ENGLISH

13 ޑިސެމްބަރު 2025

Advertisement

ދުވާފަރު ދަނާލާއި ޓްރެއިނިން އޭރިއާ އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

13 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ރ. ދުވާފަރުގައި ދަނާލް އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުން. ފޮޓޯ: ރައީސް އޮފީސް

ރ. ދުވާފަރުގައި ސަރުކާރުން އިމާރާތްކުރަ ދަނާލާއި ޓްރެއިނިން އޭރިއާ އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. 

ދުވާފަރުގައި އޮތް އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. 

ދަނާލާއި ޓްރެއިނިން އޭރިއާ އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ، މަތީ ތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ.

ދުވާފަރުގައި މި އިމާރާތުގެ މަސައްކަތް ކުރާނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުންނެވެ.

ދުވާފަރުގައި އަޅާނީ 30 ކޮޓަރީގެ ދަނާލެކެވެ. ކޮޓަރިތަކުގެ އިތުރުން، ކެއިންބުއިމަށް ޚާއްޞަ ބަދިގެ ވެސް އެ އިމާރާތުގައި ތަރައްޤީކުރާނެއެވެ. އަދި، އިތުރު ހަރަކާތްތައް ކުރިއަށްގެންދެވޭނެ ޖާގަތައް ވެސް ދަނާލުގައި ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ކްލާސްރޫމްތަކާއި، ލެބަކާއި، އިދާރީ އޮފީސް ހިމެނެއެވެ. 

ދަނާލުގައި ޤާއިމުކުރާ ވަޞީލަތްތަކާއެކު ތަމްރީނުތަކަށް އެ ވަޞީލަތްތައް ބޭނުންކުރެވޭނެ އިންތިޒާމު ވެސް ހަމަޖެހިގެންދާނެއެވެ. 

ދުވާފަރު ދަނާލުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ވަނީ ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި ދަނާލް އިމާރާތްކުރުމަށް ނިންމައިފައެވެ. ދަނާލު މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ރ. ދުވާފަރުގެ އިތުރުން ރ. ހުޅުދުއްފާރު، ގއ. ވިލިނގިލީގެ އިތުރުން ފުވައްމުލައް ސިޓީގައެވެ.

ރާއްޖޭގެ ހަތަރު ސަރަޙައްދުގައި ޤާއިމުކުރާ ދަނާލުތަކުގެ ސަބަބުން، އަމިއްލަ ރަށުން ލިބެން ނެތް، މަތީ ތަޢުލީމުގެ ފުރުޞަތުތައް ހޯދުމަށް، އެހެން ރަށްރަށަށް ދާން ބޭނުންވާ ދަރިވަރުންނަށް އެ ރަށްރަށަށް ގޮސް ޢާއިލާއާއެކު ހެޔޮއަގެއްގައި ތިބެވޭނެ ފުރުޞަތު ފަހިވެގެންދާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. 

ކިޔުންތެރިންގެ ހިޔާލު