ENGLISH

14 ޑިސެމްބަރު 2025

Advertisement

ފަސޭހައިން ފައިނޭންސިންއަށް އެދި ހުށަހެޅޭ ބީއެމްއެލްގެ "މަސްވެރިޔާ" ޕޯޓަލް އިފްތިތާޙުކޮށްފި

13 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

މަސްވެރިންގެ ދުވަހުގެ ޤައުމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަސްވެރިންނަށް ބޭންކުގެ ފައިނޭންސިންގެ ޚިދުމަތްތަކަށް ފަސޭހައި އެދި ހުށަހެޅޭ ގޮތަށް ފަރުމާކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމް "މަސްވެރިޔާ" ޕޯޓަލް މިރޭ އިފްތިތާޙުކޮށްފިއެވެ. 

މަސްވެރިޔާ ޕޯޓަލް އިފްތިތާޙުކުރީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރ. ދުވާފަރުގައި ބޭއްވި ޚާއްޞަ ޖަލްސާގައެވެ. މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ. 

ޕޯޓަލް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު އަމީންއެވެ.

މިރޭ އާއްމުކުރި ނޫސްބަޔާނުގައި ބީއެމްއެލްއިން ބުނީ މަސްވެރިޔާ ޕޯޓަލްއިން މަސްވެރިކަމުގެ ދާއިރާގެ މީހުންގެ ދިރިއުޅުމާއި، އުއްމީދުތައް ޙާޞިލްކުރުމަށް އެހީތެރިވުމަށްޓަކައި، އެ ބޭންކުން ދޫކުރާ އިސްލާމިކް ފައިނޭންސިންގެ ގިނަ ޕްރޮޖެކްޓްތަކަށް އެދި ހުށަހެޅޭނެ ކަމަށެވެ. 

ޑިޖިޓަލް ޕްލެޓްފޯމް ފަރުމާކޮށްފައިވާނީ ވަރަށް ފަސޭހައިން ޚިދުމަތަށް އެދި ހުށަހެޅޭ ގޮތަށް ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. ބީއެމްއެލްއިން ބުނީ ޕްލެޓްފޯމް މެދުވެރިކޮށް، މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންގެ ތެރެއިން ޝަރުތުހަމަވާ މަސްވެރިންނަށް ގިނަ ބޭނުންތަކަކަށް އެދި ފައިނޭންސިންގެ ޚިދުމަތަށް ހުށަހެޅޭނެ ކަމަށެވެ. 

ފައިނޭންސިންއަށް އެދި ހުށަހެޅޭނެ ދާއިރާތައް؛ 

  • ގެދޮރު ގަތުމަށް
  • ގެދޮރު އިމާރާތްކުރުމަށާއި މަރާމާތުކުރުމަށް
  • މަތީ ތަޢުލީމު ޙާޞިލްކުރުމަށް 
  • އުޅަނދު ބަނުމާއި މަރާމާތުކުރުމަށް
  • ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓްކުރުމަށް 
  • ލުއި ފައިނޭންސިންއަށް 

ބީއެމްއެލް އިން ބުނީ ލުއި ފައިނޭންސިންއަކީ މަސްވެރިކަމަށް ބޭނުންވާ ސާމާނު ގަތުމަށް ނުވަތަ އިތުރު އެކި ބޭނުންތަކަށް ދޫކުރެވޭ ފައިނޭންސިންއެއް ކަމަށެވެ. 

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މަސްވެރިންނަށް މާލީ ޚިދުމަތްތަކަށް ވާސިލުވުމަށް ލުއިފަސޭހަ މަގެއް ހޯދައިދިނުމަށް މި އަހަރުގެ ކުރީކޮޅު މަސްވެރިކަމާ ބެހޭ ވުޒާރާއެކު އެއްބަސްވެފައިވާނެ ކަމަށެވެ. 

"މަސްވެރިޔާ ޕޯޓަލް އިފްތިތާޙުކުރުމަކީ މަސްވެރިކަމުގެ ސިނާޢަތަށް އެހީތެރިވެ، މާލީ ހައްލުތަކަށް ފަސޭހައިން ވާސިލުވެވޭވެ ޒަމާނީ އިންތިޒާމެއް ހަމަޖައްސައިދިނުމަށްޓަކައި އެޅުނު މުހިއްމު ފިޔަވަޅެއް. އަޅުގަނޑުމެން މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ދާއިރާއަކަށް ވެސް އެންމެ ބޭނުންތެރި މާލީ ޙައްލުތައް ފޯރުކޮށްދިނުމަށް" - ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް

ބީއެމްއެލްއިން ބުނީ މަސްވެރިޔާ ޕޯޓަލްއަކީ އެ ބޭންކުން މަސްވެރިންނަށް އެހީތެރިވުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ މުހިއްމު އެއް ރަމްޒު ކަމަށެވެ. 

މަސްވެރިންނަށް އެހީތެރިވުމުގެ ގޮތުން 2024 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ބީއެމްއެލްއިން އަންނަނީ މަސްކިރުވާތާ 48 ގަޑިއިރުތެރޭ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ޖަމާކޮށްދެމުން ކަމަށް އެ ބޭންކުގެ ބަޔާނުގައި ބުނެފައިވެއެވެ. 

މަސްވެރިންނަށް ފައިސާ ޤަވާއިދުން ދޫކުރުމުގެ އިތުރުން، މަސްވެރިންނަށް އިކުއިޓީއެއް އަދި ރަހުނަކާއި ނުލައި، 300،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެ ޚާއްޞަ ފެސިލިޓީއެއްވެސް ތަޢާރަފްކޮށްފައިވާކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. 

މަސްވެރިޔާ ޕޯޓަލް ތަޢާރަފްކުރިއިރު، ކާޑު ޚިދުމަތްތައް ވެސް ވަރަށް އަވަހަށް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. 

ކިޔުންތެރިންގެ ހިޔާލު