ENGLISH

13 ޑިސެމްބަރު 2025

Advertisement

މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމް ފަށައިފި

13 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމް (ޔޫއެޗްސީ ފޯރަމް) މިއަދު ފަށައިފިއެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އާއި ހެލްތު މިނިސްޓްރީއާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މި ފޯރަމް ކުރިއަށްދާނީ ޑިސެމްބަރު 13 އަދި 14 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައެވެ. 

ރާއްޖެއާއި ރާއްޖޭން ބޭރުން ބައިވެރިވާ ފަރާތްތައް ހިމެނޭހެން 100 އަށްވުރެ ގިނަ ބައިވެރިން، މި ފޯރަމްގައި ޢަމަލީގޮތުން ބައިވެރިވެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިތުރުން، ގުޅުން ހުރި އެހެން އިދާރާތަކާއި ޞިއްޙީ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކާއި، ޞިއްޙީ ދާއިރާއިން ތަޢުލީމާއި ތަމްރީންދީ ދިރާސާ ކުރާ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތަށް ހިމެނެއެވެ.

ރާއްޖެއިން ބޭރުން ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި، އެ ޤައުމުތަކުގެ ތަޖުރިބާ ޙިއްޞާކުރުމަށް އިންޑިއާ، ބޫޓާން، ސްރީލަންކާ، އިންޑޮނީޝިއާ އަދި ފިލިޕީންސް ހިމެނެއެވެ. އަދި، ބައިނަލްއަޤްވާމީ އިތުރު އެޖެންސީތަކުން ވެސް މި ފޯރަމްގައި ބައިވެރިވެއެވެ. 

މި ފޯރަމްގެ މަޤްޞަދަކީ އެކަށީގެންވާ ފެންވަރުގެ ޞިއްޙީ ޚިދުމަތް، ތަފާތެއްނެތި އަދި އެއްވެސް މީހަކު ބާކީ ނުވާނޭހެން، އެމީހަކު ދިރިއުޅޭ ކޮންމެ ތަނަކުން ފަސޭހަކަމާއި އެކު ލިބޭނެ ގޮތް ހެދުމެވެ. 

ރާއްޖޭން ވަނީ ޔޫއެޗްސީގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ގާތްގަނޑަކަށް 70 އިންސައްތައިގަ ސާވިސް ކަވަރޭޖް އިންޑެކްސެއް ހާސިލުކޮށްފައިވެއެވެ.

ސިއްޙީ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކަށްބަލާއިރު، ރައްޔިތުންގެ ބައިވެރިވުމާއެކު ރައްޔިތުންނާ ގާތުން ރައްޔިތުންގެ ޙާލަތަށް ރިޢާޔަތްކޮށްގެން ޚިދުމަތް ދިނުމަށްޓަކައި، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޕްރައިމަރީ ހެލްތު ކެއަރގެ އުޞޫލަށް ޚިދުމަތްތައް ބައްޓަންކުރުމް ހިމެނެއެވެ. އަދި، ދުރާލާ ބަލިން ރައްކާތެރިވުމަށް "ޕްރިވެންޓިވް ހެލްތު ކެއަރ" ޕްރޮގްރާމްތައް ފެށުމާ، މެޑިކަލް ޗެކަޕް ތަޢާރަފު ކުރުމާ، އާސަންދައިގެ ނިޒާމަށް ގެނެވިފައިވާ ހެޔޮ ބަދަލު ހިމެނެއެވެ.

އިމަޖެންސީ ސިއްޙީ ޚިދުމަތަށް ޚާއްސަ މުއައްސަސާއެއް އުފައްދާ، ކުއްލި ޙާލަތުގައި ބަލިމީހުންނަށް އަވަހަށް ފަރުވާ ޔަޤީން ކުރުމަށް އެއަރ އެމްބިއުލަންސްގެ ޚިދުމަތް ތައާރަފުކުރުމާ، ބިދޭސީ މަސައްކަތްތެރިންގެ ޞިއްޙީ ކަންކަން ހަރުދަނާ ކުރުމާއި، މައިންނާއި ތުއްތު ކުދިންނަށް ލިބޭ ޞިއްޙީ ފަރުވާއާއި ޚިދުމަތުގެ ރެކޯޑްތަކާއި ޞިއްޚީ މައުލޫމާތު ހޯދާ ޢާއްމު ފަރާތްތަކަށްވެސް "މޯލްޑިވްސް އިންޓަރގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް"، މެދުވެރިކޮށް ބެލޭނެ އިންތިޒާމު ވެސް ރާއްޖެއިން ވަނީ ހަމަޖައްސައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު