ENGLISH

14 ޑިސެމްބަރު 2025

Advertisement

މަސްވެރިކަން ތަރައްޤީކުރަން ހަ ދާއިރާއެއް ކަނޑައަޅައި، ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: ރައީސް

14 ޑިސެމްބަރު 2025

|

ހަސަން އާމިރު

ދިވެހި މަސްވެރިކަން އާލާކޮށް، ކޮޅަށްޖަހައި، އިތުރަށް ތަރައްޤީކުރުމަށްޓަކައި، ހަ ދާއިރާއަކުން ކަނޑައަޅުއްވާފައިވާ ހަ ސިޔާސަތެއްގެ މައްޗަށް ބިނާކުރައްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ދުވާފަރުގައި ބޭއްވި 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމަނައިގެން، މިއަދުން ފެށިގެން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރިޒް ކޯޕަރޭޝަން (މިފްކޯ) އިން މަސް ގަންނާނީ، ދޮޅު ކިލޯ މަހުގެ ބަދަލުގައި، އެއް ކިލޯ އާއި އެއަށްވުރެ ބަރުކޮށް ކިރާ މަހަށް އެންމެ މަތީ އަގު ދޭގޮތަށް ކަމަށެވެ. އަދި ހަމަ މިއަދުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސް ގަންނަ އަގުކަން ފާހަގަކުރައްވައި، އެކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވަނީ، ފަރުވާތެރިކަމާއެކު ދުރުރާސްތާއަށް ވިސްނަވާވަޑައިގެން، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނޭ ގޮތަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމުވެސް ދެމެހެއްޓެނިވި ގޮތެއްގައި ހަމަޖެއްސެވުމަށްޓަކައި އިތުރު މަސައްކަތްތައް ކުރައްވަމުންގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހުޅުމާލޭގައި ޤާއިމުކުރާ ފެސިލިޓީގެ މަސައްކަތްތައް ގޮސްފައިވާ ހިސާބަށް ބައްލަވާއިރު، ދާދި އަވަހަށް މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށޭނޭކަމަށް އެމަނިކުފާނު އަންދާޒާކުރެއްވިއެވެ.

ކޯލްޑް ސްޓޯރޭޖް އިތުރުކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން އިތުރު 200 ފަރާތަކަށް އާރް.އެސް.ޑަބްލިއު ލޯން ދޫކުރުމަށް ހުޅުވާލާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރާ ޕްރޮސެސިންގ ކާރުޚާނާތަކުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި ފިއުލް ސްކިޑްތަކުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްގެންދަވައި، ކަނޑައެޅިފައިވާ ހުރިހާ ސަރަހައްދެއްގައި، އަންނަ މާރިޗު މަހުގެ ނިޔަލަށް ފިއުލް ސްކިޑްތައް ޤާއިމުކޮށް ނިންމޭނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު އެންމެ ބޮޑަށް ދެކެވަޑައިގަންނަވަން ބޭނުންފުޅުވަނީ، މަސްވެރިކަމުގެ ސިނާޢަތަކީ ހަމައެކަނި ދިވެހީން މަސައްކަތްކުރާ ސިނާޢަތަކަށް ވާނޭ ދުވަސްކަމަށް ވިދާޅުވެ، ދިވެހި ޒުވާނުން މި ދާއިރާއަށް ނެރޭ ފަރާތްތަކާއި، އޮޑިފަހަރުގައި ހަމައެކަނި ދިވެހި ފަޅުވެރިން ގެންގުޅޭ ފަރާތްތަކަށް ހިތްވަރުދެއްވުމުގެ ގޮތުން، ޤައުމީ ފެންވަރެއްގައި އެ ފަރާތްތަކުގެ އަގުވަޒަންކުރައްވާނޭކަމަށް ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާޢަތް ނަގާ ކޮޅަށްޖެހުމަށް ވޭތުވެ ދިޔަ ދެ އަހަރު ކުރެވިފައިވާ މަސައްކަތްތަކަކީ މިއަދުގެ ތަފާސްހިސާބުތަކުން ފެންނާންހުރި ޙަޤީޤަތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސިނާޢަތް ކުރިއެރުވުމަކީ ފަރުދީ އަދި ޖަމަޢީ ތަރައްޤީއަށް ކުރެވޭ ޤައުމީ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވައި، ޤައުމީ ވިސްނުމާ ދެކޮޅު ސިޔާސީ އޮއިވަރުގައި ނުޖެހި، އެންމެން އެކުގައި މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު