ENGLISH

14 ޑިސެމްބަރު 2025

Advertisement

މިފްކޯއިން މަސް ގަންނަ އެންމެ ކުޑަ އަގުގެ ގޮތުގައި 16 ރުފިޔާ ކަނޑައަޅައިފި

13 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

މަސްވެރިންގެ ދުވަހުގެ ޤައުމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް

މިފްކޯއިން މަސް ގަންނަ އެންމެ ކުޑަ އަގަކީ 16 ރުފިޔާ ކަމުގައި ކަނޑައަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން އިޢުލާނުކުރެއްވީ، މިރޭ ރ. ދުވާފަރުގައި އޮތް މަސްވެރިންގެ ދުވަހުގެ ޤައުމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިފްކޯއިން މިހާރު ޢަމަލުކުރާ އުޞޫލުގައި އޮންނަނީ ދޮޅު ކިލޯއިން ފެށިގެން މަތީގެ މަސް 16 ރުފިޔާއަށް ގަތުމެވެ. މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާދަމާއިން ފެށިގެން އެއްކިލޯގެ މަސް ވެސް މިފްކޯއިން ގަންނާނެ ކަމަށެވެ. އަދި، އެއްކިލޯއިން ފެށިގެން ގަންނަ މަހުގެ އެންމެ ކުޑަ އަގުގެ ގޮތުގައި ކަނޑައަޅާފައިވާނީ 16 ރުފިޔާއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެންމެ ދަށް އަގުގެ ގޮތުގައި 16 ރުފިޔާ ކަނޑައެޅިކަމުގައި ވިޔަސް، މިފްކޯއިން އެއްކިލޯއިން ފެށިގެން މަތީގެ މަސް އޭރަކު ގަނެވޭނެ އެންމެ މަތީ ރޭޓުގައި ގަންނަމުންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެ ނިންމެވުން ނިންމެވީ، މިފްކޯއާއި މަސްވެރިކަމާ ބެހޭ ވުޒާރާ އަދި ގުޅުންހުރި އިދާރާތަކުގެ މަޝްވަރާއަށް ފަހު އެވެ. 

"އެންމެ މަތީ ރޭޓޭ މި ދެންނެވީ 16ރ. އަށް މިހާރު މި ގަންނަ ގަތުން، އަދި އެވެސް ވަރަށް މުހިންމު ބަދަލެއް މި ގެންނަނީ، އެންމެ ދަށްވެގެން 16ރ. އަށް ގަންނަ ގޮތަށް މިފްކޯ އިން މާދަމާއިން ފެށިގެން ފަށާނެ" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މަސްކިރުވުމުގެ ނިޒާމު ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އެ ނިޒާމު ޤާއިމުކުރެވުމުން އެކިއުރޭޓްކޮށް މަސްކިރުމުގެ ކަންކަން ކުރެވިގެންދާނެ ކަމަށެވެ.

ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސްވެރިކަމަކީ ރާއްޖޭގެ އެންމެ މުހިއްމު ސިނާޢަތް ކަމަށެވެ. އަދި، ދިވެހީންގެ ލޭނާރުކަމުގައި މަސްވެރިކަން އަލުން ހެދުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރު ވެރިކަމާ ޙަވާލުވިއިރު އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ މަސްވެރިން ބާނާ މަހަށް ހަމައަގު ނުލިބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެކަން ރަނގަޅުކޮށް މިހާރު ޤަވާއިދުން މަސްވެރިންނަށް ފައިސާދެމުންގެންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަން ކުރިއަށް އޮތް ތަނުގައި ވެސް ފަރުވާތެރިކަމާއެކު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ވަނީ މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އިނާމު ޙަވާލުކޮށްފައެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، ވިޔަފާރިތަކާއި، މަސްވެރި ދޯނިތަކާއި ވަކިވަކި މަސްވެރިން އަދި މަސްވެރިކަމުގެ އެކި ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު