދުވާފަރުގެ ތަރައްޤީއަކީ ދެމެހެއްޓެނިވި ތަރައްޤީގެ ތެރެއިން ވަރަށް މުހިއްމު ދައުރެއް އަދާކުރާ ރަށެއް ކަމެވެ. ދުވާފަރުގެ ތަރައްޤީ ހާސިލްކުރުމުގައި މިދިޔަ ދުވަސްތަކުގައި ކަންކަން ނުވެ އޮތްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 5000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ދުވާފަރަށް ޞިއްޙީ ދާއިރާއިން މީގެކުރިން ތަރައްޤީ ހާޞިލުކުރެވިފައި ނުވާކަމަށެވެ.
"މިއަދު މިރަށުގަ ޞިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި އަޅުގަނޑުމެން މަޝްރޫޢެއްގެ ބިންގާ އަޅައި ނިމިފަ ހުރި މަސައްކަތެއް ހުޅުވީ. އާދެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި 5000 އަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅޭ އާބާދީއެއްގަ ބޭނުންވާ ވަރަށް ގާތަށް ވެސް މީގެކުރިން ނެތް ޚިދުމަތްތައް ޤާއިމުވެފަ. މިއަދު އެކިކަހަލަ ޚިދުމަތްތައް ހިމެނޭހެން އާ އިމާރާތެއް މި ހުޅުވީ" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
އަލަށް ފެށުނު ތިއެޓަރ ކޮމްޕްލެކްސްއާއެކު ހޮސްޕިޓަލަކަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ޤާއިމުކުރެވިގެންދާނެކަމުގެ ޔަޤީންކަން ދުވާފަރުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
މަސްވެރިންގެ ދުވަހުގެ ޤައުމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ ސިޔާސަތުގެ ދަށުން ދުވާފަރު ކަނޑައަޅާފައިވާނީ، އުނގޫފާރާއެކު ތަރައްޤީކުރާ އާބަން ސެންޓަރެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. ދެރަށް އެކުގައި އާބަން ސެންޓަރެއް ގޮތުގައި ތަރައްޤީކުރާއިރު، އަންނަ ރަމަޟާން މަހުގެ ކުރިން އާރުޓީއެލް މެދުވެރިކޮށް އެދެރަށަށް ޚާއްޞަ ފެރީއެއް ޤާއިމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އާބަން ސެންޓަރެއްގެ ގޮތުގައި އެ ސަރަޙައްދު ތަރައްޤީކުރާނީ މެދުރާސްތާ އަދި ދުރުރާސްތާގެ ތަރައްޤީއަށް ބައްޓަންވާނެ ގޮތަށް ކަމަށެވެ. އަދި، ދެމެހެއްޓެނިވި ތަރައްޤީއަކީ އެމަނިކުފާނުގެ ސިޔާސަތުގެ އެންމެ މުހިއްމު އަސާސްކަމުގައި މަސްވެރިންގެ ދުވަހުގެ ޤައުމީ ޖަލްސާގައި ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.