ENGLISH

14 ޑިސެމްބަރު 2025

Advertisement

ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއި ފާނަ ޕްރޮސެސްކުރެވޭ ގޮތަށް މަސް ކިރޭނެ ބަނދަރެއް ތަރައްޤީކުރަނީ

13 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ރ. ކަނދޮޅުދޫގައި، ކޯލްޑް ސްޓޯރޭޖަކާއި ފާނަ ޕްރޮސެސް ކުރުމަށް ޚާއްޞަ ފެސިލިޓީއަކާއެކު މަސް ކިރޭނެ ބަނދަރެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ރައީސް އޮފީސް

ސުނާމީ ކާރިސާގައި 2004 ވަނަ އަހަރު ބޮޑެތި ގެއްލުންތަކެއްވެ މިހާރު ފަޅުރަށެއްގެ ގޮތުގައި އޮތް ރ. ކަނދޮޅުދޫގައި، ކޯލްޑް ސްޓޯރޭޖަކާއި ފާނަ ޕްރޮސެސް ކުރުމަށް ޚާއްޞަ ފެސިލިޓީއަކާއެކު މަސް ކިރޭނެ ބަނދަރެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 

ސުނާމީގައި ސުންނާފަތިވި ކަނދޮޅުދޫގެ ރައްޔިތުން މިހާރު އާބާދުކޮށްފައިވަނީ ރ. ދުވާފަރުގައެވެ. ކަނދޮޅުދޫގައި ތަރައްޤީގެ މަޝްރޫޢެއް ހިންގަން ޙަވާލުކުރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރ. ދުވާފަރުގައި ބައިވެރިވަޑައިގަންނަވާ މަސްވެރިންގެ ދުވަހުގެ ޤައުމީ ޖަލްސާގައެވެ. 

ރާއްޖޭގައި ފާހަގަކުރާ 45 ވަނަ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންނެވީ މިއަދު ހެނދުނެވެ. 

ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖާއި، ފާނަ ޕްރޮސެސްކުރާ ފެސިލިޓީއާއި މަސް ކިރޭނެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކުރީ ތުރީވޭ އެންޓަަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑާއެވެ. 

އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމްއެވެ. ތުރީވޭގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޙަސަން އިބްރާހީމް އެވެ. 

ސުނާމީގައި ހަލާކުވުމުގެ ރ. އަތޮޅުގައި އޮތް އެންމެ މަސްވެރި ރަށަކީ ކަނދޮޅުދޫއެވެ. އަދި އެރަށު ރައްޔިތުން ދުވާފަރުގައި ވަޒަންވެރިވި ފަހުން ވެސް މަސްވެރިކަމުގެ މަސައްކަތްތައް ކުރެއެވެ.

ކަނދޮޅުދޫގައި މަސްވެރިކަމުގެ މަޝްރޫޢެއް ކުރިއަށްގެންދަން އެއްބަސްވުމުގައި ސޮއިކުރިއިރު، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދުވާފަރަށް ވަޑައިގެން، ކަނދޮޅުދޫގައި ކޯލް ސްޓޯރޭޖަކާއި ފާނަ މަސްވެރިކަމަށް ބޭނުންވާނެ ވަޞީލަތްތައް ތަރައްޤީކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. 

މަސްވެރިންގެ ދުވަހާ ގުޅިގެން ދުވާފަރުގައި ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން މަސްވެރިންގެ ގުންޒަރަކާއި، ކާބޯތަކެތީގެ މަޢުރަޒެއްގެ އިތުރުން މަސްކެނޑުމުގެ މުބާރާތަކާއި މަސް ރޭހެއް ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި މިއަދު ވަނީ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރައްވައި ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު